ވިޔަފާރި

މިއަދުން ފެށިގެން އާ އިސްލާހަށް އަމަލުކުރަންވަނީ ފެށިފަ-


މިއަދުން ފެށިގެން ޑިއުޓީ ނެގެމުންދާނީ އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނެވުނު އިސްލާޙާ އެއްގޮތަށް ކަމަށާއި އަދި އެއިސްލާޙަށް އަމަލުކުރަން ކަސްޓަމްސްއިން ފުރިހަމައަށް ތައްޔާރުވެފައިވާ ކަަމަށް ކަސްޓަމްސްއިން ހާމަކޮށްފިއެވެ.އެކްސްޕޯޓް އިމްޕޯޓް ޤާނޫނުގެ އެގާރަ ވަނަ އިސްލާޙުގައިވާ ގޮތުން ބައެއް ބާވަތަކުން ޑިއުޓީކުޑަކޮށް އަދި ބައެއް ބާވަތަކުން ޑިއުޓީ ބޮޑުކުރަން ވަނީ ނިންމާފައެވެ.ކަސްޓަމަސް ބިލްޑިންގގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުންޗީފް ސުޕްރިންޓެންޑެންޓް އަބްދުﷲ ވަޙީދު ވިދާޅުވީ، އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ގެނައި އިސްލާޙާ ގުޅިގެން ކަނޑައަޅަންޖެހޭ އުސޫލުތައް ކަނޑައަޅާ ނިމި ޤަނޫނު ތަންފީޒުކުރުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށެވެ. އަދި އިއްޔެގެ ނިޔަަލަށް ރާއްޖެ އައިސްފައިވާ މުދަލާ ގުޅޭ ގޮތުން ކަސްޓަމްސްއަށް ހުށަހަޅާފައިވާ ހުރިހާ ޑިކްލަރޭޝަނެއް ނިންމާފައިވާ ކަމަށާއި އެގޮތުން އިއްޔެ އަކަނިވެސް 881 ޑިކްލެރޭޝަން ނިންމާފައިވާ ކަމަށް ވަޙީދު ވިދާޅުވިއެވެ.ސައިކަލުން ޑިއުޓީ ބޮޑުނުކޮށް އަންނައުނުން ޑިއުޓީ ކަނޑާލުމަށް އެކްސްޕޯޓް އިމްޕޯޓް ޤާނޫނަށް ބަދަލު ގެނައުމުގެ ބިލް ރައްޔިތުންގެ މަޖިލީހަށް މިހާރު ވަނީ ހުށަހަޅާފައެވެ. އެހެންނަމަވެސް އަދި އެއިސްލާޙު ފާސްވެފައިނުވާތީ މިހާރު އަމަލުކުރަމުންދާނީ ޤާނޫނުގައިވާ ގޮތަށް ކަމަށް ކަސްޓަމްސް އިން މައުލޫމާތުދެއެވެ. އަދި މަޖިލީހުން ފާސްކުރާ އިސްލާޙުގައި އެޕްރީލް އެކަކުން ފެށިގެން އެއަށް އަމަލުކުރަންޖެހޭ ގޮތަށް ފާސްކޮށްފިނަމަ، މުދަލުން ނަގަމުން އައި ޑިއުޓީގެ ރިފަންޑު ކަސްޓަމްސްއިން ދޭނެ ކަމަށް ކަސްޓަމްސްއިން މައުލޫމާތުދެއެވެ.ކަސްޓަމްސްއިން އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، ކުރިން 90 ލާރީގެ ޑިއުޓީއެއް ނަގަމުން އައި ސިނގިރޭޓަކުން މިހާރު 1.25 ރުފިޔާގެ ޑިއުޓީއެއް ނަގާއިރު، ކުރިން ސުންރޭޓުގެ ޑިއުޓީއެއް ނަގަމުން އައި ތެލުގެ ބާވަތްތަކުން 10 ޕަސެންޓުގެ ޑިއުޓީއަށް ނަގާނެއެވެ. ކުރިން ޑިއުޓީ ނުނަގާ ސެންޓާ ލަގްޒަރީ ކޮސްމެޓިކްސްއިން 20 ޕަސެންޓުގެ ޑިއުޓީއެއް މިހާރު ނަގައެވެ.ޒަރޫރީ ކޮސްމެޓިކްސްއިން 5 ޕަސެންޓުގެ ޑިއުޓީއެއް ނަގާއިރު، ކުރިން 35 ޕަސެންޓުގެ ޑިއުޓީއެއް ނަގަމުން އައި ހެވީ ވެހިކަލްތަކުން 50 ޕަސެންޓު ޑިއުޓީއެއް ނަގާނެއެވެ. އަދި ކުރިން 100 ޕަސެންޓު ޑިއުޓީއެއް ނަގަމުން އައި ސައިކަލުން150ޕަސެންޓު ޑިއުޓީ ނެގުމަށް ވަނީ ހަމަޖިފައެވެ.ކުރިން 35 ޕަސެންޓު ޑިއުޓީ ނަގަމުން އައި ސްޕެއަރ ޕާޓުތަކުން 50 ޕަސެންޓު ޑިއުޓީގެ ގޮތުގައި ނަގާއިރު،ދުންފަތުގެ އިސްތިއުމާލުކުރަން ބޭނުންކުރާ އާލާތްތަކުން 150 ޕަސެންޓު ނަގަމުން އައި ޑިއުޓީ 200 ޕަސެންޓަށް ވަނީ ބޮޑުކޮށްފައެވެ.މިއަދުން ފެށިގެން ޑިއުޓީ ކުޑަވާ ބާވަތްތަކުގެ ތެރޭގައި ހިމެނެނީ، ކުރިން 25 ޕަސެންޓު ޑިއުޓީއެއް ނަގަމުން އައި ޓޫރިޒަމް ބޭނުންމަށް ގެންނަ ކަނޑުގައި ދުއްވާ ލަގްޒަރީ އުޅަނދުފަހަރާއި ރަނުގެ މައުދަަންތަކުންނެވެ. މިބާވަތްތަކުން ޑިއުޓީއެއް ނުނަގާނެއެވެ.