ސަރުކާރުގައި ތިބެންވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް ކަމަށާއި އަމިއްލަ މަޞްލަޙަތު އިސްކުރާ ފަރާތްކަށް ސަރުކާރުން ޖާގައެއް ނެތް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.
އެމްޑީޕީއަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުމާއި ގުޅިގެން ލޮނުޒިޔާރަތް ކޮޅުގައި މިރޭ ބޭއްވި އުފާފާޅު ކުރުމުގެ ރަސްމިއްޔާތުގައި ރައީސް އެންމެ ފުރަތަމަވެސް އިސް ކުރެއްވީ ދިވެހި އެންމެހާ ރައްޔިތުންނަށް ޝުކުރު އަދާ ކުރުމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއަދު ފެނިގެން ދިޔައީ އިލެކްޝަންސް ކޮމިޝަނަށް ބާރު ދިނުމުން އެއްވެސް މައްސަލައެއް ނުޖެހި އިންތިޚާބު ބޭއްވިގެންދިޔަ ތަން ކަމަށެވެ. ނިމިދިޔަ ރިޔާސީ އިންތިޚާބުގައި އެމަނިކުފާނާއި ވާދަކުރެއްވި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމަށް ތާޢީދު ކުރެއްވި ފަރާތްތަކުން ދެއްކެވި ވާހަކަފުޅުތަކާއި ގުޅިގެން ރައީސް ޞާލިޙު ވިދާޅުވީ މިއަދުގެ ވޯޓުގައި އަނގޮޓީގެ ޝަކުވާއެއްވެސް އަދި ދެލި ފުހެވޭ ގަލަމެއްގެ ވާހަކަވެސް ނުދައްކާ ކަމަށެވެ.
"އަޅުގަނޑުމެންނާ މި ހަވާލުކުރި މަސައްކަތުގެ ޒިންމާ އަދާކުރޭތޯ ބަލަންވީ ނޫސްވެރިން. ރައްޔިތުންގެ މަޖިލިހުގެ މެމްބަރަކު ފައިސާ އަށް ހިޔާނާތްތެރިވެއްޖިއްޔާ ލިޔުއްވާ. އަޅުގަނޑު މި ހުރީ ފިޔަވަޅު އަޅަން ތައްޔާރަށް. މި ސަރުކާރުގައި ތިބެން ވާނީ ރައްޔިތުންނަށް ޚިދުމަތް ކުރުމަށް. އަމިއްލަ މަސައްކަތް ކުރުމުގެ ޖާގައެއް ހިލާ އަޅުގަނޑު ނުދޭނަން،" ރައީސް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މިއީ ޤައުމުގެ ރައްޔިތުން އެންމެން އެކީގައި މަސައްކަތް ކުރަންވީ ވަގުތު ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ އެންމެން އެކުގައި މަސައްކަތް ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ. ކޮރަޕްޝަނާއި ވައްކަން ބަލަން އެކުލަވައިލި ކޮމިޝަން އާ މަޖިލިހާ އެކު ކުރިއަށް ދާނެ ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
ރައީސް ޞާލިޙު ވިދާޅުވީ ރައްޔިތުން މިއަދު ނިންމި ނިންމުމަކީ 23 ސެޕްޓެމްބަރުގެ ނިންމުމާ އެކު ތިއްބެވި ކަން އަންގައިދޭ ނިންމުމެއް ކަމަށެވެ. އަދި ވައްކަމާއި ކޮރަޕްޝަނަށް އެނބުރި ދާން ބޭނުން ނުވާކަން މަޖިލިސް އިންތިޚާބުގެ ވޯޓުގެ ނަތީޖާއިން ރައްޔިތުން ސާބިތު ކޮށްދެއްވާފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.