ޚަބަރު

އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ 51 މީހަކު ހައްޔަރުކޮށްފި


ފަލަސްތީނުގެ ބިމަށް ވެރިވެގަނެގެން އުޅޭ އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނުގެ ފަންސާސް އެއްމީހުން ހައްޔަރުކޮށްފިއެވެ. ފަލަސްތީނުގެ އަސީރުންނާބެހޭ ނާދީން ބުނީ އިސްރާއީލުން ހައްޔަރުކުރި ފަލަސްތީނުގެ ފަންސާސް އެއް މީހުންގެ ތެރޭގައި ކުޑަކުދިންނާއި އަންހެނުން ހިމެނޭކަމަށާ އެމީހުން ހައްޔަރުކޮށްފައިވަނީ ފާއިތުވި ސައުވީސް ގަޑީއިރު ތެރޭގައިކަމަށެވެ.

އަދި އިސްރާއީލުގެ ޖަލުތަކުގައި ފަލަސްތީނުގެ ހަތްހާހަށްވުރެ ގިނަ މީހުން މިހާރުވެސް ހައްޔަރުކޮށްފައިވާ ކަމަށް އަސީރުންނާބެހޭ ފަލަސްތީނުގެ ނާދީން ބުނެއެވެ. އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުން އަންގާރަދުވަހުވަނީ އިރުމަތީ ގުދްސާއި ހުޅަނގު އައްސޭރީގެ ބައެއް ސަރަހައްދުތަކުގެ ގެތަކަށް ގަދަބާރުންވަދެ އަސްކަރީ އޮޕަރޭޝަނެއް ހިންގާފައެވެ.

ފަލަސްތީނުގެ ފަންސާސް އެއްމީހުން ހައްޔަރުކުރީ އެއޮޕަރޭޝަންގައި ކަމަށް އަސީރުންނާބެހޭ ފަލަސްތީނުގެ ނާދީން ނެރުނު ބަޔާނެއް ބުނެއެވެ. މިކަމާ ބެހޭގޮތުން އިސްރާއީލުގެ ސަރުކާރުން އެއްޗެއް ބުނެފައެއް ނުވެއެވެ.

އިސްރާއީލުގެ އިސްތިއްމާރީ ބާރުތަކުން އަންގާރަ ދުވަހު ހުޅަނގު އައސޭރީގެ ޚަލީލު ސަހަރުގައި ދިރިއުޅޭ އުމުރުން ސާޅީސް އަހަރުގެ ފަލަސްތީނު ރައްޔިތެއްގެ މެއަށް ބަޑިޖަހައި ޝަހީދުކޮށްލާފައިވާއިރު އެއީ އެއްވެސް ހައްގަކާނުލައި އިސްރާއީލުން ހިންގި ޖަރީމާއެއް ކަމަށް ފަލަސްތީނުންވަނީ ސިފަކޮށްފައެވެ.

ފަލަސްތީނުގެ މިނިވަންކަމަށްޓަކައި ފަލަސްތީނުގެ އާންމުން އިސްރާއީލާ ދޮޅަށް އަޑު އުފުލަމުން ގެންދާއިރު އިސްރާއީލުންވަނީ ފާއިތުވި ހައެއްކަ މަސްތެރޭގައި ފަލަސްތީނުގެ ދުއިސައްތަ ހަތްދިހަ އަށްވުރެ ގިނަމީހުން ޝަހީދުކޮށްފައެވެ.