ޚަބަރު

ފީފާއިން ޔަގީންކަން ދީފައިވަނިކޮށް ވިކްޓްރީގެ ހުށަހެޅުން ކޮންގްރެސްގައި އެފްއޭއެމުން އެޖެންޑާއެއް ނުކުރި


މާޗް ފަންސަވީހުގައި އޮންނަ އޯޑިނަރީ ކޮންގްރެސްގައި ކްލަބްތަކުން ބޭނުންވާކަންކަން ހުށަހެޅޭނެ ކަމުގެ ޔަގީންކަން ފީފާއިން ދީފައިވަނިކޮށް، އެފްއޭމުން ނެރުނު އެޖެންޑާގައި އެކަން ހިމަނާފައި ނެތުމުން ވިކްޓްރީން މައްސަލަ ޖައްސައިފިއެވެ.

ވިކްޓްރީން އިސްނަގައިގެން ފެބްރުއަރީ 10 ވަނަ ދުވަހު އެފްއޭއެމަށް ހުށަހެޅި މައްސަލައިގައި ހިމެނެނީ އެފްއޭއެމްގެ ރައީސާއި އެގްޒެކެޓިވް ބޯޑުގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގައި، ރައީސާއި ބޯޑު މެންބަރުން މަގާމުން ދުރުކޮށް، ނޯމަލައިޒޭޝަން ކޮމިޓީއެއް އެކުލަވާލާ، އާ ރައީސަކާއި އެގްޒެކެޓިވް ބޯޑެއް އިންތިހާބުކުރުމަށް ކޮންގްރެސްއެއް ބާއްވައިދިނުމެވެ. ނަމަވެސް އެކްސްޓްރާ އޯޑިނަރީ ކޮންގްރެސް ބޭއްވުމަށް ވިކްޓްރީން ކުރި މަސައްކަތް އެފްއޭއެމް އަދި ފީފާގެ އެއްބާރުުލުމެއް ވެސް ނުލިބި ވަނީ ނާކާމިޔާބު ވެފައެވެ.
އެފްއޭއެމްގެ މެނޭޖްމަންޓުން އިހުމާލުވެފައިވާ ކަންތައްތަކާ ގުޅިގެން މެނޭޖްމެންޓްގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ވިކްޓްރީން އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބާއްވަން ކުރި މަސައްކަތް ނާކާމިޔާބުވީ، އެފްއޭއެމްގެ އެކްސްކޯއިން ހުށަހެޅުމަށް އިންކާރު ކުރުމުން ވިކްޓްރީން އިސްނަގައިގެން ކްލަބްތަކާއެކު ކޮންގްރެސްއެއް ބޭއްވުމަށް ތާވަލުކޮށްފައި ވަނިކޮށް، ފިފާ އަދި އޭއެފްސީގެ ވަފްދެއް ރާއްޖެއައިސް ކުލަބްތަކާއި އެކު މަޝްވަރާ ކުރުމަށްފަހު އެކްސްޓްރާ އޯޑިނަރީ ކޮންގްރެސްއެއް ބޭއްވުމަށް ޝަރުތުހަމަނުވާ ކަމަށް ބުނުމުންނެވެ.

ވިކްޓްރީން މައްސަލަ ހުށަހެޅީ 15 ކުލަބެއްގެ ސޮއާއިއެކުއެވެ. ނަމަވެސް ސޮއި ގެންދިޔަ ތިން ކްލަބާއިއެކު ވިކްޓްރީއާއެކު އޮތް ހަ ވޯޓް ވަނީ ގެއްލިފައެވެ.

އެޖެންޑާގައި ވިކްޓްރީގެ ހުށަހެޅުން ހިމަނައިދޭން ހުށަހެޅި ސިޓީގައި ވިކްޓްރީން ބުނެފައިވަނީ އެފްއޭއެމުން ހަތަރުވަނަ ކްލަބްގެ ނަން ހާމަ ނުކުރާހާ ހިނދަކު ވިކްޓްރީއާއިއެކު ތިބި ކުލަބުތަކަށް ކޮންގްރެސްގައި އެގާރަ ވޯޓް ލެވޭނެކަމަށާއި އެއީ ޖުމްލަ ވޯޓްގެ ފަންސާސް އިންސައްތަ ކަމުން ވިކްޓްރީގެ ހުށަހެޅުން "ބަލި" ކުރެވިފައިނުވާ ކަމަށެވެ. އަދި ވިކްޓްރީގެ ހުށަހެޅުން އެޖެންޑާގައި ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމުގެ ޔަގީންކަން ފީފާއިން ދީފައިވަނިކޮށް އެފްއޭއެމުން އެޖެންޑާ އިއުލާންކުރިއިރު، މި ހުށަހެޅުން ހިމަނާފައި ނެތްކަން ފާހަގަކޮށް، ވިކްޓްރީންވަނީ އަހަރީ ކޮންގްރެސްގައި ހުށަހެޅުން ހިމަނައިދިނުމަށް އެފްއޭއެމްގައި އެދިފައެވެ.

ގަވާއިދުގައި ވާގޮތުން ކޮންގްރެސް އެޖެންޑާގެ އިނގެރޭސި ކޮޕީއެއް އޮންނަން ޖެހޭ ނަމަވެސް އެފްއޭއެމުން އެޖެންޑާ އެކުލަވާލާފައިވަނީ ދިވެހި ބަހުން ކަމުން، ވިކްޓްރީންވަނީ އެކަންވެސް އެފްއޭއެމްގެ ސަމާލުކަމަށް ގެނެސްފައެވެ.