ޚަބަރު

މާޒިޔާއިން މަސައްކަތް ކުރަނީ މެނޭޖްމަންޓް ހަރުދަނާ ކުރަން - ވަހީދު


މާޒިޔާއިން ކުރިއަށް އޮތްތަނުގައި މަސައްކަތް ކުރާނީ ކުލަބެއްގެ ގޮތުގައި މެނޭޖްމަންޓް ހަރުދަނާ ކުރުމަށް ކަމަށް އެކުލަބުން ބުނެފިއެވެ.
މެނޭޖަރު އިބްރާހީމް ވަހީދު ބުނީ މި އަހަރު ކުޅުންތެރިން ގެނެސް ޓީމު ބިނާކުރެވިފައިވާ ކަމަށާއި ދެން އޮތީ ޓީމުގެ ހިންގުން ޒަމާނީކުރުން ކަމަށެވެ. މި ގޮތުން ސަޕޯޓަރުން އިތުރު ކުރުމަށާއި ސްޕޮންސަރުންގެ ފައިދާ އަށް އެކުލަބުން ސޯޝަލް މީޑިއާ މެދުވެރިކޮށް ގިނަ ހަރަކާތްތަކެއް ކުރަން ފަށާފައިވާ ކަމަށެވެ. އަދި ކުލަބު ހިންގުމުގެ މައުލޫމާތު ވަރަށް ހާމަކަންބޮޑު ގޮތެއްގައި މީޑިއާ ހިއްސާ ކުރުމަކީ ވެސް މާޒިޔާއިން ވަރަށް ބޮޑަށް އިސްކަން ދެމުން އަންނަ ކަމެއް ކަމަށް ވެސް ވަހީދު ބުންޏެވެ.
މިދިޔަ ހައެއްކަ އަހަރު އެންމެ ރަނގަޅަށް މުސާރަ ދީފައިވާ ކުލަބަކީ މާޒިޔާ އެވެ. މިހެންވެ ވަހީދު ބުނީ ކުޅުންތެރިންގެ ކަންތައްތައް ކުރިމަގުގައި ވެސް އެންމެ ފުރިހަމައަށް ގެންދިއުމަކީ ކުލަބުގެ އަމާޒެއް ކަމަށާއި އޭގެ އިތުރުން ކުލަބުގެ އާމްދަނީ އިތުރު ކުރުމަކީ ވެސް މިހާރު މާޒިޔާއިން ވަރަށް ބޮޑަށް ވިސްނަމުދާ ކަމެއް ކަމަށެވެ.

"މާޒިޔާއިން އަބަދުވެސް ވިސްނަނީ ވަގުތީ އުފަލަކަށް ނޫން. މިއަހަރު މާޒިޔާއަށް ސޮއިކުރި ކުޅުންތެރިންވެސް ސޮއިކޮށްފައިވާނީ ތިން އަހަރަށް. އެއީ ކުލަބްގެ ދުރު މުސްތަގްބަލަށް ވިސްނާފަ ކޮށްފައިވާކަމެއް. މިހާރު މާޒިޔާއިންވެސް މިދަނީ ކުލަބްއެއްގެ ގޮތުގައި ކުރިއަރާނެ ގޮތްތަށް ހޯދަމުން. ކުލަބްއަށް މާލީ ފައިދާ ކުރާނެ ގޮތްތަށްވެސް ހޯދަމުން. ކުލަބްގެ ފަހަތުގައި ތިބޭ ސަޕޯޓަރުންގެ އަދަދުވެސް އިތުރު ކުރުމަށް މިހާރު މިދަނީ ގިނަ މަސައްކަތްތަކެއް ކުރަމުން." މާޒިޔާގެ މެނޭޖާރ ވަހީދު ބުންޏެވެ.