ޚަބަރު

ނިއު ޒިލެންޑްގެ މިސްކިތްތަކަށް އަމާޒުކޮށްގެން ދިން ޓެރަރިސްޓު ހަމަލާގައި މަރުވި މީހުންގެ ޢަދަދު 49 އަށް


ނިއުޒިލަންޑްގެ ކްރައިސްޗަރޗްގައި ދެ މިސްކިިތަކަށް ދިން އަމާޒުކޮށްގެން ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ ޢަދަދު ސާޅީސް ނުވައަކަށް އަރައިފިއެވެ. ނިއުޒިލަންޑްގެ ތާރީޚުގައި ވެސް ދިން އެންމެ ނުރައްކާތެރި ޓެރަރިސްޓް ހަމަލާގައި ސާޅީސް ނުވަ މީހުން މަރުވެފައިވާއިރު، އެ ހަމަލާގައި އިތުރު ވިހި މީހަކު ވަނީ ޒަޚަމުވެފައެވެ.

ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެ ޤައުމުގެ ބޮޑުވަޒީރު ޖެސިންޑާ އާޑެން ވަނީ، އެއީ ދުރާލާ ރާވައިގެން ދީފައިވާ ޢުދުވާނީ ހަމަލާއެއްކަން މިހާތަނަށް ކުރި ތަޙުޤީޤުންވެސް ސާބިތުވާކަމަށެވެ. މިއީ މުޅި ނިއުޒިލަންޑްގެ ތާރީޚުގައިވެސް އެންމެ އަނދިރި ދުވަސްކަމަށް އާޑެން ވިދާޅުވިއެވެ.

ލިންވުޑް މިސްކިތާއި އަލް ނޫރު މިސްކިތަށް ދިން ހަމަލާތައް ދީފައިވަނީ މިސްކިތުގެ އެތެރޭގައި ތިބި މީހުންގެ ގަޔަށް ބަޑިޖަހައިގެންނެވެ. އަދި އެ ދެ ސަރަޙުއްދެގެ ބޭރުން، ގޮވާ ތަކެތި ހަރުކޮށްފައިހުރި އުޅަނދުތަކެއް ވެސް ފުލުހުންނަށް ފެނުނު ކަމަށް ކަމާ ބެހޭ ފަރާތްތަކުން ރިޕޯޓުކުރެއެވެ.

މިސްކިތްތަކަށް އަމާޒުކޮށް ހަމާލާދޭ މި ދަނޑިވަޅުގައި ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން، ނިއުޒިލަންޑްގެ އެއްވެސް މިސްކިތަކަށް ނުދިއުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

ހަމަލާ ދިން މީހުންގެ ތެރެއިން އިސްކޮށް ހަރަކާތްތެރިވި އޮސްޓްރޭލިޔާގެ މީހެއް ކަމަށްވާ ބްރެންޓަން ޓެރަންޓް ވަނީ އެ ހަމަލާ މީސް މީޑިއާގައި ލައިވް ސްޓްރީމްކޮށްފައެވެ. އޭނާ ބުނީ، ނިއުޒީލެންޑުގެ ކްރައިސްޗާޗު ސަރަހައްދުގެ ދެ މިސްކިތުގައި ހުކުރު ނަމާދުކުރަން ތިބި މުސްލިމުންނަށް ބަޑިން ހަމަލާދީ ގަތްލު އާންމު ހިންގީ މުސްލިމުން ހުޅަނގަށް ހިޖްރަކޮށް ހުޅަނގުގެ ގައުމުތަކުގައި ވަޒަންވެރިވާތީ އެކަމަށް ބަދަލުހިފުމުގެ ގޮތުންކަމަށެވެ.

އެ ބިރުވެރި ގަތްލު އާންމުގެ ކުރިން އޭނާ ތައްޔާރުކޮށްފައިޥާ ބަޔާނެއްގައި ބުނެފައިވަނީ މުސްލިމުން ހުޅަނގަށް ހިޖްރަ ކުރުމުން ޔޫރަޕްގައި އިސްލާމްދީން ފެތުރެމުންދާ ކަމަށާއި، އޭނާގެ ބޭނުމަކީ އެކަމަށް ބަދަލުހިފުންކަމަށެވެ. އަދި މުސްލިމުންނާ ދެކޮޅަށް ގަތްލު އާންމު ހިންގުމަށް ނިއުޒިލޭންޑްގެ ކްރައިސްޗަރޗުގެ ދެ މިސްކިތް އިޚްތިޔާރުކުރީ އެދެ މިސްކިތަށް މުސްލިމުންގެ ގިނަބަޔަކު އަރާތީ މުސްލިމުންގެ ގިނަ ބަޔަކު މަރާލެވޭނީ އެ ދެ މިސްކިތަށް ހަމަލާދީގެން ކަމަށް ފެންނާތީ ކަމަށްވެސް އޭނާގެ ބަޔާނުގައިވެއެވެ.

އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ސްކޮޓް މޮރިސަން ވިދާޅުވީ ޓެރަންޓަކީ ބޭރު މީހުންނަށް ނަފްރަތު ކުރުމުގައި ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ފިކުރުގެ މީހެއްކަމަށެވެ. ނިއުޒީލޭންޑްގެ ދިން ޓެރަރިސްޓް ހަމަލާތަކާ އޮސްޓްރޭލިއާއާ ގުޅުން އޮތްތޯ ބަލަމުންދާކަމަށްވެސް އޮސްޓްރޭލިޔާގެ ބޮޑުވަޒީރު ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ ކްރައިސްޗަރޗުގެ ދެ މިސްކިތަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ސާޅީސް ނުވަ މުސްލިމުން މަރާލާފައިވާއިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އެ ޙަމަލާތަކަށްފަހު ނިއުޒިލޭންޑްގެ ފުލުހުންވަނީ ބްރެންޓަން ޓެރަންޓާއެކު ހަތަރު މީހުން ހައްޔަރުކޮށްފައެވެ.