ޚަބަރު

ރިޔާސީ ލޯންޗްކޮޅުގައި ހުރި ދައުލަތުގެ ނިޝާން ފޮރުވީ ކީއްވެ؟


ވެރިކަން ކުރާ ޕާޓީގެ ފަރާތަކުން އިންތިޚާބުތަކާ ދިމާކޮށް ދައުލަތުގެ މުދާ ބޭނުންކޮށްގެން ކެމްޕެއިން ކުރާ ވާހަކައަކީ ފަހަކަށް އައިސް އަޅުގަނޑުމެންގެ ތެރޭގައި ޢާންމުކޮށް ދެކެވޭ ވާހަކައެކެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ސަރުކާރުގައި އޭރު ވެރިކަން ކުރި ޕްރޮގުރެސިވް ޕާޓީ އޮފް މޯލްޑިވްސް ޕީޕީއެމްއަށް އިންތިޚާބުތައް ކާމިޔާބުކުރުމަށް ދައުލަތުގެ މުދާ ހާމަކަން ބޮޑުގޮތެއްގައި ބޭނުންކުރިކަމަށް ބުނެ ވަރަށް ގިނަ ފަރާތްތަކުން އޭރު އެކަމުގެ ނުރުހުން ފާޅުކުރަމުންދިޔައެވެ. އެގޮތުން ދައުލަތުން ރައީސުލް ޖުމްހޫރިއްޔާގެ ދަތުރުފުޅުތަކަށް ޚާއްސަކުރައްވާފައިވާ ލޯންޗުތަކުގައި ރަށްރަށަށް ވަޑައިގެން އެމަނިކުފާނު ނިސްބަތްވެވަޑައިގަންވާ ސިޔާސީ ޕާޓީ ޕްރޮމޯޓް ކުރުމާއި، ދައުލަތުގެ މީޑިއާވެސް އެޕާޓީއަށް މަންފާކުރާފަދަ ގޮތަކަށް ބޭނުންކުރާތީ އޭރުގެ އިދިކޮޅު ފަރާތްތަކާއި ޢާންމު މީހުންވެސް ދިޔައީ ނުރުހުން ފާޅުކުރަމުންނެވެ. މިކަން ނިމިދިޔަ ރިޔާސީ އިންތިޚާބުގެ ތެރޭގައިކަމަށް އިންތިހާ ދަރަޖައަށް އިތުރުވެގެންދިޔަކަން އޭރުގެ މައި އިދިކޮޅު ޕާޓީ އެމް.ޑީ.ޕީންދިޔައީ ބުންމުންނެވެ.

މިދިޔަ އަހަރުގެ ސެޕްޓޭމަބަރު 23 ގައި ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެންނެވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްވަނީ އެމަނިކުފާނުގެ ސަރުކާރުގައި މިފަދަ ކަންކަން ނުހިންގަވާނެކަމަށް ވިދާޅުވެފައެވެ. އަދި ކޮރަޕްޝަނަށް ރައީސް ޞާލިޙާއި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާނީ "ޒީރޯ ޓޮލަރެންސް" ކަމަށްވެސް އެމަނިކުފާނު ވާނީ ވިދާޅުވެފައެވެ.

ރައީސް ޞާލިޙް ވެރިކަމާއި ހަވާލުވެވަޑައިގެން މާގިނަ ދުވަސްތަކެއް ނުވެ މިވަނީ މަޖިލިސް އިންތިޚާބު ބޯމަތިވެފައެވެ. އަންނަ މަހުގެ 6ވަނަ ދުވަހު, މަޖިލިސް އިންތިޚާބުބާއްވަން ނިންމާފައިވާއިރު، މިފަހަރުގެ މަޖިލިސް އިންތިޚާބަކީ ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީއަށްވެސް، އަދި އިދިކޮޅު މައި ޕާޓީއަށްވެސް ކާމިޔާބުކުރުން ވަރަށް މުހިއްމު އިންތިޚާބެކެވެ. ސަރުކާރަށް އިންތިޚާބު ކާމިޔާބު ނުވެއްޖެނަމަ ވެރިކަން ކުރުމަށްދަތިވެ ސަރުކާރުނުހިންގޭ ދަރަޖައަށް ހިންގައިދާނެކަމަށް ސަރުކާރުން ވިދާޅުވަމުންއަންނައިރު، ސަރުކާރު ޖަވާބުދާރީކޮށް މަޖިލީހުގެ ދައުރު ފުރިހަމައަށް އަދާކުރެވޭނީ އިދިކޮޅު ފަރާތްތަކަށް މަޖިލީހުގެ އަޣްލަބިއްޔަތު ލިބިގެންކަމަށް އެފަރާތުން ދަނީ ބުނަމުންނެވެ.

ދެފަރާތުންވެސް ގެންދަނީ ފޯރިޔާއެކު ކެމްޕެއިންކުރަމުންނެވެ. އިންތިޚާބު ގާތްވަމުންދާވަރަކަށް ކެމްޕެއިންގެ ފޯރި ގަދަވެ ޕާޓީތަކުން ތަފާތު އެކި ރަށްރަށުގައި ކެމްޕެއިން ހިންގާއިރު، ސަރުކާރުހިންގާ ޕާޓީ އެމް.ޑީ.ޕީންވެސް އިންތިޚާބު ކާމިޔާބުކުރުމަށް ކެމްޕެއިން ދަތުރުތައް ދަނީ ކުރަމުން މީގެ ތެރެއިން ގިނަ ދަތުރު ތަކުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވައެވެ.

ނަމަވެސް ރައީސް ޞާލިޙް ކެމްޕެއިން ދަތުރުފުޅުތައް ކުރައްވަނީ ސަރުކާރު ހިންގާ މައި ޕާޓީ އެމް.ޑީ.ޕީގެ ޚަރަދުގައިކަމަށް ސަރުކާރުން ވަނީ ހާމަކޮށްފައެވެ. އަދި ރައީސްގެ ދަތުރުފުޅުތަކުގައި ދައުލަތުގެ މީޑިއާވެސް ބައިވެރިކޮށްފައެއް ނުވެއެވެ. ނަމަވެސް ރައީސްގެ ދަތުރުފުޅުތަކުގައި ކުރީގެ ރައީސް ނަޝީދު ދައުލަތުގެ ލޯންޗުކޮޅުތަކުގައި ދަތުރުކުރެއްވުމާ ގުޅިގެން އެކަމަށް ބައެއް ފަރާތްތަކުން ވަނީ ފާޑުކިޔާފައެވެ. އަދި ރައީސުލްޖުމްހޫރިއއްޔާއަށް ޚާއްސަ ލޯންޗުކޮޅުގައި ކެމްޕެއިން ދަތުރުކުރައްވާތީ އެކަމާގުޅިގެންވެސް ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ތަފާތު ވާހަކަތައް ދަނީ ދެކެވުނެވެ.

މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރަސްމީ ލޯންޗުކޮޅު ބޭނުން ކުރަމުން ގެންދަވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށެވެ. އަދި އައްޑޫ ސިޓީގެ ރަށްތަކަށް ކުރެއްވި ކެމްޕެއިން ދަތުރުފުޅުގައި ރިޔާސީ ލޯންޗުކޮޅުގައި ކުރީގެ ރައީސް މުޙައްމަދު ނަޝީދާއި ބައެއް އެހެން ބޭފުޅުން ދަތުރުކުރެއްވުމުން ބައެއް ފަރާތްތަކުން ވަނީ ވަރަށް ބޮޑަށް ފާޑުކިޔާފައެވެ.

ރައީސްއޮފީހުގެ ތަރުޖަމާން އިބްރާޙީމް ޙޫދު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދަތުރުފުޅުތަކުގައި ރިޔާސީ ލޯންޗުކޮޅު ބޭނުންކުރައްވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޤައުމީ ދިފާޢީ ބާރުން ކަމަށެވެ. އަދި މިހާތަނަށް ރައީސް ކުރެއްވި ކެމްޕެއިންގެ ހުރިހައި ދަތުރުފުޅެއްގެ ހުރިހާ ޚަރަދެއްވެސް ކުރީ އެމްޑީޕީން ކަމަށާއި، އޭގެތެރޭގައި ރައީސާއި، އެމަނިކުފާނުގެ އަރިހުގައި ދަތުރުކުރެއްވި ވަފްދާއި، އެމަނިކުފާނުގެ ސެކިއުރިޓީ އޮފިސަރުންގެ ހުރުމާއި ދަތުރުގެ ޓިކެޓައި ހުރިހާ ޚަރަދެއްކުރެއްވީ އެމްޑީޕީންކަމަށް ޙޫދު ވިދާޅުވިއެވެ. އަދި އައްޑޫ ސިޓީގެ ހުޅުމީދޫއަށް ރިޔާސީ ލޯންޗުކޮޅުގައި ރައީސް ޞާލިޙްގެ އަރިހުގައި އެމްޑީޕީގެ ރައީސް މުޙައްމަދު ނަޝީދު ވަޑައިގަތީ ރައީސް ޞާލިޙްގެ އެދިވަޑައިގަތުމަކަށްކަމަށާއި، އެއީ ރައީސްކަން ކޮށްފައިވާ ބޭފުޅަކަށް ކުރެއްވި އިޙްތިރާމެއްކަމަށް ހޫދު ވިދާޅުވިއެވެ.

ރައީސް ނަޝީދަކީ ވެސް ޢިއްޒަތް ލިބިވަޑައިގަންނަވާނެ ބޭފުޅެއްކަމަށް ރައީސް އޮފީހުންވަނީ ވިދާޅުވިއެވެ. ރައީސް ޞާލިޙް ރަށްރަށަށް ކުރައްވާ ކެމްޕެއިން ދަތުރުފުޅުތަކާގުޅޭގޮތުން އިދިކޮޅު މައިޕާޓީ ޕީޕީއެމްގެ އިސް ސަފުގައި ހަރަކާތްތެރިވެވަޑައިގަންނަވާ އަދި ޕީޕީ.އެމްގެ ސެކްރެޓަރީ ޖެނަރަލްކަން ކުރައްވާފައިވާ ޑރ. އަބްދުﷲ ޚަލީލުވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

މިމަހުގެ 25 ވަނަ ދުވަހު ޚަލީލުކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދައުލަތުގެ ލޯންޗްފަހަރުގައި ޖަހާފައިވާ ދައުލަތުގެ ނިޝާނުގެ މަތީގައި ސަތަރި އަޅައިގެން ކެމްޕެއިންކުރައްވަމުން ރައީސް ޞާލިޙް ގެންދަވާކަމަށެވެ. އަދި އެއީ ވައްކަމެއްކަމަށް ދޭހަވާފަދަ ގޮތަކަށް ސިފަކުރައްވައި، އެމަންޒަރު ފެންނަ ފޮޓޯ އެއް ޚަލީލް ވަނީ ހިއްސާކުރައްވާފައެވެ.

މިކަމާއި ގުޅިގެން ސަރުކާރުގެ ކަމާއި ގުޅުން ހުރި ފަރާތަކުން ވަކިއެއްޗެއް ހާމަނުކުރެއްވި ނަމަވެސް ސިފައިންގެ ޚިދުމަތުގައި ގިނަ ދުވަސްތަކެއް ހޭދަކުރެއްވި ހިތަދޫ މެދު ދާއިރާގެ މެމްބަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުހައްމަދު ދީދީ ވަނީ ޑރ.ޚަލީލަށް ރައްދުދެއްވައި މިއީ ރިޔާސީ ލޯންޗުކޮޅު ބޭނުންކުރުމުގައި ޢަމަލުކުރާ ޕްރޮޓޮކޯލްކަން ފާހަގަކުރައްވާފައެވެ.

1979 ޑިސެމްބަރު 7ވަނަ ދުވަހުން ފެށިގެން 2012 ޖުލައި 17 ގެނިޔަލަށް ސިފައިންގެ ވަޒީފާގައި ޚިދުމަތްކުރެއްވުމަށްފަހު ޝަރަފްވެރިކަމާއެކު ރިޓަޔަރ ކުރައްވާފައިވާ އަދި މިހާރު ވެރިކަންކުރާ އެމް.ޑީޕީގެ ފަރާތުން ހިތަދޫ މެދުދާއިރާގެ މެންބަރު ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް) އިބްރާހީމް މުޙައްމަދު ދީދީ ވަނީ، ކާރުގެ ދިދަ އަށް އުރަލައްވައިގެން ދަތުރު ކުރުމާއި، އުރަ ނުލައްވައި ދަތުރުކުރުމުގެ މިސާލުދައްކަވާފައެވެ. އެގޮތުން ރައީސް ދަތުރުކުރެއްވުމަށް ޤައުމީ ދިފާޢީ ބާރުން ހަމަޖެއްސިވި ރަސްމީ ލޯންޗުކޮޅުގެ ލޯގޯ ފޮރުވާފައިވަނީ، ރަސްމީ އިއްޒަތުގައި ވަޑައިގަތުމާއި، ނުރަސްމީކޮށް ވަޑައިގަތުމުގެ ތަފާތު ދެއްކުމަށްކަން ވިދާޅުވެ ބްރިގޭޑިއަރ ޖެނެރަލް (ރިޓަޔަރޑް)އިބްރާހީމް މުޙައްމަދު ދީދީ ވަނީ ޑރ.ޚަލީލަށް ރައްދުދެއްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ ކޮންމެ ހައިސިއްޔަތަކުން ތަނަކަށް ވަޑައިގެންނެވިނަމަވެސް، ޤައުމީ ދިފާޢީ ބާރުން އެޕްރޫވްކުރާ ފެންވަރަކަށް ފެތޭ ދަތުރުފަތުރުކުރުމުގެ އިންތިޒާމެއް ދައުލަތުން ހަމަޖައްސަވައިދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާގެ ސަލާމަތީކަންކަން ބަލަހައްޓާ ޕްރޮޓްކޯލަށް ލިބިގެންވާ ބާރެކެވެ.

ރައީސް ޞާލިޙަށް އަމާޒްކުރައްވައި ޑރ.ޚަލީލު ކުރެއްވި މިޓްވީޓާގުޅިގެން ގިނަ ބަޔަކު ވަނީ ޚަލީލަށް ފާޑުކިޔާފައެވެ. އެގޮތުން ބައެއް ފަރާތްތަކުން ބުނީ ރައީސް ޞާލިޙަކީ ދައުލަތުގެ މުދަލުގައި ނުޖެހި މަސްދޯންނަކަށް އަރައިގެންވެސް ކެމްޕެއިން ކުރުމުގެ ޤާބިލުކަން ހުރިބޭފުޅެއްކަމެށެވެ.

ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ލިބިދޭންޖެހޭ ރައްކާތެރިމާއި އިޙްރާމް އަދާކުރުމުގެ ގޮތުން ރަސްމީ ލޯންޗުކޮޅު ދަތުރުފުޅުތަކުގައި ބޭނުންކުރެވެއެވެ. އަދި މިގޮތަށް ކުރައްވާ ދަތުރުފުޅުތަކުގައު ދައުލަތުގެ ނިޝާން ފޮރުވަނީ އެދަތުރުފުޅަކީ ނުރަސްމީ ދަތުރުފުޅެއްކަށްވާތީއެވެ.