ޚަބަރު

ދިވެހިންގެ ފަރާތުން ސީރިއާގެ ކުޑަކުދިންނަށް ފިނިހެދުން ބަހައިފި


ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ ފަރާތުން ސީރިއާގައި ހާލުގައި ޖެހިފައިތިބި ކުޑަކުދިން ފިނި މޫސުމުން ރައްކާތެރިވުމަށް ފިނި ހެދުން ބަހައިފިއެވެ.

ދުނިޔޭގެ އެކި ޤައުމުތަކުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ރާއްޖޭގައި ހިންގާ އިންޓަރނޭޝަނަލް އެއިޑް ކެމްޕޭން، އައިއޭސީއިން، "ސަރވައިވިންގ ވިންޓަރ ވިތް ސީރިއާ 2019" ކެމްޕޭންގެ ދަށުން ކުރިއަގެންދިޔަ ހަރަކާތުގައި ސީރިއާގައި ހާލުގައި ޖެހިފައިތިބި 100 އަށްވުރެ ގިނަ ކުޑަކުއްޖަކަށްވަނީ ފިނިމޫސުމުން ރައްކާތެރިވުމަށް ފިނި ހެދުން ބަހާފައެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިންޓަރނޭޝަނަލް އެއިޑް ކެމްޕޭންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ، "ސަރވައިވިންގ ވިންޓަރ" ސީރީސް ހިންގުމުގެ ބޭނުމަކީ، ފިނި މޫސުމުގައި ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައިޖެހިފައިތިބި ފަރާތްތަކަށް އެހީވުންކަމަށެވެ. ނާއިފް ވިދާޅުވީ، ހާލުގައި ޖެހޭ ފަރާތްތަކުގެ ތެރެއިން ކުޑަކުދިންނަކީ ނާޒުކު ބައެއްކަމުން އެކުދިންނަށް އެހީވުމަކީ އައިއޭސީއިން މުހިންމު އިސްކަމެއްދޭކަމެއްކަމަށެވެ. އެގޮތުން މި ފަހަރު މި ހަރަކާތުގައި ފިނި ހެދުން ބެހުމަށް ނިންމީވެސް ކުޑަކުދިން ފިނިން ރައްކާތެރިކުރުމަށް އިސްކަންދީގެން ކަމަށް ނާއިފް ވިދާޅުވިއެވެ.

މި ހަރަކާތުގެ ދަށުން ފިނި ހެދުން ލިބުނު ކުދިންވަނީ ދިވެހިންނަށް ޝުކުރުއަދާކޮށްފައެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނުން މިހާރުވެސް ދަނީ ފަލަސްތީނުގެ ޣައްޒާގައި ދިރިއުޅޭ ޔަތީމު ކުދިން ސްކޫލަށް ދިއުމަށް އެހީވުމަށް ސްކޫލް ބަހެއް ހަދިޔާކުރުމަށް ފައިސާ ހޯދުމުގެ ހަކަރާތެއް ހިންގަމުންނެވެ.

އިންޓަރނޭޝަނަލް އެއިޑް ކެމްޕޭނަކީ ދުނިޔޭގެ އެކިކަންކޮޅުތަކުގައި ހާލުގައި ޖެހެމުންދާ ފަރާތްތަކަށް އެހީވުމަށް ދިވެހިންގެ ބަޔަކު އިސްވެ 2016 ވަނަ އަހަރުން ފެށިގެން ހިންގާ ހަރަކާތެކެވެ. މި ކެމްޕޭންގެ ތެރެއިން މީގެކުރިންވެސް ސޫރިޔާއާއި، މިޔަންމާއާއި ޣައްޒާ ފަދަ ސަރަހައްދުތަކުގައި ހާލުގައިޖެހިފައިވާ މުސްލިމުންނަށް އެހީ ހޯދުމަށް ތަފާތު ހަރަކާތްތައް ހިންގައި، އެ ޤައުމުތަކުގައިތިބި ހާލުގައިޖެހިފައިވާ މީހުންނަށް އެހީތެރިކަން ފޯރުކޮށްދީފައިވެއެވެ.