ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ އެކައުންޓްތަކުގައި ހުރި ފައިސާ ފްރީޒްކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރު ހައިކޯޓުން ބާތިލުކޮށްފިއެވެ.
ރައީސް ޔާމީންގެ އެކައުންޓްތައް ފްރީޒް ކުރުމަށް ކްރިމިނަލް ކޯޓުން ނެރުނު އަމުރަކީ ޝަރުޢީ އަދި ޤާނޫނީ އުޞޫލުތަކާ ޚިލާފު އަމުރެއްކަމަށް ބުނެ، ޔާމީންގެ ފަރާތުން ހައިކޯޓަށް ހުށައެޅި އިސްތިއުނާފު މައްސަލައިގެ ޙުކުމް އިއްވަމުން މިމައްސަލަބެއްލެވި ބެންޗުގެ އިސް ފަނޑިޔާރު ވިދާޅުވީ، ޔާމީންގެ އެކައުންޓްތައް ފްރީޒްކުރުމަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ހެއްކާއި ޤަރީނާތަކަށް ބަލައި އެކައުންޓް ފްރީޒްކުރުމަށް ދައުލަތުގެ ފަރާތުން އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 72 ވަނަ މާއްދާ އާއި 73 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ އިޖުރާއަތު ތަކާއި ޚިލާފަށްކަން އެނގެން އޮތްކަމަށެވެ. އެހެންކަމުން ކުރިމިނަލް ކޯޓުގެ އެ އަމުރަށް ބަދަލު ގެންނަންޖެހޭކަމަށް މައްސަލަ ބެލި ފަނޑިޔާރުންނަށް އިއްތިފާޤްވެވިފައިވާތީ އެއަމުރަކީ ބާޠިލް އަމުރެއްކަމަށް ކަނޑައަޅާކަމަށެވެ.
ރައީސް ޔާމީންގެ އެކައުންޓްތަކުން 100 މިލިއަނަށްވުރެ ގިނަ ރުފިޔާ ކޯޓް އަމުރެއްގެ ދަށުން ފްރީޒްކޮށްފައިވާއިރު، ރައީސް ޔާމީން ޤަވާއިދާ ޚިލާފަށް މާލީ މުޢާމަލާތްތަކެއްކުރިކަމަށް ތުހުމަތުކުރެވޭ މައްސަލައެއް ފުލުހުން ބަލަންފަށާފައިވަނީ ރިޔާސީ އިންތިޚާބުގެ ތެރޭގައި ރައީސް ޔާމީންގެ ބޭންކް އެކައުންޓަކަށް ގިނައަދަދެއްގެ ފައިސާތަކެއް ޖަމާކުރި މައްސަލަ އެމްއެމްއޭއިން ފުލުހުންނަށް ހުށަހެޅުމުންނެވެ.
ބޮޑެތި އަދަދުތަކުން ފައިސާ ޖަމާކޮށް، މުއާމަލާތް ހިންގިކަން ކަމަށް ބުނެ ފުލުހުން ހުށަހެޅުމުން ކްރިމިނަލް ކޯޓުން ނެރުނު އަމުރާއެކު ބޭންކް އޮފް މޯލްޑިވްސް އާއި މޯލްޑިވްސް އިސްލާމިކް ބޭންކް ގައި ޔާމީންގެ ނަމުގައި ހުޅުވާފައިވާ އެކައުންޓްތައް ފްރީޒް ކުރި ކުރުން ހައިކޯޓުން މިއަދު ކުރެއްވި އަމުރާއެކު ނިމުމަކަށް އަންނާނެއެވެ.
މަނީ ލޯންޑްރިންގެ މައްސަލައިގެ ޝަރީޢަތް ނިމެންދެން ޔާމީން ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ކުރި އަމުރުވެސް ބާޠިލުކޮށް ޔާމީން ދޫކޮށްލުމަށް ހައިކޯޓުން ވަނީ އަމުރުކުރައްވާފައެވެ.