ޚަބަރު

ކްރައިސްޗަރޗްގައި ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ ޢަދަދު 50 އަށް


ނިއު ޒިލޭންޑްގެ ކްރައިސްޗަރޗްގެ ދެ މިސްކިތަކަށް ހުކުރު ދުވަހު ދިން ޓެރަރިސްޓް ހަމަލާގައި މަރުވި މީހުންގެ ޢަދަދު ފަންސާހަށް އަރައިފިއެވެ.

އޮސްޓްރޭލިޔާގެ ރައްޔިތެއްކަމަށްވާ އުމުރުން އަށާވީސް އަހަރުގެ ބްރެންޓަން ޓެރަންޓް ދިން މި ހަމަލާގައި އިތުރު ފަންސާސް މީހުން ޒަޚަމުވެފައިވާއިރު މީގެ ތެރެއިން ތިރީސް ހަތަރު މީހުންނަށް ހޮސްޕިޓަލްގައި ފަރުވާދެމުންދާ ކަމަށް އޮސްޓްރޭލިޔާގެ ކަމާ ބެހޭ ފަރާތްތަކުން ވަނީ ބުނެފައެވެ.

މީގެ ތެރޭގައި ސީރިއަސް ޒަޚަމްތަކަށް ފަރުވާ ހޯދަމުންދާ މީހުންވެސް ހިމެނޭކަމަށް އެ ފަރާތްތަކުން ވަނީ ބުނެފައެވެ. ހުކުރު ދުވަހު ދިން ނުރައްކާތެރި ޓެރަރިސްޓް ހަމަލާއަށް ފަހު އޮސްޓްރޭލިޔާގެ ފުލުހުން ވަނީ ޓެރަންޓްގެ އިތުރުން އިތުރު ތިން މީހަކު ހައްޔަރުކޮށްފައެވެ.އެހެންނަމަވެސް މި ތިން މީހުންނަކީ މި ހަމަލާއާ ގުޅުންހުރި ބައެއް ކަމަށް ނުބެލެވޭކަމަށް އޮސްޓްރޭލިޔާގެ ފުލުހުންގެ އިސް އޮފިޝަލުން އާދިއްތަ ދުވަހު ވަނީ ވިދާޅުވެފައެވެ.

ނިއުޒިލޭންޑްގެ ބޮޑު ވަޒީރު ޖެސިންޑާ އާޑަރން ވިދާޅުވެފައިވަނީ، މަރުވި މީހުންގެ ހަށިތައް އާދިއްތަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި އެ ފަރާތްތަކުގެ އާއިލާތަކާ ހަވާލުކުރެވޭނެކަމަށެވެ.