ޔަމަންގެ ވެރިރަށް ސަންއާއިން ޙޫޘީ ހަނގުރާމަވެރިން ފޭބުމަށާއި އެމީހުންގެ އަތުގައިވާ ހަތިޔާރުތައް ޔަމަންގެ ސަރުކާރާ ޙަވާލުކުރުމަށް ހޫޘީ ޖަމާއަތަށް ގޮވާލަމުން އަރަބި ގައުމުތަކުގެ އިސްވެރިންގެ ސަމިޓް ނިންމާލައިފިއެވެ.މިސްރުގެ ޝަރްމުއްޝައިޚް ގައި އިއްޔެ ނިމުނު އަރަބި ގައުމުތަކުގެ އިސްވެރިންގެ ސައްބީސް ވަނަ ސަމިޓް ބައްދަލުވުމުން ނެރުނު ގުޅިފައިވާ ބަޔާނުގައި ހޫޘީންނަށް ގޮވާލާފައިވަނީ ހަތިޔާރު ބެހެއްޓުމަށްފަހު ސަންޢާއިން ފޭބުމަށާއި ޔަމަންގެ ސަރުކާރާއި ސިޔާސީ އެހެން ފަރާތްތަކާއެކު ސުލްޙައިގެ ވާހަކަތަކުގައި ބައިވެރިވުމަށެވެ.މީގެއިތުރުން ސައޫދީ އަރަބިޔާ އިސްކޮށް އޮވެގެން ހޫޘީންނާ ދެކޮޅަށް ދެމުންގެންދާ ވައިގެ ޙަމަލާތަކަށް ތާއީދުކުރާކަންވެސް އަރަބި ސަމިޓުން ހާމަކޮށްފައިވެއެވެ.އަރަބި ގައުމުތަކަށް ކުރިމަތިވާ އަމަނާބެހޭ މައްސަލަތަކާ ކުރިމަތިލުމަށްޓަކައި އަރަބި ގައުމުތަކުގެ ގުޅިފައިވާ ބާރެއް އެކުލަވާލުމަށްވެސް އަރަބި ސަމިޓުން ނިންމާފައިވެއެވެ.ފަލަސްތީނުގެ މައްސަލާގައި އަރަބި ސަމިޓުން ނިންމާފައިވަނީ އަންނަ އެޕްރީލް މަހުން ފެށިގެން އެއްއަހަރު ވަންދެން ކޮންމެ މަހަކުވެސް ފަލަސްތީނުގެ ސަރުކާރަށް މާލީ އެހީ ދެމުން ގެންދިޔުމަށެވެ. މީގެއިތުރުން ފަލަސްތީނުގެ މައްސަލާގައި އދ. ން ފާސްކޮށްފައިވާ ހުރިހާ ގަރާރުތަކަށް ބޯލެނބުމަށާއި ފަލަސްތީނުގެ ބިންތަކުން ފާބައި ފަލަސްތީނުގެ މިނިވަން ދައުލަތެއް އުފެއްދުމުގެ ފުރްސަތު ދިނުމަށްވެސް އަރަބި ސަމިޓުން އިސްރާއީލަށް ގޮވާލާފައިވެއެވެ.