ރެއާލް ބެޓިސްއަކީ ބާސެލޯނާއާ ވާދަކުރާނަމަ އާދަޔާހިލާފު ރޫހެއްގައި ނުކުންނަ ބައެއް ކަމަށާއި އެއީ އަބަދުވެސް ބަލިކުރަން އުނދަގޫ ޓީމެއް ކަމަށް ބާސެލޯނާގެ ކޯޗް އާނެސްޓޯ ވަލްވާޑޭ ބުނެފިއެވެ.
ލަލީގާގަ މިރޭ ރެއާލް ބެޓިސްއާ ވާދަކުރާ މެޗްގެ ކުރިން ވަލްވާޑޭ ބުނީ ލީގު ނިމެން މިހާ ގާތްވެފައިވާއިރު މެޗުން ތިން ޕޮއިންޓް ހޯދުން މުހިންމު ކަމަށެވެ. އަދި ލަލީގާ ހޯދަން ބޭނުން ނަމަ ދެވަނައިގައި އޮތް އެތްލެޓިކޯ އާ މެދު މިހާރުއޮތް 7 ޕޮއިންޓްގެ ފަރަގު ދެމެހެއްޓުމަށް، ވާދަކުރާ ކޮންމެ މެޗަކުންވެސް ތިން ޕޮއިންޓް ހޯދަންޖެހޭ ކަމަށެވެ.
ނަމަވެސް ބެޓިސްއާ ވާދަކުރާ މެޗުން ވާނެ ގޮތެއް ނޭނގޭ ކަމަށާއި، ބާސެލޯނާ ބަލިކުރެވޭ ފެންވަރު އެޓީމްގައި އެބަހުރިކަމަށްވެސް ވަލްވާޑޭ ބުންޏެވެ. ވަލްވާޑޭ ވަނީ ޗެމްޕިއަންސްލީގުގައި ލިއޯންއާ ވާދަކުރި މެޗްގައި އޮސްމާނޭ ޑެމްބެލޭ ކުޅެން ނެރުނުއިރުވެސް އަނިޔާގެ މައްސަލައެއް ހުރިކަން އެނގޭ ކަމަށް ބުނެ ޑެމްބެލޭގެ އިންޖަރީގެ ޒިންމާ ނަގާފައެވެ.
ވަލްވާޑޭ ބުނީ ޑެމްބެލޭގެ އިންޖަރީ ބޮޑުވީ މުޅިން ފިޓް ނޫން ހާލަތެއްގައި ހުއްޓާ އޭނާ ލައްވާ ކުޅުވުމުން ކަމަށެވެ.
ބެޓިސްއަކީ މި ސީޒަންގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމް ބަލިކުރި ފުރަތަމަ ކްލަބެވެ. އެ މެޗް ބެޓިސްއިން ކާމިޔާބުކުރީ ހަތަރެއް ތިނެއްގެ ނަތީޖާއަކުންނެވެ.