ރަމަޟާން މަހަކީ އެހެން މަސްމަހާ ޚިލާފަށް ކުނި ގިނަވާ މަހަކަށް ވާތީ ކުރިއަށް އޮތް ރަމަޟާން މަހަށް ވެމްކޯއިން ތައްޔާރުވަމުންދާކަމަށް ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯއިން ވިދާޅުވެއްޖެއެވެ.
ވޭސްޓް މެނޭޖްމަންޓް ކޯރޕަރޭޝަން، ވެމްކޯ އުފައްދައިގެން މާލޭގައި ޚިދުމަތް ދިނުމުގެ ތާރީޚުގައި ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ރަމަޟާން މަހު މާލޭގައި އުފައްދާ ކުނި މެނޭޖުކުރުމުގައި ދިމާވި ގޮންޖެހުންތައްކަމަށް ވެމްކޯއިން ވިދާޅުވެއެވެ.
އެހެންކަމުން ކުރިން ދިމާވި މައްސަލަތައް ތަކުރާރު ނުވާނެ ގޮތަށް ވެމްކޯގެ މަސައްކަތްތައް ބައްޓަން ކޮށްފައިވާކަމަށާއި، ކުނިނެގުމުގައި އަމަލީގޮތުން ހަރަކާތްތެރިވާ އެކުންފުނީގެ ވެށި ފާރަވެރިންނަށް މިކަމާ ގުޅޭ ޚާއްޞަ ތަމްރީނުތަކެއް ދެމުންގެންދާކަމަށް ވެމްކޯއިން މައުލޫމާތުދެއެވެ. އަދި ރަމަޟާންމަހު ކުނި ނެގުމުގެ ކަންކަން ކުރިއަށްގެންދާނެ ގޮތުގެ ޕްލޭނެއް މިހާރު އެކުލަވާލާފައިވާކަމަށް އެކުންފުނިން މައުލޫމާތުދެއެވެ.
ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވެމްކޯގެ މެނޭޖަރ، ހައުސް ހޯލްޑްސް މުޙައްމަދު ޝާން ވިދާޅުވީ މިދިޔަ އަހަރު ދިމާވި މައްސަލައަކީ ރޯދަމަހު ކުނި މަދުވާނެކަމަށް ބަލައިގެން ވެމްކޯގެ މަސައްކަތްތައް ބައްޓަން ކުރެވުން ކަމަށާއި، މިކަމުގެ ސަބަބުން ރަމަޟާންމަހުގެ ފުރަތަމަ ދުވަސްކޮޅު ކުނި މެނޭޖުކުރުމުގައި ދަތިތަކެއް ދިމާވިކަމަށެވެ. އެހެންނަމަވެސް މިފަހަރު މިކަމަށް ދުރާލާ ތައްޔާރުވެގެން ތިބިކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާކަމަށް ޝާން ވިދާޅުވިއެވެ.
"މިދިޔަ އަހަރު ރޯދަމަހަކީ ވަރަށް ބޮޑު ކްރައިސިސްއެއް. އޭރު އަޅުގަނޑުމެން އެހާ ބޮޑަށް ވިސްނައިގެނެއް ނޫން ތިބީ ކުނި ގިނަވާނެކަމަށް، އަޅުގަނޑުމެން ހީކޮށްގެންތިބީ ކުނި މަދުވާނެކަމަށް. ރޯދަމަހަށްވެފައި ރޯދަ ވީއްލާ ގަޑިއާއި ތަރާވީސް ގަޑިއާއި ހާރުކާ ގަޑީގައި އެކަނި ކެއުމުގެ ކަންކަން ކުރިއަށްގެންދާނީ ދުވާލުގެ ގަދިތަކުގައި ކެއުމެއް ނޯންނާނެ. އެހެންމަނަވެސް ހީކުރިގޮތަކަށް ނޫން ވީއެއް. ހީކުރިވަރަށްވުރެ ތިން ގުނަ ހަތަރު ގުނަ ކުނިވީ އިތުރު." ޝާން ވިދާޅުވިއެވެ.
މިދިޔަ ރަމަޟާން މަހު ކުނި ނެގުމުގައި ދިމާވި ލަސްތަކާ ގުޅިގެން އާންމުންގެ ޝަކުވާ ވަރަށްބޮޑަށް އިތުރުވިއެވެ. އެގޮތުން މާލޭގެ މަގުތަކުގައި ކުނި ބެހެއްޓުމުގެ މައްސަލަތައް މިދިޔަ ރަމަޟާންމަހު ވަރަށްބޮޑަށް އިތުރުވިއެވެ. އެހެންނަމަވެސް މިމައްސަލަ މިއަހަރުގެ ރަމަޟާންމަހު ދިމާނުވާނެކަމުގެ ޔަޤީންކަން ވެމްކޯއިން ދެއްވައެވެ.