ޚަބަރު

ކުޅުދުއްފުށި އެއަރޕޯޓު ޓަރމިނަލްގެ މަސައްކަތްކުރާ ފަރާތާއެކު ވެފައިވާ އެއްބަސްވުން އުވާލައިފި


ހދ. ކުޅުދުއްފުށީ އެއަރޕޯޓް ޓާމިނަލްގެ މަސައްކަތްކުރުމަށް ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ހަދާފައިވާ އެއްބަސްވުން އުވާލާފައިވާކަމަށް ރީޖަނަލް އެއަރޕޯރޓްސްއިން ހާމަކޮށްފިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ޓަރމިނަލްގެ މަސައްކަތް ކުރުމަށް ކޮރެލިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާއެކު ވެފައިވާ އެއްބަސްވުން ރީޖަނަލް އެއަރޕޯރޓްސްއިން އުވާލާފައި މިވަނީ އެމަސައްކަތް ނުފެށި އޮންނަތާ ގިނަ ދުވަސްތަކެއް ވެފައިވަނިކޮށެވެ.

މިދިޔަ ޖެނުއަރީމަހު ރީޖަނަލް އެއަރޕޯރޓްސްއިން ވަނީ ކޮރެލިން ކުންފުންޏާއެކު މަޝްވަރާތަކެއް ކުރުމަށްފަހު، ހަފްތާއެއްހާ ދުވަހުގެ ތެރޭގައި އެމަސައްކަތް އަލުން ފެށޭނެކަމަށް ބުނެފައެވެ. ނަމަވެސް މިހާތަނަށް އައިއިރުވެސް އެމަސައްކަތް ފެށިފައެއް ނުވެއެވެ.

ރީޖަނަލް އެއަރޕޯޓްސްގެ އޮފިޝަލަކު ވިދާޅުވީ ރައީސް އޮފީހުގެ ހާއްޞަ ހުއްދައެއްގެ ދަށުން ކުޅުދުއްފުށީ ޓާމިނަލްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ. އަދި ވަރަށް އަވަހަށް ބަޔަކާ މިމަސައްކަތް ހަވާލުކުރެވޭނެކަމަށް އޮފިޝަލް ވިދާޅުވިއެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގައި މިހާރު ކުރަމުންދާ މަސައްކަތްތަކުގެ ތެރޭގައި އިން ވަކި ކުރުމަށް ފެންސް ޖެހުމުގެ މަސައްކަތް ހިމެނެއެވެ. މިމަސައްކަތް ކުރާ އެމް.ޓީ.ސީ.ސީން ބުނީ ވަރަށް ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި އެމަސައްކަތް ނިންމާލެވޭނެކަމަށެވެ.

ކުޅުދުއްފުށީ އެއަރޕޯޓަކީ އެރަށުގެ އުތުރު ކޮޅުގައި އޮންނަ ގުދުރަތީ ބޮޑު ކުޅިން 9 ހެކްޓަރުގެ ބިމާއި، މޫދުން 6 ހެކްޓަރުގެ ބިން ހިއްކައިގެން ތަރައްޤީކޮށްފައިވާ އެއަރޕޯޓެކެވެ.

ކުޅުދުއްފުށީ އެއަރޕޯޓުގެ ހުރިހާ މަސައްކަތެއް ނިންމާ ވަރަށް އަވަހަށް އޮޕަރޭޝަނަށް ގެނައުމުގެ މަސައްކަތް ކުރަމުންދާކަމަށް ރީޖަނަލް އެއަރޕޯޓްސް އިން ބުނެއެވެ. ކުޅުދުއްފުށީ އެއަރޕޯޓް މަޝްރޫޢުގެ ދަށުން 1200 މީޓަރު ދިގު އަދި 30 މީޓަރު ފުޅާ ރަންވޭއަކާއި، ޓެކްސީވޭއާއި، އެއަރ ކްރާފްޓްތައް ޕާކު ކުރުމަށްޓަކާ އޭޕްރަނެއްވެސް ވަނީ ހަދާފައެވެ.

ކުޅުދުއްފުށީ އެއާޕޯޓްގެ މަސައްކަތް މުޅިން ނިންމާނުލެވެނީސް އެއަރޕޯޓް ހުޅުވާފައިވަނީ މިދިޔަ ރިޔާސީ އިންތިޚާބާ ދިމާކޮށެވެ. އޭރު ސަރުކާރުން ބުނެފައިވަނީ ދެމަހެއްހާ ދުވަހުގެ ތެރޭގައި އެއަރޕޯޓްގެ ޓަރމިނަލް ނިންމާލެވޭނެކަމަށެވެ.
ކުޅުދުއްފުށީ އެއަރޕޯރޓް ހުޅުވުނު ފަހުން 5 މަސްވެފައިވާއިރު އަދިވެސް އެއާރޕޯރޓްގައި ޓާމިނަލް އެއް ނެތުމަކީ ކުޅުދުށީގެ ރައްޔިތުންގެ ބޮޑުޝަކުވާއެކެވެ. އަދި ޓާމިނަލް ނިންމާ ހިދުމަތް ލިބޭނެ ދުވަހަކީ މިހާރު ކުޅުދުއްފުއްޓާ މިސަރަހައްދުގެ ހުރިހާ ރައްޔިތުންގެވެސް އުއްމީދެކެވެ.

12 ހާހަށްވުރެ ބޮޑު އާބާދީއެއް އޮންނަ ކުޅުދުއްފުއްޓަކީ ރާއްޖޭގެ އެންމެ އުތުރުގެ އިޤްތިޞާދީ މައި ހަބު ކަމަށްވާއިރު، ކުޅުދުއްފުށީ އެއަރޕޯޓުން ޚިދުމަތް ދޭން ފެށުމުން އެ ސަރަޙައްދުގެ ފަތުރުވެރިކަމަށާއި ދަތުރުފަތުރަށްވެސް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެއެވެ.