ސިޔާސީ

ސަރުކާރު ކޯލިޝަނަށްގައި ހިމެނޭ މައި ދެޕާޓީގެ ކޯޅުން، ކޯލިޝަން ރޫޅިދާނެ!؟


މިދިޔަ 2018 ވަނަ އަހަރުގެ ސެޕްޓޭމްބަރު 23 ވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު، އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އިބްރާޙީމް މުޙައްމަދު ޞާލިޙް، ބޮޑު ތަފާތަކުން ކާމިޔާބުކޮށްފައިވަނީ އޭރު ވެރިކަން ކުރެއްވި އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމާމެދު ހިންހަމަނުޖެހި، އޭރުގެ ސަރުކާރު ގެންނަން މަސައްކަތްކުރި ބޭފުޅުން ސަރުކާރުން ވަކިވެ، އިދިކޮޅު ޕާޓީތަކާއި ސިޔާސީ ލީޑަރުންގުޅިގެން ކުރި މަސައްކަތުންނެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމާއެކު މާގިނަ ދުވަސްތަކެއް ނުވަނީސް ސަރުކާރު އެކުލަވާލުމުގައި ކޯލިޝަންގެ މެދުގައި ޚިޔާލުތަފާތުވުންތަކެއް އުފެދުނުކަމުގެ އަޑު ނުހަނު ބާރަށް ފެތުރިގެންދިއައެވެ. ރައީސް ސާލިޙް އެމް.ޑީ.ޕީގެ ކެނޑިޑޭޓެއްގެ ގޮތުގައި އިންތިޚާބުވިނަމަވެސް ގިނަ ޕާޓީތައް ހިމެނޭ ކޯލިޝަނެއްގެ ތެރެއިން ސަރުކާރެއް އެކުލަވާލުމަށް މައްސަލަތަކެއް އުފެދުނު ހިސާބުންފެށިގެން ކޯލިޝަން ދެމި އޮވެދާނެ ކަމާމެދު ގިނަ ބަޔަކު ސުވާލު އުފެއްދިއެވެ. ނަމަވެސް 17 ނޮވެންބަރުގައި ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން އެކުލަވާލެއްވި ކެބިނެޓުން ފެނިގެންދިޔައީ ކޯލިޝަންގައި ހިމެނޭ ހުރިހާ ޕާޓީތަކާއި ލީޑަރުންގެ ފަރާތުން ހުށަހެޅުއްވި ބޭފުޅުންވެސް ކެބިނެޓްގައި ހިމެނިގެން ދިއުމެވެ.

މިގޮތުން ބަންޑާރަ ނާއިބު ހިމެނޭހެން 20 ބޭފުޅުން ހިމެނިވަޑައިގަންނަވާ ރައީސް ޞާލިޙްގެ ކެބިނެޓްގައި އެންމެ ގިނައިން ތިއްބެވީ ވެރިކަން ކުރާ އެމް.ޑީ.ޕީއަށް ނިސްބަތްވާ ބޭފުޅުންނެވެ. ދެވަނައަށް އެންމެ ގިނަ ވަޒީރުން ކެބިނެޓްގައި ތަމްސީލުކުރައްވަނީ ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީ ތަމްސީލުކުރައްވާ ކެނޑިޑޭޓުންނެވެ. އަދި މިކެބިނެޓްގައި ކުރީގެ ރައީސް މައުނާއި، އަދާލަތު ޕާޓީގެ ސްލޮޓްތަކަށްވެސް ވަޒީރުން އައްޔަންކުރެވުނެވެ.

ވަޒީރުން އައްޔަންކުރެވުނު ގޮތާއި ގުޅިގެން އާންމު ފަރާތްތަކުން އޭރުވެސް ކަންބޮޑުވުން ފާޅުކުރަމުން ދިޔައެވެ. އެއީ ކޯލިޝަންގެ އެއް ލީޑަރުކަމުގައިވާ ޤާސިމް އިބްރާޙީމަކީ ރާއްޖޭގައި ގިނަ ދާއިރާތަކުން ވިޔަފާރިކުރައްވާ ބޭފުޅަކަށްވެފައި އެމަނިކުފާގެ މަސްލަޙަތު އޮންނަ ދާއިރާތަކަުގެ ވަޒީރުންގެ ގޮތުގައި ޤާސިމާއި ގާތްބޭފުޅުން އައްޔަންވެގެން ދިއުމެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީއާ ޓްރާންސްޕޯޓް މިނިސްޓްރިއާ ހެލްތު މިނިސްޓްރީއާ އެންވަޔަރަންމަންޓް މިނިސްޓްރީ އަދި މިނިސްޓްރީ އޮފް ސައިންސްގެ ވަޒީރުކަންވެސް ކުރައްވަނީ ޤާސިމްގެ ޖޭޕީ ބޭފުޅުއްނަށްވުމުން އެކަމާއި ކަންބޮޑުވުން ފާޅުކުރި ބޭފުޅުން މަދެއްނޫނެވެ.

ކޯލިޝަން ތެރޭގައި ހުރި މައްސަލަތައް ފެންމަތިވުން:

ސަރުކާރު ގެނައުމަށް އުފެއްދި ކޯލިޝަންގެ ތެރޭގައި ހުރި މައްސަލަތައް އެންމެ ބޮޑަށް ފާހަގަވެގެންދިޔައީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބުގައި ކޯލިޝަންގެ ފަރާތުން ވާދަކުރާނެ ކެނޑިޑޭޓުން ކަނޑައަޅަން ޖެހުނު ހިސާބުންނެވެ. ވެރިކަން ކުރާ ކޯލިޝަންގެ ފަރާތުން އިންތިޚާބުގައި ވާދަކުރާނެ ގޮތަކާމެދު ޕާޓީތަކުގެ ލީޑަރުންގެ މެދުގައި އެއްބަސްވުމަކަށް ނާދެވި އެމް.ޑީ.ޕީން މަޖިލިސްގެ ހުރިހާ ދާއިރާއަކަށް ވާދަކުރަން ނިންމި ނިމުމާއެކު ދެން ފެނިގެންދިޔައީ ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުންވެސް މަޖިލީހަށް ވާދަކުރަން ނިންމިއެވެ.

އެކަމުގައި އެއްގަލަކަށް ނޭރި އުޅެނިކޮށް ސަރުކާރާއި ހަވާލުވުމުގެ ކުރީން ރައީސް ޞާލިޙް ވެވަޑައިގެންނެވި ވައުދުތައް ފުއްދުމައްޓަކައި ބޭނުންވާ ޤާނޫނުތައް އިސްލާޙުކުރުމާއި، ޤާނޫނީގޮތުން ލިބެންޖެހޭ ބާރުތައް ހޯދުމަށް މަޖިލީހަށް ބިލްތަކެއް ހުށަހެޅުނެވެ. އެގޮތުން ގޮތް ނޭނގޭ މަރުތައް ތަޙްޤީގު ކުރުމަށާއި، ދައުލަތުގެ މުދަލަށް ޚިޔާނާތްތެރި ވެފައިވާ ފަރާތްތަކަށް ހޯދުމަށް އުފެއްދި ރިޔާސީ ކޮމިޝަންތަކުގެ ބިލު ސަރުކާރު ކޯލިޝަނަށް ސާފު އަޣްލަބިއްޔަތު މަޖިލީހުގައި އޮވެމެ ފާސް ނުވުމުން ވެރިކަން ކުރާ މައިޕާޓީގެ އިސްފަރާތްތަކާއި އެޕާޓީގެ މެންބަރުންގެ ނުރުހުން ކޯލިޝަންގައި ދެވަނައަށް އެނެމެ ބޮޑު ޕާޓީގެ މެންބަރުންނާއި އަމާޒުވިއެވެ. ރިޔާސީ ކޮމިޝަންތަކުގެ ބިލް މަޖިލީހުގެ ތަޅުމަށް ފޮނުވާފައި ވަނީ ބިލު ދިރާސާކުރި ކޮމެޓީން ފާސްކޮށްފައި އޮތް ގޮތަށް ނޫން ކަމަށް ކޮމެޓީގެ މެންބަރުންތައް ވިދާޅުވުމާއި ގުޅިގެން، ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ރިޔާސަތުގައި އިންނަވައިގެންވަނީ ބިލު މަޖިލީހުގެ އެޖެންޑާއިން ނަގައިފައެވެ.

އެމް.ޑީ.ޕީގެ ރައީސް މުޙައްމަދު ނަޝީދާ، ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ކޯޅުން:

ރިޔާސީ ކޮމިޝަންތަކުގެ ބިލް ފާސްނުވުމުގެ މާކުރިންވެސް ޤާސިމް އިބްރާހީމާ، ކުރީގެ ރައީސް ނަޝީދާ ދެބޭފުޅުންވަނީ ބަހުގެ ހޫނު ހަމަލާތަކެއް އަމާޒުކުރަމުންނެވެ. ޤާސިމް އިބްރާޙީމްގެ ވާހަކަފުޅުތަކުގައި އެމްޑީޕީގެ ރައީސަކީ މުހައްމަދު ނަޝީދު ކަމަށް ގަބޫލުފުޅު ނުކުރައްވާކަމަށް ވިދާޅުވެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުބާރު ނެތް ކަމުގެ ވޯޓެއް ނަގައި މަގާމުން ދުރު ކުރުމަށް ފަހު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމަށް ވަޑައިގަތުމުގެ މަސައްކަތްޕުޅު އެމްޑީޕީ ތެރޭގައި ކުރައްވަމުން ގެންދަވާ ކަމަށް ކަމުގެ ތުހުމަތުތަކެއް ވަނީ ކުރައްވާފައެވެ. އަދި ރައީސް ނަޝީދު މަސައްކަތްކުރައްވަނީ ރާއްޖެއަށް ބަރުލަމާނީ ނިޒާމު ރާއްޖެއަށް ގެންނަން ނަމަވެސް އެކަން ވިޔަނުދޭނެކަމަށް ޤާސިމް ވަނީ ވިދާޅުވެފައެވެ.

ހަމައެހެންމެ ރައީސް ނަޝީދުވެސް ގެންދަނީ ޤާސިމަށް ރައްދުދީ އެކި ޕްލެޓްފޯމްތަކުގައި ނުރުހުމުގެ ބަސްތައް ރައްދުކުރަމުންނެވެ. އެގޮތުން މަޖިލިސް އިންތިޚާބުގައި ހަމައެކަނި ހޮވަންވީ އެމް.ޑީޕީގެ ކެނޑިޑޭޓުން އެކަނިކަމަށް ނަޝީދުގެންދަވަނީ ވިދާޅުވަމުންނެވެ. އަދި މިހާރު ރައްޔިތުންގެ މަޖިލީހުގައި ހިނގާ ކަންކަމާމެދު ނުރުހުންފާޅު ކުރައްވައި ނަޝީދުގެންދަވަނީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމަށް ގެންނަން ހެދި ކޯލިޝަން މިހާރު ނުފެންނަ ކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ވިދާޅުވެފައެވެ.

ސަރުކާރާއި، ރައީސް ޞާލިޙަށްވެސް ޤާސިމްގެ ފާޑުކިއުން:

މަޖިލިސް އިންތިޚާބުގައި އިދިކޮޅު ކޯލިޝަންގެ ކެނޑިޑޭޓުންނަށް ތާއިދުކުރާކަން ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން އިއުލާންކޮށްފައިވާއިރު، ކުރީގެ ރައީސް ޔާމީންގެ މައްޗަށް ތުހުމަތު ކުރެވޭ މަނީ ލޯންޑްރިންގެ މައްސަލަ ނިމެންދެން ޖަލަށް ލާންކުރި ހުކުމާއި ގުޅިގެން ޤާސިމް ވަނީ ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާފައެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތައް ފަހަކަށް އައިސް ހިނގާފައި ވަނީ ރިޔާސީ އިންތިހާބުގައި ވައުދުވީ ގޮތަށް ނޫން ކަަމަށް ރައީސް އިބްރާހީމް މުހައްމަދު ޞާލިޙް ވިދާޅުވުމާއި ގުޅިގެން، މަޖިލީހުގެ ރައީސް އަދި ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވީ، އެމަނިކުފާނު ވިދާޅުވީ ކޮމިޝަންތަކަށް ރައީސް އައްޔަން ކުރެއްވި ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހަށް އެނގޭ ބައެއް ވެސް ނޫން ކަމަށެވެ. ކޮމިޝަންތަކުގެ ބިލް އޮތް ގޮތަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވި ގޮތުގައި އެ ބިލް އޮތީ އެހެން މުއައްސަސާތަކެއްގެ ބާރުތައް ނަކަލުވާ ގޮތަށެވެ.


ޖޭޕީގެ ލީޑަރޝިޕުގެ ނިންމުންތަކަށް އެޕާޓީގެ ސްލޮޓްގައި އައްޔަންކުރައްވާފައިވާ ވަޒީރުންގެ ފާޑުކިއުމާއި ނުރުހުން:

ވަޒިރުންގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ސްލޮޓުތަކުގައި ތިއްބެވި ވަޒީރުން ގެންދަވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙުގެ ސަރުކާރު ދިފާޢު ކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރާނެ ކަމަށާއި، އިދިކޮޅު ޕީޕީއެމްއާ ޕީއެންސީއާ ގުޅިގެން ދުވަހަކުވެސް މަސައްކަތް ނުކުރައްވާނެ ކަމަށް ވިދާޅުވަމުންނެެވެ.

ޖޭޕީ ލީޑަރޝިޕުގެ ޢަމަލުތައް ނުސީދާ ގޮތަކަށް ކުށްވެރިކޮށް އެންވަޔަރަމަންޓް މިނިސްޓަރ އަދި ޖޭޕީގެ ކުރީގެ އެކްޓިންގ ލީޑަރ ޑރ. ޙުޞައިން ރަޝީދު ޙަޞަން ކުރެއްވި ޓްވީޓެއްގައި ޖޭޕީގެ އަސްލު މެންބަރުން ޕީޕީއެމް އަދި ޕީއެންސީގެ ކެންޑިޑޭޓުންނަށް ވޯޓު ނުދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ، ސަރުކާރު ކޯލިޝަނަކީ އުވިގެންދާނެ ކޯލިޝަނެއް ނޫން ކަމަށާއި ވީހާލެއްގައި ވެގެންވެސް ރައީސް ޞާލިޙުގެ ސަރުކާރު ދިފާޢު ކުރަން ކޯލިޝަންގެ ބައިވެރިން މަސައްކަތް ކުރަމުންދާނެ ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ސްލޮޓެއްގައި ޓޫރިޒަމް މިނިސްޓަރު ކަމަށް ޢައްޔަން ކުރައްވާފައިވާ ޖޭޕީގެ ރައީސް އަލީ ވަޙީދު ވިދާޅުވީ މާތްﷲ ގަންދީ ޙުވާކޮށްގެން ތިއްބެވީ ދިވެހި ރައްޔިތުންނަށާއި ދިވެހި ޤައުމާއި ރައީސް ޞާލިޙަށް އިޚްލާސްތެރިކަމާއި އެކު ވަފާތެރިވުމަށް ކަމަށާއި، އެމްޑީޕީއާ އިޞްލާޙީ މަސައްކަތުގައި ޤުރުބާންވި ޖުމްހޫރީ ޕާޓީއާ އަދާލަތު ޕާޓީ އަދި އެމްއާރްއެމްގެ މެންބަރުންތައް ދޫކޮށް ޕީޕީއެމް، ޕީއެންސީގެ ފިކުރާ ގުޅިވަޑައިނުގަންނަވާނެ ކަމަށެވެ.

ސަރުކާރު ކޯލިޝަންގައި ހިމެނޭ ރައީސް މައުމޫނާއި އަދާލަތު ޕާޓީ ސަރުކާރާއެކު:

ރައިސް މައުމޫނު ވިދާޅުވީ، ޕާޓީތަކުން އެކުގައި މަޖިލީސް އިންތިޚާބުގައި ވާދަކުރުމަށް އެއްބަސްވި ކަމަށާއި އެގޮތަށް ވާދަ ކުރިނަމަ ރަނގަޅުވި ނަމަވެސް އެމް.އާރު.އެމުން އޮންނާނީ ސަރުކާރާއެކުގައި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައިކަމަށާއި އެންމެ ހަމަޖެހޭގޮތަކީ އެއީކަމަށެވެ. ރައީސް މައުމޫނު ވަނީ ރައީސް ޞާލިޙްގެ ސަރުކާރާ ދެކޮޅަށް، ޕީޕީއެމް، ޕީއެންސީ ކޯލިޝަނާއެކު މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީން ނިކުންނަށް ނިންމެވުމުން އެކަމާ، ދެކޮޅަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ދެއްކެވި ވާހަކަފުޅަށް ޝުކުރު އަދާކުރައްވާފައެވެ.

އަދާލަތު ޕާޓީން ބުނީ އަމާޒަކީ ކޯލިޝަން ވެރިކަން ދަމަހައްޓާ ސަރުކާރަށް މަޖިލީހުގެ އަޣްލަބިއްޔަތު ހޯދާދިނުންކަމަށާއި، އެ ޕާޓީ ބައިވެރިވާ ކޯލިޝަންގެ ވެރިކަން ދަމަހައްޓާ ސަރުކާރަށް އަޣްލަބިއްޔަތު އޮންނަ މަޖިލީހެއް އިންތިހާބުކުރުމަކީ ޕާޓީގެ މުހިއްމު އަމާޒެއްކަމަށެވެ. އަދި ޕާޓީގެ މަސްލަހަތަށް ރިއާޔަތްކޮށްގެން ޤައުމު ހަމަޖެހުމަށް އިސްކަންދީގެން ކުރިޔަށް ދިއުމަކީ އަދާލަތު ޕާޓީގެ ވިސްނުންކަމަށްވެސް އެޕާޓީން ވަނީ ބުނެފައެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރޝިޕުން ސަރުކާރާއި، ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީއަށް ފާޑުކިޔަމުން އަންނައިރު ސަރުކާރު ކޯލިޝަންގައި ހިމެނޭ ހަތަރު ޕާޓީގެ ލީޑަރުންނާއި ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިހު، މަހަކު އެއްފަހަރު ބާއްވަން އެއްބަސްވެވަޑައިގެންނެވި ލީޑަރުންގެ ބައްދަލުވުން ނުބޭއްވޭތާ ދެމަސް ދުވަސް ވަނީ ވެފައެވެ.