ސްރީ ލަންކާގެ އޯލް އައިލޭންޑް ފުޓުބޯޅަ މުބާރާތުން ހޮވި އެންމެ މޮޅު އަށް ކުޅުންތެރިންގެ ތެރޭގައި ދިވެހި ރާއްޖޭގެ ޒުލައިޚާ އީން މުހައްމަދު ހިމެނިއްޖެއެވެ.
ސްރީލަންކާގެ ގޭޓްވޭ ކޮލެޖްގައި ތައުލީމު ހާސިލުކުރަމުން ދާ އުމުރުން ތޭރަ އަހަރުގެ އީން، އެންމެ މޮޅު އަށް ކުދިންގެ ތެރޭގައި ހިމެނުނު މުބާރާތުގައި ލަންކާގެ ނުވަ ޕްރޮވިންސެއްގެ ސްކޫލްތަކުން އެކި އުމުރުފުރާ ތަކުގެ ތޭރަ ހާސް ދަރިވަރުން ބައިވެރިވެފައިވެއެވެ.
އީން ވަނީ ވޭތުވެދިޔަ އަހަރު ގޭޓްވޭ ސްކޫލްގެ އިންޓަރ ހައުސް ފުޓުބޯޅަ މުބާރާތުގައި ބައިވެރިވެ ލިއޮނެލް ހައުސްއާއެކު ޗެމްޕިއަން ތަށި އުފުލާލާފައެވެ. އަދި ސްރީލަންކާގެ ގައުމީ އިންޓަރ ސްކޫލް މުބާރާތުން ގޭޓްވޭ ކޮލެޖްގެ ޓީމަށް ޗެންޕިއަންކަން ހޯދައިދިނުމުގައިވެސް އީން މުހިންމު ދައުރެއް އަދާކޮށްފައިވެއެވެ.
ފުޓުބޯޅައިގެ އިތުރުން ކަރާޓީ، ނެޓްބޯޅަ އަދި ޓެނިހުންވެސް އީން ވަނީ ހުނަރު ދައްކާ، ކާމިޔާބީތައް ހޯދާފައެވެ.
ހާއްސަކޮށް ކަރާޓީގައި އީން ވަނީ 2017 ވަނަ އަހަރު ބައިވެރިވި ކޮލަންބޯ ޑިސްޓްރިކްޓް ޗެމްޕިއަންޝިޕާއި، އިންޓަނޭޝަނަލް ސްކޫލް ކަރާޓީ ޗެމްޕިއަން ޝިޕްގެ އިތުރުން ގައުމީ ކަރާޓީ މުބާރާތުންވެސް އެންމެ މަތީ ވަނަ ހާސިލްކޮށްފައެވެ. އެއާއެކު އީންވަނީ ވޭތުވެދިޔަ އަހަރު ކަރާޓީއިން ގޭޓްވޭ ކޮލެޖްގެ މެރިޓް އެވޯޑްވެސް ހޯދާފައެވެ.
ޕީއެސްއެމް ސްޕޯޓްސްއާ ވާހަކަދައްކަމުން އީންގެ މަންމަ، އާމިނަތު ޖޭޒްމީންވެސް އީން ސިފަކުރީ ކުޑައިރުއްސުރެވެސް އެކި ކުޅިވަރުތަކަށް ހާއްސަ ޝައުގުވެރިކަމެއް ހުންނަ، ކިޔެވުމަށްވުރެ ބޮޑަށް ކުޅިވަރަށް ސަމާލުކަމާއި ވަގުތު ހުސްކުރާހިތްވާ، "ސްޕޯޓީ" ކުއްޖެއްގެ ގޮތުގައެވެ.
ސްރީލަންކާގެ އޯލް އައިލޭންޑް ފުޓުބޯޅަ މުބާރާތުން ހޮވޭ ގަދަ އަށަކަށް މައިލޯގެ ފަރާތުން ބާސެލޯނާ ފުޓުބޯޅަ ކްލަބާއެކު ޗައިނާގައި ތަމްރީނު ވުމުގެ ފުރުސަތު ލިބޭގޮތަށްވަނީ ހަމަޖެހިފައެވެ. ނަމަވެސް އީން އަކީ ރާއްޖެއަށް ނިސްބަތްވާ ކުޅުންތެރިއަކަށް ވުމާއެކު އެފުރުސަތު އަދި ޔަގީން ނުވާކަމަށާއި، ވަކިގޮތެއް އަދި ނޭނގޭކަމަށްވެސް އީންގެ މަންމަ ބުންޏެވެ.
ފުޓުބޯޅައިގައި ލަންކާ ތަމްސީލު ކުރުމުގެ ވިސްނުމެއް އީންގެ ހުރޭތޯ ކުރި ސުވާލަށް ޖަވާބުދެމުން އީންގެ މަންމަ ބުނީ އީންއަކީ ރާއްޖެ ދެކެ ލޯބިވާ ބޮޑަށް ރާއްޖޭގައި ދިރިއުޅޭ ހިތްވާ ކުއްޖެއް ކަމަށާއި، މުބާރާތްތަކުގައި ރާއްޖެ ތަމްސީލުކުރުމަކީ އީންގެ އުންމީދެއް ކަމަށެވެ. ނަމަވެސް އީން ބޭނުންވާ ގޮތަށް އީންގެ ކުޅިވަރުގެ ކެރިއަރ ގެންދިޔުމުގެ އިހުތިޔާރު އޮންނާނެކަމަށެވެ.