ޚަބަރު

ތޫފާން އިޑާއީގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ހަތްސަތޭކަ އަށް ވުރެ އިތުރުވެއްޖެ


މީގެ ހަފުތާއެއް ކުރިން ދެކުނު އެފްރިކާގެ ސަރަހައްދުތަކަށް އެރި ތޫފާން އިޑާއީގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ހަތް ސަތޭކަ އަށް ވުރެ އިތުރުވެފައިވާކަމަށް އެ ސަރަހައްދުގެ ގައުމުތަކުން ބުނެފިއެވެ. އެންމެ ގިނަ މީހުން މަރުވެފައިވަނީ މޮޒަމްބީކްގައެވެ.

އެ ގައުމުގެ އެއްގަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން ބުނެފައިވަނީ މި ތޫފާނުގެ ސަބަބުން ހިނގި ފެންބޮޑުވުމުގެ އެކި ޙާދިސާތަކުގައި މަރުވި މީހުންގެ އަދަދު ހަތަރު ސަތޭކަ ސަތާރައަށް އަރާފައިވާކަމަށެވެ. މި ތޫފާނުގެ ސަބަބުން ޒިމްބާބްވޭގައި މަރުވި މީހުންގެ އަދަދު ވަނީ ދުއިސައްތަ ފަންސާސް ނުވައަކަށް އަރާފައެވެ.

އަދި މި ތޫފާނުގެ ސަބަބުން މަލާވީގައި މަރުވި މީހުންގެ ޢަދަދު މިހާރު ވަނީ ފަންސާސް ހައަކަށް އަރާފައެވެ. ކުރިއަށް އޮތް ދެތިން ދުވަހު، މި ތިން ޤައުމުންވެސް މަރުވި މީހުންގެ ޢަދަދު އިތުރުވުން އެކަށިގެންވާކަމަށް އެ ޤައުމުތަކުގެ ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ.

ދެކުނު އެފްރިކާ ސަރަހައްދުގެ އެކެއް ޕޮއިންޓް ހަތެއް މިލިއަން މީހުންނަށް މި ތޫފާނުގެ ސަބަބުން އަސަރުކޮށްފައިވާކަމަށް އދން ބުނެއެވެ. ތޫފާނުގެ ސަބަބުން ގެއްލުން ލިބިފައިވާ ސަރަހައްދުތަކަށް މިހާރު ވަނީ ކަރަންޓާއި ސާފު ބޯފެނުގެ ޚިދުމަތް ކެނޑިފައެވެ.

އަދި ތޫފާނުގެ ސަބަބުން ސުންނާފަތިވެފައިވާ ސަރަހައްދުތަކުގައި ތާށިވެފައިވާ މީހުންގެ މެދުގައި ކޮލެރާ ފަދަ ބަލިމަޑުކަން ފެތުރެމުންދާކަމުގެ ރިޕޯޓްތައް ވެސް ވަނީ ފެންމަތިވެފައެވެ. މި ޙާދިސާގެ ސަބަބުން މެލޭރިއާ ފަދަ ބަލިތައް ފެތުރުމަކީވެސް އެކަށިގެންވާ ކަމެއް ކަމަށް ބުނެ، ބައިނަލްއަޤްވާމީ ރެޑް ކްރޮސް ޖަމާޢަތުން ވަނީ ކަންބޮޑުވުންފާޅުކޮށްފައެވެ.