ކްލަބް މޯލްޑިވްސް ކަޕްގެ ގަދަ ދެ ބާރު، އެމް.ޕީ.އެލް އާއި އެސް.ޓީ.އޯ އަނެއްކާވެސް އެއް ގުރޫޕެއްގައި ލައްވާލައިފިއެވެ.
ރާއްޖޭގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް ކަމުގައިވާ ކްލަބް މޯލްޑިވްސް ކަޕްގެ ގުރުނެގުމުގެ ރަސްމިއްޔާތު މިރޭ ބޭއްވިގެންދިޔައިރު މުބާރާތުގެ ޗެމްޕިއަންކަން މީގެކުރިން އެއްތައްފަހަރަކު ނަގާފައިވާ ދެޓީމް ކަމުގައިވާ އެސް.ޓީ.އޯ އާއި އެމް.ޕީ.އެލް ލައްވާލާފައި ވަނީ ގްރޫޕް ސީގައިއެވެ. މިދިޔަ އަހަރުގެ މުބާރާތުގައިވެސް މިދެޓީމް ލައްވާލާފައިވަނީ އެއް ގްރޫޕެއްގައިއެވެ.
ދެހާސް އަށްވަނަ އަހަރުގެ ޗެމްޕިއަންކަން އެސް.ޓީ.އޯ އާއި ދެހާސް ނުވަ ވަނަ އަހަރުގެ ޗެމްޕިއަނުން އެމް.ޕީ.އެލް ހޯދިއިރު މިދެއަހަރުވެސް ފައިނަލްގައި ވާދަކޮށްފައިވަނީވެސް މިދެޓީމެވެ.
އެސް.ޓީ.އޯ އާއި އެމްޕީއެލްގެ އިތުރުން މިގްރޫޕުގައި ދެން ހިމެނެނީ ފެނަކަ އަދި އެމް.އެމް.އޭ އެވެ. ފެނަކަ އަކީވެސް މީގެކުރިން ކްލަބް މޯލްޑިވްސްގެ ސެމީފައިނަލްގައި ކުޅެފައިވާ ވަރުގަދަ ޓީމެކެވެ.
އެންމެ ފަހުގެ ޗެމްޕިއަނުން ގްރޭޓަރ މާލެ އިންޑަސްޓްރިއަލް ޒޯން ލިމިޓެޑް، ޖީ.އެމް.އައި.އެޒް.އެލް ހިމެނުނީ ގްރޫޕް އީގައެވެ. މިގްރޫޕްގައި ދެން ހިމެނެނީ ސްޓެލްކޯ އާއި ކްލަބް އެމް.ވައި.އެސް އަދި ފެހި ފަހި ކްލަބެވެ.
މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު މޯލްޑިވިއަން ހިމެނުނީ ގްރޫޕް އޭގައެވެ. މޯލްޑިވިއަން އާއެކު މިގްރޫޕްގައި ދެން ހެމެނުނީ މިފަހަރުގެ މުބާރާތައް އެންމެ ވަރުގަދައަށް ތައްޔާރުވަމުންދާ އެއް ޓީމު ކަމުގައިވާ ކްލަބް ވެމްކޯ އާއި ކްލަބް އާސަންދަ އަދި އެން.ސީ.އައި.ޓީ އެވެ.
ގްރޫޕް ޖީގައި ހިމެނުނު ކްލަބް އެޗް.ޑީ.ސީ އާއި ޔުނައިޓެޑް ބީ.އެމް.އެލް އަކީވެސް މުބާރާތުގެ ތަށި ހޯދުމަށް ޓީމު ކުރިއަށްވުރެ ވަރުގަދަކޮށްގެން ނިކުންނަ ދެޓީމެވެ.
ކްލަބް މޯލްޑިވްސް ކަޕާއެކު ކުރިއަށްދާ އެއިޓީން ތާޓީ ވުމަންސް ފުޓްސަލް ފިއެސްޓާގެ ގުރުވެސް މިރޭގެ ރަސްމިއްޔާތުގައި ވަނީ ނަގާފައި. މިއަހަރަކީ އެއިޓީން ތަރޓީ ވުމެންސް ފުޓްސަލް ފިއެސްޓާ މެދުކެނޑުމެއްނެތި ބާއްވާ ދިހަވަނަ އަހަރެވެ.
ޖުމްލަ އަށް ޓީމް ވަދަކުރާ މިމުބާރާތުގެ ގްރޫޕް އޭގައި ހިމެނުނީ އެންމެ ފަހުގެ ޗެމްޕިއަނުން އެމް.ޕީ.އެލް އާއި ދެހާސް ސަތާރަ ވަނަ އަހަރުގެ ޗެމްޕިއަނުން ޓީމް ފެނަކަ އަދި ކްލަބް ވެމްކޯގެ އިތުރުން މުބާރާތުގެ އެންމެ ކާމިޔާބު ޓީމް ކްލަބް އިމިގްރޭޝަންއެވެ.
ގްރޫޕް ބީގައި ހެމެނެނީ މިދިޔަ އަހަރުގެ ފައިނަލްގައި ކުޅުނު ޕޮލިސް ކްލަބްގެ އިތުރުން ޓްރޭޑް ކްލަބާއި ދިވެހި ސިފައިންގެ ކްލަބް އަދި ފެން ކްލަބެވެ.