ޚަބަރު

ހަލަބްގައި އޮންނަ ސިނާޢީ ސަރަހައްދަކަށް އިސްރާއީލުން ވައިގެ ހަމަލާތަކެއް ދީފި


ސޫރިޔާގެ އުތުރުގެ ހަލަބްގައި އޮންނަ ސިނާޢީ ސަރަހައްދަކަށް އިސްރާއީލުން ބުދަ ދުވަހު ވައިގެ ހަމަލާތައް ދީފައިވާކަމަށް ސޫރިޔާގެ އަސްކަރިއްޔާއިން ބުނެފިއެވެ.

ސޫރިޔާގެ އަސްކަރިއްޔާއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިސްރާއީލުން ދިން ހަމަލާތަކުގައި ގެއްލުން ލިބިފައިވަނީ ހަމައެކަނި މުދަލަށް ކަމަށާއި، ސޫރިޔާގެ އަސްކަރީ ދިފާޢީ ބާރުތަކުން ވަނީ އިސްރާއީލުގެ ބައެއް މިސައިލްތައް ވައްޓާލާފައިކަމަށެވެ. އިސްރާއީލުން ދިން މި ހަމަލާތަކުގެ ސަބަބުން ހަލަބްގެ ބޮޑު ސަރަހައްދަކުން ކަރަންޓް ކެނޑުނުކަމަށްވެސް ރޮއިޓަސްއިން ވަނީ ރިޕޯޓުކޮށްފައެވެ.

ސޫރިޔާގެ އިދިކޮޅު ފަރާތްތަކުން ބުނެފައިވަނީ އިސްރާއީލުން ހަމަލާތައް އަމާޒުކުރި ސަރަހައްދުގައި ސޫރިޔާގައި ހަރަކާތްތެރިވާ އީރާނުގެ އަސްކަރީ ބާރުތަކުން ހަތިޔާރު ރައްކާތެރިކުރާ ގުދަންތައް ހުރިކަމަށާއި، އީރާނުން ބޭނުން ކުރާ އަސްކަރީ ވައިގެ ބަނދަރެއްވެސް އެސަރަހައްދުގައި އޮންނަ ކަމަށެވެ. އެހެންނަމަވެސް މި ތަންތަނަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ މަޢުލޫމާތެއް ސޫރިޔާގެ އަސްކަރިއްޔާއިން ހާމަކޮށްފައެއް ނުވެއެވެ.

ބުދަ ދުވަހު އިސްރާއީލުން ދިން ހަމަލާތަކުގެ ތަފްސީލު އެ ގައުމުން ހާމަކޮށްފައެއް ނުވެއެވެ. 2011 ވަނަ އަހަރުއްސުރެ ސޫރިޔާގައި ކުރަމުންދާ ހަނގުރާމައިގެ ތެރޭގައި އިސްރާއީލުން ވަނީ އެތައް ފަހަރެއްގެ މަތިން ސޫރިޔާގެ ސަރަހައްދުގެ ތެރެއަށް ވައިގެ ހަމަލާތައް ދީފައެވެ. އެ ޤައުމުން ބުނެފައިވަނީ މި ހަމަލާތައް އަމާޒުކޮށްފައިވަނީ ސޫރިޔާގައި ހަރަކާތްތެރިވަމުންދާ އީރާނުގެ ފައުޖުތަކާއި އެ ފަރާތްތަކުން ބޭނުންކުރާ އަސްކަރީ ހަތިޔާރަށް ކަމަށެވެ.