އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ ނަވާރަ އަހަރުންދަށުގެ އަންހެންބައިގެ ޗެމްޕިއަންކަން ޖެހިޖެހިގެން 4ވަނަ ފަހަރަށް އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލުން ހޯދައިފިއެވެ.
އިންޓަރ ސްކޫލް ވޮލީބޯޅަ މުބާރާތުގެ 19 އަހަރުންދަށުގެ އަންހެން ބައިގެ ފައިނަލްގައި ސީއެޗްއެސްއީއާއި ވާދަކޮށް އަހުމަދިއްޔާ ޗެމްޕިއަންކަން ހޯދީ ސީދަ ތިން ސެޓުން މެޗު ކާމިޔާބުކޮށްގެންނެވެ.
ފައިނަލް މެޗުގެ ފުރަތަމަ ސެޓު ފަންސަވީސް އެކާވީހުން އަހުމަދިއްޔާ ކާމިޔާބުކުރިއިރު، ދެވަނަ ސެޓާއި ތިންވަނަ ސެޓު އެޓީމުން ކާމިޔާބުކުރީ ފަންސަވީސް ނަވާރައިން ނެވެ.
ފައިނަލް މެޗަށްފަހު ޗެމްޕިއަން އަހުމަދިއްޔާގެ ކޯޗު ޝުއެއިބް އަހުމަދު ބުނީ ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރެވުމަކީ ލިބޭ ބޮޑު ހިތްވަރެއްކަމަށާއި، ބޭނުންވި ގޮތަށް ޓީމް މޮޅަށް ކުޅުނުކަމަށެވެ. މެޗުގެ ބައެއް ހިސާބުތަކުގައި ސީއެޗްއެސްއީއަށް ލީޑް ލިބުނީ ކުޅުންތެރިން ބަދަލުކުރުމުންކަމަށާއި، އެކަމަކު އެ ރިސްކު ނެގީ އެހެން ކުޅުންތެރިންނަށްވެސް ފުރުސަތުދޭންވެގެންކަމަށް އޭނާ ބުންޏެވެ.
"ސީދާ ތިން ސެޓުން މެޗު ކާމިޔާބުކުރެވުމަކީ ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް، ދެން ބޭނުންވިގޮތަށް ޓީމު ވަރަށް މޮޅަށް ކުޅުނު. ސީއެޗްއެސްއީއަށް މެޗުގެ ބައެއް ހިސާބުތަކުގައި ލީޑު ލިބުނީ އައު ކުޅުންތެރިންނަށް ފުރުސަތު ދިނުމުން." ޝުއެއިބް ބުންޏެވެ.
ސީއެޗްއެސްއީގެ ކޯޗު އަހުމަދު އަދުނާނު ބުނީ ސީއެޗްއެސްއީގައި ގިނައީ އާ ކުޅުންތެރިންކަމަށާއި، މިކަހަލަ ވާދަވެރި ފައިނަލަށް ނިކުމެ ފައިނަލުގެ ޕްރެޝަރ ކުޅުންތެރިންނަށް ހޭންޑްލް ނުކުރެވުނީކަމަށެވެ. އޭނާ ބުނީ ސީދާ ތިން ސެޓުން ބަލިވިޔަސް ޓީމުން ދެއްކި ކުޅުމާއިމެދު ހިތްހަމަޖެހޭކަމަށާއި، މެޗުގައި ޓީމަށް ދިމާވި އެންމެ ބޮޑު ގޮންޖެހުމަކީ ޓީމްގެ އެންމެ މުހިންމު ކުޅުންތެރިޔާއަށް އަނިޔާވުންކަމަށެވެ.
"އަސްލު ސީއެޗްއެސްއީގައި ގިނައީ އައު ކުޅުންތެރިން. ދެން މެޗުގައި ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ މުހިއްމު ކުޅުންތެރިއަކަށް އަނިޔާވުން. އެހެންވެ ޕްރެޝަރު ހޭންޑަލް ނުކުރެވުނީ. ތިން ސެޓުން ބަލިވިކަމުގައިވިޔަސް ޓީމު ދެއްކި ކުޅުމާއި ދޭތެރޭ ހިތްހަމަޖެހޭ." އަދުނާން ބުންޏެވެ.
މި މުބާރާތުގެ 19 އަހަރުން ދަށުގެ އަންހެން ބައިގައި ބައިވެރިވެފައިވަނީ 3 ސްކޫލެކެވެ. އެއީ ސީއެޗްއެސްއީ އަދި ވިލާ އިންޓަރނޭޝަނަލް ހައި ސްކޫލްގެ އިތުރުން އަހުމަދީއްޔާ އިންޓަރނޭޝަަނަލް ސްކޫލެވެ.