ޚަބަރު

ދެކުނު ކޮރެއާ އާއި އެމެރިކާއިން ކޮރެއާ ބައްރުގައި ހިންގާ ޕްރޮގްރާމްތައް ހުއްޓާލާނެކަން އިޢުލާންކޮށްފި


އެމެރިކާ އާއި ދެކުނު ކޮރެއާ ގުޅިގެން ކޮރެއާ ބައްރުގައި ހިންގާ ބޮޑެތި އަސްކަރީ ތަމްރީނުތައް ހިންގުން ހުއްޓާލާނެ ކަން ދެ ޤައުމުން އިއުލާންކޮށްފިއެވެ.

އެމެރިކާގެ ދިފާޢީ ވުޒާރާ ޕެންޓަގަންއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެސަރަހައްދުގައި ދެގައުމުން ހިންގާ އަސްކަރީ ތަމްރީނުތައް ހުއްޓާލުމަށް ދެ ޤައުމަށް ނިންމާފައިވަނީ ދެގައުމުގެ ދިފާޢީ ވަޒީރުންގެ ފޯނުން މަޝްވަރާކުރެއްވުމަށް ފަހުގައިކަމަށެވެ.

އެހެންނަމަވެސް މިއީ ވަގުތީ ނުވަތަ ދާއިމީ ނިންމުމެއްކަމެއް އަދި ސާފެއް ނުވެއެވެ. ދެ ޤައުމުން ބުނެފައިވަނީ ދެގައުމުން ގުޅިގެން ހިންގާ ކުދި ކުދި ތަމްރީނުތައް ކުރިއަށްދާނެ ކަމަށެވެ.

މި ދެ ޤައުމުން ބޮޑެތި އަސްކަރީ ތަމްރީނުތައް ހުއްޓާލުމަށް ނިންމާފައިވަނީ އުތުރު ކޮރެއާ އާއި އެމެރިކާއާ ދެމެދު ޤާއިމުކުރަން މަސައްކަތްކުރާ ނިއުކްލިޔަރ އެއްބަސްވުމަށް ފުރުސަތުދިނުމުގެ ގޮތުންކަމަށް ވަނީ ބެލެވިފައެވެ.