ރެއާލް މެޑްރިޑަށް އެޑެން ހަޒާޑް ސޮއި ކުރަން އެއްބަސްވެއްޖެ ކަމަށް ދެކެވޭ ވާހަކަތައް އޭނާ ދޮގުކޮށްފިއެވެ.
ހަޒާޑް އެވާހަކަތައް ދޮގުކޮށްފައިވަނީ، އޭނާ ރެއާލް މެޑްރިޑް ގެ ކޯޗް ޒައިންދީން ޒިދާންއާ ބައްދަލުކޮށް ރެއާލްއާއެކު ފަސްއަހަރުގެ އެއްބަސްވުމަކަށް އާދެވިފައި ވާކަމަށް ހަބަރުތައް ބުނަން ފަށާފައި ވަނިކޮށެވެ.
ރެއާލްއަށް ބަދަލުވާން އުޅޭ ކަމަށް ދެކެވޭ ވާހަކަތަކާ ގުޅޭ ގޮތުން ޗެލްސީގެ ބެލްޖިއަމް ފޯވާޑް ބުނީ ވާހަކަ ދައްކާވަރު ކަމެއް އަދި ނުވާ ކަމަށެވެ. އަދި އޭނާގެ ވިސްނުމަކާއި ސަމާލުކަން ހުރީ ޔޫރޯ ކޮލިފައިންގައި ސައިފްރަސްއާއި ވާދަކުރާ މެޗަށް ކަމަށެވެ. މީގެ ކުރިން ހަޒާޑްވަނީ އެކި ފަހަރުމަތިން ރެއާލްއަށް ދިޔުމަށް ޝައުޤުވެރިކަން ފާޅުކޮށްފައެވެ.
ރެއާލްމެޑްރިޑަކީ އޭނާ ކުޑައިރުއްސުރެވެސް އެންމެ ކުޅެން ބޭނުންވާ ޓީމްކަމަށާއި ރެއާލްއަށް ކުޅުން ވާނީ ހުވަފެން ހަގީގަތަކަށް ވުން ކަހަލަ ކަމަކަށް ވާނެ ކަމަށް ހަޒާޑް ވަނީ ބުނެފައެވެ. ނަމަވެސް އޭރު ޗެލްސީއިން ހުށަހެޅި އަގު ބޮޑުވުމުން ރެއާލްއިން ވަނީ އެ ވިސްނުން ދޫކޮށްލާފައެވެ.
ނަމަވެސް ކޯޗް ޒައިންދީން ޒިދާން ރެއާލްއާ އަލުން ހަވާލުވުމަށްފަހު ވަނީ ރެއާލްއަށް ގެންނަން ބޭނުންވާ ކުޅުންތެރިންގެ ލިސްޓްގެ ކުރީގައި ހަޒާޑް ހިމަނާ، ޓްރާންސްފަރ އާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށް ގެންދިޔުމަށް ހަޒާޑްއާއިވެސް ބައްދަލުކޮށްފައެވެ.