އެފްއޭއެމްއިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަ ނުދިނުމުން ވިކްޓްރީ ސްޕޯޓްސް ކްލަބުން، މެމްބަރު ކްލަބްތަކާއެކު، މި މަހުގެ ފަނަރައިގަ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމާ އެކަން އިއުލާނުކޮށްފިއެވެ.
ވިކްޓްރީއިން އިސްނަގައިގެން 50 އިންސައްތަ މެމްބަރު ކްލަބް ތަކާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ތާވަލު ކުރީ، ފެބްރުއަރީ ދިހަ ވަނަ ދުވަހު އެފްއޭއެމްގައި އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަދިނުމަށް އެދުމުން އެފްއޭއެމުން ކޮންގްރެސް ބާއްވަ ނުދިނުމުންނެވެ.
އެފްއޭއެމްގެ ގަވާއިދުގައި ވާ ގޮތުން އެފްއޭއެމްގެ މެމްބަރު ކްލަބްތަކުގެ ފަންސާސް އިންސައްތަ މެމްބަރުން ހުށަހަޅައިފިނަމަ 14 ދުވަސްތެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަކީ އެފްއޭއެމްގެ އެގްޒެކެޓިވް ބޯޑުގެ ޒިންމާއެކެވެ. އަދި މި މުއްދަތު ތެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ނުބާއްވައިފިނަމަ، އެސޯސިއޭޝަންގެ މެމްބަރުންނަށް އޭއެފްސީ އަދި ފީފާގެ އެހީތެރިކަމާއެކު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމުގެ ބާރު ލިބިގެންވެއެވެ.
އެފްއޭއެމުންވަނީ ފެބްރުއަރީ ދިހަ ވަނަ ދުވަހު ވިކްޓްރީއިން ހުށަހެޅި ހުށަހެޅުމުގައި ޝަރުތު ހަމަނުވާ ކަމަށްބުނެ، އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ނުބޭއްވުމަށް ނިންމާފައެވެ.
އެފްއޭއެމުން ބުނެފައިވަނީ، ވިކްޓްރީގެ ހުށަހެޅުމުގައި ހިމެނޭ 15 ކްލަބްގެ ތެރެއިން ނިއުރޭޑިއެންޓްގެ ސަސްޕެންޝަންއާއެކު ނިއުއަށް ފުޓުބޯޅައިގެ ހަރަކާތްތަކުގައި ބައިވެރި ނުވެވޭނެކަމަށާއި، ރޮކްސްޓްރީޓް އަދި ފޯކައިދޫ އެފްސީ އެފްއޭއެމްގެ މެމްބަރުން ނޫންކަމުން، އެ ކްލަބްތަކަށް ކޮންގްރެސްއަކަށް އެދުމުގެ ހައިސިއްޔަތެއް ނެތްކަމަށެވެ.
މި ތިން ކްލަބް ނުލާވެސް އެފްއޭއެމްގެ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ޝަރުތުހަމަވެއެވެ.
ނަމަވެސް އެފްއޭއެމުން ބުނެފައިވަނީ ޝަރުތު ހަމަނުވަނީ، ބާކީ ބާރަ ކްލަބްގެ ތެރެއިން އިތުރު ހަތަރު ކްލަބަކުން އެމީހުންގެ ސޮއެ އަނބުރާ ގެންގޮސްފައި ވާތީކަމަށެވެ.
ވިކްޓްރީން ބުނީ އެއްވެސް ކްލަބަކުން ވިކްޓްރީއާއެކު ވެފައިވާ އެއްބަސްވުން އުވާލާ ސޮއެ އަނބުރާ ގެންގޮސްފައި ނުވާކަމަށެވެ. އެއާއެކު ވިކްޓްރީއިން މާޗް ފަނަރައިގަ ބާއްވަން ތާވަލުކޮށްފައިވާ ކޮންގްރެސްއަށް ބާރުދޭ ކްލަބްތަކުގެ ލިސްޓުން، ނިއުރޭޑިއެންޓް، ރޮކްސްޓްރީޓް އަދި ފޯކައިދޫ ފިޔަވައި އެހެން އެއްވެސް ކްލަބެއް އުނި ކޮށްފައެއްވެސް ނުވެއެވެ.
ވިކްޓްރީންވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ތާވަލުކުރިކަން އެފްއޭއެމަށް އަންގާ، ކޮންގްރެސްގެ އެޖެންޑާއާއެކު އެފްއޭއެމަށް މި ކޮންގްރެސްގައި ބައިވެރިވުމަށް ދައުވަތުދީ ސިޓީ ފޮނުވާފައެވެ.
ސިޓީގައި ވިކްޓްރީއިން ބުނެފައިވަނީ، އެފްއޭއެމްގެ މެނޭޖްމަންޓުން އިހުމާލު ވެފައިވާ ކަންތައް ބަލައި އަޅަން ޖެހޭ ފިޔަވަޅު އެޅުމަށް ބޭއްވޭ ކޮންގްރެސްއަކަށް ވުމާއެކު، އެފްއޭއެމްގެ ގަވާއިދު ބުނާގޮތުން ކޮންމެ މީހަކަށްވެސް އަމިއްލަ ނަފްސް ދިފާއުކޮށް ވަކާލާތު ކުރުމުގެ ހައްގު ލިބިގެން ވާތީ، އެފްއޭއެމްގެ އެގްޒެކެޓިވް ބޯޑުގެ މެމްބަރުންނަށާއި އެފްއޭއެމްގެ ރައީސަށްވެސް މި ކޮންގްރެސްގައި ބައިވެރިވުމަށް ދައުވަތު ދޭކަމަށެވެ.
ކޮންގްރެސްގައި ފުރަތަމަ ޑިވިޝަންގެ ކޮންމެ މެމްބަރަކަށް ދެ ވޯޓް ލެވޭއިރު ދެވަނަ ޑިވިޝަނާއި ތިންވަނަ ޑިވިޝަންގެ ކޮންމެ މެމްބަރަކަށް ލެވޭނީ އެއްވޯޓެވެ. އެހެން ކަމުން ފުރަތަމަ ޑިވިޝަންގެ ފަސް ކްލަބާއި، ދެވަނަ ޑިވިޝަންގެ ހަ ކްލަބާއި، ތިންވަނަ ޑިވިޝަންގެ އެއް ކްލަބާއެކު، ޖުމްލަ 17 ވޯޓް ވިކްޓްރީއާއެކު ކޮންގްރެސްގައި ބައިވެރިވާ ކްލަބްތަކަށް ލިބޭނެއެވެ.
ސަސްޕެންޑް ވެފައިވާ ކްލަބްތަކާއި، އެފްއޭއެމްގެ މެމްބަރ ޝިޕް ނެތް ކްލަބުތައް ނުހިމަނާ، އެފްއޭއެމްގެ ކޮންގްރެސްގައި މެމްބަރުންނަށް ލެވޭނެ ޖުމްލަ ވޯޓްގެ އަދަދަކީ ބާވީހެވެ. ބާވީސް ވޯޓްގެ ތެރެއިން ސަތާރަ ވޯޓްގެ ހައްގުވެރިން ކޮންގްރެސްގައި ބައިވެރިވާކަމަށާއި އެއީ ގާބިލް ވޯޓްގެ ޖުމްލަ ތިން ބައިކުޅަ ދެ ބަޔަށްވުރެ ބޮޑު އަދަދެއްކަންވެސް ވިކްޓްރީންވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވަން ބާރުއަޅާ ކަމެއްގެ ގޮތުގައި، އެފްއޭއެމަށް ފޮނުވި ސިޓީގެ ތަފްސީލުގައި ފާހަގަކޮށްފައެވެ.
ވިކްޓްރީން އިސްނަގައިގެން ބާއްވާ ކޮންގްރެސްގެ އެޖެންޑާގައި، އެފްއޭއެމްގެ މިހާރުގެ އެގްޒެކްޓިވް ކޮމިޓީ އުވާލުމާއި، އަލުން އެފްއޭއެމްގެ އިންތިޚާބު ބޭއްވުމަށް ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލުން ހިމެނެއެވެ.
ވިކްޓްރީއިން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނިންމިކަން އެފްއޭއެމަށް އެންގުމުން އެފްއޭއެމުން ޖަވާބުގައި ބުނީ، ވިކްޓްރީއިން ފެބްރުއަރީ 10 ވަނަ ދުވަހު ހުށަހެޅި ހުށަހެޅުމަކީ، ފީފާގެ މިންގަނޑުތަކާއި ހިލާފު ބާތިލު ހުށަހެޅުމެއް ކަމަށް ނިންމާފައި ވާކަމަށެވެ. އެހެންކަމުން 14 ދުވަހުގެތެރޭ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ނުޖެހޭ ކަމަށްބުނެ، މެމްބަރުންގެ ހުރިހާ ޝަކުވާތަކެއް 25 ވަނަ ދުވަހުގެ ކޮންގްރެސްގައި ހުށަހެޅުމަށް ބުނި ބުނުން އެފްއޭއެމުންވަނީ ތަކުރާރުކޮށްފައެވެ.
އެފްއޭއެމުން ބުނީ ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލުމަކީ ހަމައެކަނި ފީފާއަށް ލިބިގެންވާ ބާރެއް ކަމަށާއި އަދި އެފްއޭއެމްގެ މެނޭޖްމެންޓުން އިހުމާލުވެފައިވާކަމަށް ބުނެ ވިކްޓްރީއިން ފާހަގަކޮށްފައި ވާ ނުކުތާތަކަކީ އެއްވެސް ބުރަދަނެއް ހުރި ވާހަކަތަކެއް ނޫންކަމަށެވެ. އަދި ގާނޫނުތަކާއި ގަވާއިދަށް ފުށޫއަރާގޮތަށް ބޭއްވޭ ކޮންގްރެސްއެއްގައި ނިންމޭ ނިންމުމަކަށް އެފްއޭއެމުން ތަބާ ނުވާނެ ކަމަށެވެ.
މިއާ ގުޅިގެން ވިކްޓްރީން ވަނީ އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް މެމްބަރުންނަށް ވާގިވެރިވުމަށް އެދި އޭޝިއަން ފުޓްބޯލް ފެޑަރޭޝަން (އޭއެފްސީ) ގައި އެދިފައެވެ. އަދި ފީފާއާއި އޭއެފްސީއިން މި ކޮންގްރެސް ބޭއްވުމަށް މެމްބަރު ކްލަބް ތަކަށް އެއްބާރުލުންދޭން ނިންމާފައި ވާ ކަމަށާއި، އަންގާރަ ދުވަހު ފީފާ އަދި އޭއެފްސީގެ ފަރާތުން ރާއްޖެ ވަޑައިގަންނަވާ ބޭފުޅުން މެމްބަރު ކްލަބުތަކާ ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވާކަމަށް ވިކްޓްރީއިން މައުލޫމާތުދެއެވެ.