ތަޢުލީމު

މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންނަށް މާލީ ކަންކަން އުނގަންނައިދޭން ޖެހޭ- ހަޔަރ އެޑިއުކޭޝަން މިނިސްޓަރ


މަދަރުސީ ތަޢުލީމުގެ ތެރެއިން ދަރިވަރުންނަށް މާލީ ދާއިރާގެ ކަންކަން އުނގަންނައިދޭން ޖެހޭކަމަށް މިނިސްޓަރ އޮފް ހަޔަރ އެޑިއުކޭޝަން ޑރ. އިބްރާހިމް ޙަސަން ވިދާޅުވެއްޖެއެވެ.

އެމްއެމްއޭއިން ކުރިއަށްގެންދާ ގްލޯބަލް މަނީ ވީކުގެ ޙަަރަކާތްތައް ރަސްމީކޮށް ފެށުމަށް އިސްކަންދަރު ސްކޫލުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ހަޔަރ އެޑިއުކޭޝަން މިނިސްޓަރ ޑރ. އިބްރާހިމް ހަސަން ވިދާޅުވީ ފައިސާގެ މުޢާމަލާތްތަކާއި މާލީ ނިޒާމްތަކާބެހޭގޮތުން ދަރިވަރުންނަށް މަޢުލޫމާތު އެނގިފައިވުމަކީ ވަރަށް މުހިއްމުކަމެއްކަމަށެވެ.

އެގޮތުން ތަޢުލީމި މަންހަޖުގެ ތެރެއިން ފައިނޭންޝިއަލް ލިޓްރެސީ ނުވަތަ މާލީ އެކި ކަންކަމާއި ގުޅޭގޮތުން ދަރިވަރުންނަށް މި މަޢުލޫމާތުތައް އުނގަންނައިދޭންޖެހޭކަމަށް މިނިސްޓަރ އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

" ބޭރުގެ ފައިނޭންޝިއަލް ކޮންސަލްޓެންޓަކު އަޅުގަނޑުގެ ސަމާލުކަމަށް ގެނައި ވަރަށް އާދައިގެ ބަހެއް. އެއީ ފައިނޭންޝިއަލް ލިޓްރެސީ. އަޅުގަނޑުގެ ހިތުން ރާއްޖޭގެ ސްކޫލު މަންހަޖުގައި މާފުޅާ ދާއިރާއެއްގަައި އިސްކަން ދެވިފައި އޮތްކަމެއް ނޫން ފައިނޭންޝިއަލް ލިޓްރެސީއަކީ. މަދަރުސީ ދައުރުގައި ދަރިވަރުންނަށް އެނގެންޖެހޭ ވަރަށް މުހިއްމުކަމެއް ފައިސާގެ މުޢާމަލާތްތަކަކީ. މިކަމުގެ އުސޫލުތައް. އާންމުކޮށް ބޭނުންކޮށް އުޅޭ ބަސްތައް. މިއީ އަޅުގަނޑު ހިތުން އަޅުގަނޑުމެން ހުރިހަ އެންމެނަށް ވެސް އެނގެންޖެހޭ ކަންތައްތައް" މިނިސްޓަރ އިބްރާހިމް ޙަސަން ވިދާޅުވިއެވެ.

މިނިސްޓަރގެ ވާހަކަފުޅުގައި ވަނީ ޤައުމުގެ ކުރިއެރުމަށްޓަކައި ލިބޭ ފައިސާ ރައްކާތެރިގޮތުގައި ހޭދަކުރުމަކީ ކޮންމެ މީހެއްގެވެސް ޒިންމާއެއް ކަމުގައި ފާހަގަކުރައްވާފައެވެ. އަދި ޅަފަތުގައި މިކަމުގެ މުހިއްމުކަން ދަރިވަރުންނަށް އެނގިފައި އޮތުމަކީ މުސްތަޤްބަލުގައި ދަރިވަރުންނަށް ފައިދާ ލިބިގެންދާނެކަމެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.