ޤަތަރުގައި އެމެރިކާއާއެކު ކުރިޔަށްގެންދާ ސުލްހައިގެ ވާހަކަތަކަށް ކުރިއެރުން ލިބެމުންދާކަމަށް ޠާލިބާން ޖަމާއަތުން ބުނެފިއެވެ.
އެ ވާހަކަތަކުގައި ބައިވެރިވާ ޠާލިބާނުންގެ ސިޔާސީ ވެރިއެއްކަމަށްވާ އަބްދުލްޣަނީ ބަރާދިރު ބުނީ ސުލްޙައިގެ ވާހަކަތައް ބިނާވެފައިވާ ނުކުތާތަކުގެ ތެރޭގައި ހިމެނޭ އެމެރިކާ ސިފައިން އަފްޣާނިސްތާނުން ފޭބުމާއި އަފްޣާން މައްސަލައަށް ސިޔާސީ ހައްލެއް ހޯދުމުގެ މައްސަލައަށް ކުރިއެރުން ލިބެމުންދާކަމަށެވެ. ޠާލިބާނުންނާއި އެމެރިކާގެ ސުލްހައިގެ ވާހަކަތަކުގައި ބައިވެރިވާ ޠާލިބާނުންގެ ވަފްދުގެ ވެރިއަކީ އަބްދުލްޣަނީ ބަރާދީރެވެ.
އެމެރިކާގެ ވަފުދުގެ ވެރިއަކީ އެމެރިކާއިން އަފްޣާނިސްތާނަށް ކަނޑައަޅާފައިވާ މަންދޫބު ޒަލްމާއި ޚަލީލުޒާދެވެ. މި ވާހަކަތަކުގައި މެދުވެރިއެއްގެ ދައުރު އަދާކުރަނީ ޤަތަރު ސަރުކާރުންނެވެ. ބަރާދިރު ބުނީ ޠާލިބާނުން ހަނގުރާމަ ހުއްޓާލައި ސުލްހައަށް ބޭނުންވާކަމަށާ އަދި އަފްޣާނިސްތާނުގެ އަވަށްޓެރި ހުރިހާ ގައުމުތަކާވެސް ރަނގަނޅު ގުޅުންތަކެއް ބާއްވަން ބޭނުންވާކަމަށެވެ.
ޤަތަރުގައި ކުރިޔަށްގެންދާ ޠާލިބާނުންނާއި އެމެރިކާގެ ސުލްޙައިގެ ވާހަކަތަކުގައި ތާލިބާނުންވަނީ އަފްޣާން ބިމުގައި ޓެރަރިޒަމްގެ ހަރަކާތްތައް ހިންގުމުގެ ފުރުސަތު އެހެން ފަރާތްތަކަށް ނުދިނުމަށް އެމެރިކާއާ އެއްބަސްވުމަކަށް އައިސްފައެވެ. އެމެރިކާއާއި ތާލިބާނުންގެ ސުލްހައިގެ ވާހަކަތަކުގެ ހަވަނަ ބުރު މިދިޔަ ބުރާސްފަތި ދުވަހު ވަނީ ފަށާފައެވެ.