ޚަބަރު

ކްރައިސްޗަރޗުގެ ޙަމަލާތަކުގައި ބައިވެރިވިކަމަށް ތަޙުޤީޤުތަކުން ދައްކަނީ އެންމެ މީހެއް: ބޮޑުވަޒީރު


ނިއުޒީލެންޑުގެ ކްރައިސްޗަރޗުގެ ދެ މިސްކިތަށް ދިން ޓެރަރިސްޓް ޙަމަލާތަކުގައި ބައިވެރިވިކަމަށް ތަޙުޤީޤުތަކުން ދައްކަނީ އެންމެ މީހެއް ކަމަށާއި އޭނާގެ މައްޗަށް ދައުޥާ ކުރުމުގެ ކަންތައް ކުރިޔަށްދާކަމަށް އެގައުމުގެ ބޮޑުވަޒީރު ޖަސިންޑާ އާޑަރން ވިދާޅުވެއްޖެއެވެ.

ޓެރަރިސްޓް ޙަމަލާތަކުގައި މަރުވި މުސްލިމުންގެ އާއިލާތަކާ ބައްދަލުކުރައްވައި ވާހަކަދައްކަވަމުން އާޑަރން ވިދާޅުވީ އެ ބިރުވެރި ގަތުލުއާންމު ހިންގީ އޮސްޓްރޭލިޔާގެ ޓެރަރިސްޓް ބްރެންޓަން ޓެރަންޓް ކަމަށާއި އޭނާ ފިޔަވައި އެހެން މީހަކު އެކަމުގައި އަމަލީގޮތުން ބައިވެރިވިކަން ތަހްގީގުތަކަށް އަދި ސާބިތުނުވާކަމަށެވެ. އަދި ތަހުގީގުތައް ވަރަށް ފުޅާދާއިރާއެއްގައި ކުރިޔަށްގެންދާނެކަމަށްވެސް އާޑަރން ވިދާޅުވިއެވެ.

ބްރެންޓަން ޓެރަންޓް ކޯޓަށް ހާޒިރުކުރިއިރު އޭނާގެ ފަރާތުން ފެނިފައިވަނީ ގޮތްދޫނުކުރުމާއި ހަރުކަށިކަންކަމަށް ރިޕޯޓްތައް ބުނެއެވެ. އާޑަރން ވިދާޅުވީ ހައްދު ފަހަނަޅާފައިވާ ކަނާތުފިޔައިގެ ފިކުރު ހުޅަނގުގެ ގައުމުތަކުގައި ފެތުރެމުންދާ ކަމަށާއި އެކަމުގެ ނުރައްކާ ވަރަށް ބޮޑުކަމަށެވެ. މިބާވަތުގެ ފިކުރު ނިއުޒީލޭންޑަށް އައިސްފައިވޭތޯ އާއި އަދި އައިސްފައިވަނީ ކިހާމިންވަރަކަށްތޯ ބަލަމުން ގެންދާކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިއުޒީލެންޑުގެ ކްރައިސްޗަރޗުގެ ދެ މިސްކިތަށް މިދިޔަ ހުކުރުދުވަހު ދިން ޓެރަރިސްޓް ޙަމަލާތަކުގައި ސާޅީސް ނުވަ މުސްލިމުން މަރާލާފައިވާއިރު އޭގެތެރޭގައި އަންހެނުންނާއި ކުޑަކުދިންވެސް ހިމެނެއެވެ. އެ ދެ ގަތުލުއާންމުވެސް ހިންގީ އޮސްޓްރޭލިޔާގެ ޓެރަރިސްޓް ބްރެންޓަން ޓެރަންޓް ކަމަށް ނިއުޒިލޭންޑްގެ ފުލުހުން ބުނެއެވެ.