ތައިލޭންޑުގައި ބޭއްވި އާންމު އިންތިޚާބު އެ ޤައުމުގެ އެއްވެސް ޕާޓީއަކަށް ކާމިޔާބު ނުކުރެވޭކަން ވޯޓުގެ ނަތީޖާއިން ހާމަވެއްޖެކަމަށް މީޑިއާ ރިޕޯޓުތަކުން ދައްކައިފިއެވެ.
އާދީއްތަ ދުވަހު ތައިލޭންޑުގައި ބޭއްވި ޢާއްމު އިންތިޚާބުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އެންމެ ކުރީގައި އުޅެނީ އެ ޤައުމުގައި ވެރިކަންކުރާ އަސްކަރީ ވެރިންނަށް ތާއީދުކުރާ ޕަލަންގް ޕްރަޗަރަތު ޕާޓީކަމަށް ޚަބަރުތައް ބުނެއެވެ. އެހެންނަމަވެސް، އެ ޕާޓީއަށްވެސް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ލިބޭ މިންވަރާ ގާތަށްވެސް ގޮނޑި ކާމިޔާބުކުރެވިފައެއް ނުވެއެވެ.
ތައިލެންޑްގެ މީޑީޔާއާ ބެހޭ އެންމެ ބޮޑު މުއައްސަސާ ކަމަށްވާ މާސް ކޮމިއުނިކޭޝަން އޮގަނައިޒޭޝަން އޮފް ތައިލޭންޑުން ބުނާގޮތުން ތައިލެންޑްގެ ޤާނޫނު ހަދާ މަޖިލީހުގައި ހިމެނޭ ފަސްސަތޭކަ ގޮނޑިއަށް މެންބަރުން އިންތިޚާބުކުރުމަށް ބޭއްވި އިންތިޚާބުގެ ނުވަދިހަ ފަހެއް އިންސައްތަ ވޯޓު މިހާރުވަނީ ގުނާ ނިމިފައެވެ.
މި ވޯޓުތަކަށްބަލާއިރު ހަތެއް ޕޮއިންޓް ހައެއް މިލިޔަން މީހުންގެ ވޯޓާއެކު އިންތިޚާބުގައި އެންމެ ކުރީގައި އުޅެނީ އަސްކަރީ ވެރިންނަށް ތާއީދުކުރާ ޕަލަންގް ޕްރަޗަރަތު ޕާޓީއެވެ. ހަތެއް ޕޮއިންޓް ދޭއް މިލިޔަން މީހުންގެ ވޯޓާއެކު ދެވަނާގައި އޮތީ ފެއު ތައި ޕާޓީއެވެ.
އެއީ ދެހާސް އެއްވަނަ އަހަރުން ފެށިގެން ތައިލޭންޑުގައި ބޭއްވި ހުރިހާ އާއްމު އިންތިޚާބުތަކެއް ކާމިޔާބުކުރި ޕާޓީއެވެ. ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯދީ މުބްޖައި ތައި ޕާޓީއެވެ. އެ ޕާޓީން ފަސްމިލިޔަނާ ގާތަށް ވޯޓު ހޯދި ކަމަށް ޚަބަރުތައް ބުނެއެވެ.
ތައި ޤާނޫނު ހަދާ މަޖިލީހުގެ ފަސް ސަތޭކަ ގޮނޑީގެ ތެރެއިން ފެއު ތައި ޕާޓީން ސަތޭކަ ފަންސަވީސް ގޮނޑި ކާމިޔާބު ކުރިކަމަށްވެއެވެ. މިއީ އަސްކަރީ ވެރިކަމެއްގައި ފަސް އަހަރު ހޭދަކުރުމަށްފަހު ތައިލެންޑްގައި ބޭއްވި ފުރަތަމަ އާންމު އިންތިޚާބެވެ.
މި އިންތިޚާބުގައި އެއްވެސް ޕާޓީއަކަށް ޤާނޫނު ހަދާ މަޖިލީހުގެ އަޣުލަބިއްޔަތު ނުލިބޭތީ ތައިލެންޑްގައި ދެން އުފެދޭނީ ކޯލިޝަން ސަރުކާރެއްކަމަށްވަނީ ބެލެވިފައެވެ. އެހެންނަމަވެސް ކޯލިޝަން ސަރުކާރެއް އެކުލަވާނީ ކޮން ޕާޓީއެއް އިސްކޮށް އޮވެގެންކަމެއް އަދި ސާފުވެފައެއް ނުވެއެވެ.