ޚަބަރު

އެފްއޭއެމްގެ ވެރިން ބަދަލް ކުރުމަށް ކުރާ މަސައްކަތުގައި މިއީ ފެށުމެއް - ނާޝިދު


އެފްއޭއެމުގެ ވެރިން ބަދަލުކުރަން ވިކްޓަރީން ކުރާ މަސައްކަތުގައި އަންނަ ހުކުރު ދުވަހު ކާމިޔާބު ނުލިބިދާނެ ކަމަށާއި އެކަމަކު މިއީ ފެށުމެއް ކަމަށް ވިކްޓްރީގެ ޗެއާރމަން އިބްރާހީމް ނާޝިދު ވިދާޅުވެއްޖެއެވެ. ޕީއެސްއެމްގެ ދިވެހި ފުޓްބޯޅަ ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން ނާޝިދު ވިދާޅުވީ އެފްއޭއެމުގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިތުބާރު ނެތްކަމުގެ ވޯޓަށް ވިކްޓަރީއަށް ސޮއިދީފައިވާ ކުލަބުތަކުން ބައްސާމާއެކު ޕްރެސް ކޮންފަރެންސެއްގައި ބައިވެރިވުމަކީ ކުލަބުތައް ނީލަމަށް ލާފައިވާ ކަމުގެ ހެއްކެއް ކަމަށެވެ. މިހެންވެ ވިކްޓަރީ އަށް ނާކާމިޔާބު ވެދާނެ ކަމަށާއި ނަމަވެސް އެކުލަބުން މަސައްކަތް ހުއްޓާނުލާނެ ކަމަށެއެވެ. ވިކްޓަރީއަށް 15 ކުލަބަކުން ތާއީދުކޮށްފައިވާއިރު ނާޝިދު ވިދާޅުވީ އެފްއޭއެމާ ދެކޮޅަށް މަސައްކަތް ކުރަންޖެހުނީ ދިވެހި ފުޓްބޯޅަ ކުރިއަށް ނުދާތީ ކަމަށެއެވެ. ފާއިތުވެދިޔަ ހަތަރު އަހަރަށް ބަލާއިރު ކުލަބުތަކަށް ސަރުކާރުން ފައިސާދިނަސް ގިނަ ކުލަބުތައް ވަނީ މަގުމަތިވެފައި ކަމަށާއި ރާއްޖޭގެ ފުޓްބޯޅައިގެ ބްރޭންޑްނަންތައް މަޑުމަޑުން ފޮހެވެން ފަށައިފި ކަމަށް ނާޝިދު ވިދާޅުވިއެވެ. މިހެންވެ ވިކްޓަރީން މަސައްކަތް ކުރާނީ އިތުބާރު ނެތްކަމުގެ ވޯޓާއެކު އަސާސީ ގަވާއިދު އިސްލާހުކޮށް މިހާރު ވޯޓުލާ 13 ކުލަބުގެ ބަދަލުގައި މުޅި ރާއްޖެ ބައިވެރިވާ އިންތިހާބަކަށް ކަމަށް ވެސް ނާޝިދު ވިދާޅުވިއެވެ.