ދުނިޔެ

ބޯކޯ ހަރާމްގެ ނުރައްކަލުން ނައިޖީރިޔާ ސަލާމަތް ކުރާނަން- ބުޚާރީ


މީހުން މެރުމާއި މީހުން ވަގަށްނެގުންފަދަ ޓެރަރިޒަމްގެ ޢަމަލުތަކުގައި ހައްދު ފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ ބޫކޫ ހަރާމް ޖަމާއަތުގެ ނުރައްކަލުން ނައިޖީރިޔާ ސަލާމަތް ކުރުމަށް އެގައުމުގެ ރައީސް ކަމަށް އިންތިޚާބުވެވަޑައިގެންފައިވާ ޖެނެރަލް ރިޓަޔަޑް މުޙައްމަދު ބުޚާރީ ވައުދުވެވަޑައިގެންފިއެވެ.ބުޚާރީ ވިދާޅުވީ ނައިޖީރިޔާގެ ރައްޔިތުންނާއި ސަރުކާރުގެ އާރާއި ބާރު އޭނާގެ ވެރިކަމުގައި ބޯކޯ ހަރާމް ޖަމާއަތަށް ދައްކަވާނެ ކަމަށެވެ.ބޯކޯ ހަރާމް ޖަމާއަތަކީ ދީނީ ގޮތުން ހައްދުފަހަނަޅާފައިވާ ނައިޖީރިޔާގެ ބަޔަކު އެގައުމުގެ އުތުރުގެ ސްޓޭޓެއް ކަމަށްވާ ބުވޭ ގައި ދެހާސް ދެވަނަ އަހަރު އުފެއްދި ހަނގުރާމަވެރި ޖަމާއަތެކެވެ. އެޖަމާއަތުގެ ބާނީއަކީ މުހައްމަދު ޔޫސުފް ނަމަކަށްކިޔާ ހަނގުރާމަވެރި ލީޑަރެކެވެ.ބޯކޯ ހަރާމް ޖަމާއަތުގެ އަމާޒަކީ ބާރުގެ ބޭނުންކޮށްގެން އެޖަމާއަތުގެ މަގްސަދްތައް ހާސިލްކުރުމެވެ. މީގެތެރޭގައި ހުޅަނގުގެ ތައްލީމް މަނާކޮށް އެތަޢްލީމު ހުއްޓުވުމާއި ނައިޖީރިޔާގެ ނަސާރާއިން ދިރިއުޅޭ ސަރަހައްދުތަކުގައިވެސް އިސްލާމީ ޝަރީޢަތް ގާއިމް ކުރުން ހިމެނެއެވެ.ބޯކޯ ހަރާމް ޖަމާއަތުގެ މަގްސަދްތައް ޙާސިލް ކުރުމަށްޓަކައި އެގައުމުން ހިންގަމުން ގެންދާ އަމަލުތަކުގެ ތެރޭގައި ކުށެއްނެތް އާންމުން މެރުމާއި ސްކޫލްތަކުގެ ދަރިވަރުންނަށް ބިރުދައްކައި އެކުދިން ވަގަށްނެގުމާއި މަގުފޭރުމާއި ބޮންގޮއްވުންފަދަ ބޮޑެތި ޖަރީމާތައް ހިމެނެއެވެ.ދެހާސް ނުވަވަނަ އަހަރުން ފެށިގެން ބޯކޯ ހަރާމް ޖަމާއަތުން ނައިޖީރިޔާގައި ހިންގަމުންގެންދާ ޓެރަރިޒަމްގެ އަމަލުތަކުގައި 25 ހާހަށްވުރެ ގިނަމީހުން މަރުވެ އެތަށް ހާސްބަޔަކު ޒަޚަމްވެ އެތަށް ވިލެޖެއް ހަލާކުވެގެންގޮސްފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ.ނައިޖީރިޔާގައި އެންމެފަހުން ބޭއްވި ރިޔާސީ އިންތިޚާބުގައި އެގައުމުގެ މިހާރު ރައީސް ގުޑްލަކް ޖޮނަތަން ބަލިވެ ވަޑައިގަތީވެސް ބޫކޫ ހަރާމް ޖަމާއަތުގެ ނުރައްކަލުން އެގައުމުގެ ރައްޔިތުން ސަލާމަތް ކުރުމުގައި އޭނާ ނާކާމިޔާބުވުމާ ގުޅިގެންކަމަށްވަނީ ބެލެވިފައެވެ.  މިއިންތިޚާބު ކާމިޔާބުކުރެއްވި ޖެނެރަލް ރިޓަޔަޑް މުހައްމަދު ބުޚާރީ ވަނީ އޭނާއަށް ވެރިކަން ލިބިވަޑައިގެންފިނަމަ ބޯކޯ ހަރާމް ޖަމާއަތް ނައްތާލައްވައި އެޖަމާއަތުގެ ނުރައްކަލުން ނައިޖީރިޔާގެ ރައްޔިތުންނާއި ދައުލަތް ސަލާމަތް ކުރައްވާނެ ކަމަށް ވިދާޅުވެ ރިޔާސީ އިންތިޚާބުގައި ވަރުގަދަ ކޭންޕޭނެއް ކުރައްވާފައެވެ.މުހައްމަދު ބުޚާރީ އަކީ އަސްކަރީ ތައްލީމާއި ތަޖްރިބާ ލިބިވަޑައިގެން ހުންނެވި ޖެނެރަލެއް ކަމަށްވެފައި ނައިޖީރިޔާ ސިފައިންގެ ލަޝްކަރުތަކުގައި ދިގުމުއްދަތަކަށް އޭނާ ޚިދްމަތް ކުރައްވާފައިވާތީ ބޯކޯ ހަރާމް ޖަމާއަތާ އަސްކަރީގޮތުން ކުރިމަތިލާނެ ވިސްނުން އޭނާގެ ކިބާގައި ހުންނާނެ ކަމަށް ތަޖްރިބާކާރުން ދެކެއެވެ.ނައިޖީރިޔާގެ އިސްލާމީ ދަންނަބޭކަލުންވަނީ ބޫކޫ ހަރާމް ޖަމާއަތަކީ އެގައުމުގެ އިސްލާމީ މުޖްތަމައުން ނައްތާލަންޖެހޭ ނުރައްކާތެރި ޚަވާރިޖުންގެ ބައެއް ކަމަށް ސިފަކޮށް އެޖަމާއަތާ ދެކޮޅަށް ހަނގުރާމަ ކުރުން ހުއްދަކުރުމުގެ ފަތްވާއެއް ނެރުއްވާފައެވެ.