މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ ރޮނގުގައި ފާރު ރޭނުމަށް ބޭނުންވާ ފައިސާ ހޯދުމަށްޓަކައި ރައީސް ޑޮނަލްޑް ޓްރަމްޕް އިއުލާންކުރެއްވި ކުއްލި ނުރައްކަލުގެ ހާލަތު އުވާލުމަށް ކޮންގްރެސުން ފާސްކުރި ބިލު ޓްރަމްޕް ވީޓޯ ކުރައްވައިފިއެވެ.
ވީޓޯގެ ބޭނުންކުރައްވަމުން ޓްރަމްޕް ވިދާޅުވީ އެ ބިލް ވީޓޯ ކުރެއްވީ އެމެރިކާ ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގެ މަޤްޞަދުގައިކަމަށެވެ. މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ ރޮނގުގައި ފާރެއް ރާނައި މެކްސިކޯއިން އެމެރިކާއަށް ޤަވައިދާ ޚިލާފަށް ވަންނަ ހިޖުރަވެރިން ހުއްޓުވުމަކީ ދެހާސް ސޯޅަ ވަނަ އަހަރުގެ ރިޔާސީ ކޭންޕޭންގައި ރައީސް ޑޮނަލްޑް ޓްރަމްޕް ވެވަޑައިގެންފައިވާ ވައުދެކެވެ.
އެފާރު ރޭނުމަށް ހަތެއް ޕޮއިންޓް ފަހެއް ބިލިޔަން ޑޮލަރު ބޭނުންވާއިރު އެ ފައިސާ އެމެރިކާގެ ފެޑްރަލް ބަޖެޓްގައި ހިމެނުމަށް ކޮންގްރެސް އިންވަނީ ދެކޮޅު ހަދާފައެވެ. މި މައްސަލަގައި އުފެދުނު ޚިޔާލު ތަފާތުވުންތަކާއެކު މިއަހަރުގެ ފެޑްރަލް ބަޖެޓް އަދިވެސް ފާސްވެފައެއްނުވެއެވެ.
މި މައްސަލާގައި އެމެރިކާގެ ފެޑްރަލް ސަރުކާރުގެ ގިނަ އޮފީސްތައްވެސް މަހެއްވަންދެން ބަންދުވެސްކޮށްފައިވެއެވެ. އަދި މިހާރުވެސް ފެޑްރަލް ސަރުކާރުގެ އޮފީސްތައް ހިންގަމުން ގެންދަނީ ކޮންގްރެސް އިން ފާސްކޮށްދިން ވަގުތީ ބަޖެޓަކުންނެވެ. ޓްރަމްޕް ބޭނުންވާ ފާރު މެކްސިކޯ އާއި އެމެރިކާގެ ސަރަހައްދީ ރޮނގުގައި ރޭނުމަށް ހަތެއް ޕޮއިންޓް ފަހެއް ބިލިޔަން ޑޮލަރު ބޭނުންވާއިރު މިފައިސާގެ ބޮޑުބައެއް އެމެރިކާގެ ކުއްލި ޙާލަތުގެ ކަންތައްތަކާބެހޭ ބަޖެޓުން ނެގުމަށްޓަކައި ކަމަށް ވިދާޅުވެ، މިދިޔަ ފެބްރުއަރީ މަހު ޓްރަމްޕްވަނީ ކުއްލި ހާލަތު އިޢުލާން ކުރައްވާފައެވެ.
އެހެން ނަމަވެސް ފާރު ރޭނުމުގެ މައްސަލައަކީ ޓްރަމްޕްގެ ރިޔާސީ ވައުދަކަށްވެފައި އެއީ ކުއްލި ނުރައްކަކުގެ ޙާލަތުގެ ދަށުން ކުރެވޭނެ ކަމެއް ނޫންކަމަށްބުނެ ކޮންގްރެސް އިންވަނީ ޓްރަމްޕް އިއުލާންކުރެއްވި އިމަޖެންސީ އުވާލުމަށް ގޮވާލާ ބިލެއް ފާސްކޮށްފައެވެ. މިކަމާ ބެހޭގޮތުން ޓްރަމްޕް ވިދާޅުވީ ބިލްތައް ބޭނުންވާ ގޮތްގޮތަށް ފާސްކުރުމުގެ މިނިވަންކަން ކޮންގްރެސް އަށް ލިބިފައިވާއިރު އެ ގަރާރުތައް ވީޓޯ ކުރުމުގެ ބާރު އެމެރިކާގެ ރައީސްގެ ހައިޘިއްޔަތުން އޭނާއަށްވެސް އޮންނާނެކަމަށެވެ. އަދި ކޮންގްރެސްގެ ބައެއް ގަރާރުތައް ވީޓޯކުރުމުގެ ގާނޫނީ ބާރު އެމެރިކާގެ ރައީސެއްގެ ހައިޘިއްޔަތުން ލިބިވަޑައިގެންފައިވާތީ އުފާކުރައްވާ ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.
ކުއްލި ޙާލަތު އުވާލުމަށް ކޮންގްރެސް އިން ފާސްކުރި ބިލް ޓްރަމްޕް ވީޓޯ ކުރައްވާފައިވާއިރު، ދެން އެ ވީޓޯ ބަދަލުކުރެވޭނީ ކޮންގްރެސްގެ ދެ ގޭގެ ތިންބައިކުޅަ ދެބައި މެންބަރުންގެ ތާއީދު ލިބިގެންނެވެ. މިއީ ކޮންގްރެސްގެ މިހާރުގެ ކޮންޕޮޒިޝަން އޮތްގޮތުން ޓްރަމްޕް ނިސްބަތްވެވަޑައިގަންނަވާ ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރުންގެ އެއްބާރުލުމާ ނުލައި ކުރެވޭނެކަމެއްނޫނެވެ.
ކޮންގްރެސްގެ ތިރިގެ ކަމަށްވާ ހައުސް އޮފް ރެޕްރެޒެންޓޭޓޮވްގެ ރައީސް ނޭންސީ ޕެލޯސީ ވިދާޅުވީ ޓްރަމްޕްގެ ވީޓޯ ބަދަލުކުރުމާ ގުޅޭ ވޯޓު މާޗް ސައްބީހުގައި ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދަވާކަމަށާއި، މިކަމަށް ރިޕަބްލިކަން ޕާޓީގެ ކޮންގްރެސް މެންބަރުންގެ ތާއީދު ލިބޭނެކަމަށް އުންމީދު ކުރައްވާކަމަށެވެ.