ސިޔާސީ

ފ.އަތޮޅާއި މ.އަތޮޅުގެ މެޖޯރިޓީ ޕީޕީއެމްއަށް ގެއްލި، އެމްޑީޕީއަށް


ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް ހަމައެކަނި ތާޢީދު ލިބުނު ދެ އަތޮޅުންވެސް މިފަހަރުގެ މަޖިލިސް އިންތިޚާބުގައި ތާޢީދު ގެއްލިއްޖެއެވެ. ރިޔާސީ އިންތިޚާބުގައި ޕީޕީއެމްއަށް ހަމައެކަނި ތާޢީދު ލިބި، މެޖޯރިޓީ އެންމެ ގިނަ ވޯޓުވެސް ލިބިގެންދިޔައީ ފ. އަތޮޅާއި މ. އަތޮޅުންނެވެ. ރިޔާސީ އިންތިޚާބުގައި މި ދެ އަތޮޅުން ނޫނިއްޔާ އެހެން ހުރިހާ އަތޮޅެއްގެ މެޖޯރިޓީ ވޯޓު ހޯދީ މިހާރުގެ ރައީސް އިބްރާޙީމް މުޙައްމަދު ޞާލިހެވެ.

އޭގެ ހައެއްގެ މަސް ފަހުން ބޭއްވި މަޖިލިސް އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައިވެސް މި ދެ އަތޮޅު ވެގެން ދިޔައީ ވާދަވެރި ކެންޑިޑޭޓުންތަކެއް ނިކުތް ދެ އަތޮޅަށެވެ. މ. އަތޮޅަށް ބަލާއިރު އެ އަތޮޅުގެ މުލަކު ދާއިރާއާ ދިއްގަރު ދާއިރާއަކީ ފާހަގަކޮށްލެވޭ ދެ ދާއިރާއެވެ. މުލަކު ދާއިރާއަކީ ކުރީގެ ރައީސް ޢަބްދުﷲ ޔާމީން މަޖިލިސް މެންބަރުކަން ކުރެއްވި ދާއިރާއެކެވެ. ދިއްގަރު ދާއިރާއަކީ ކުރިން 2014ވަނަ އަހަރު ބޭއްވި މަޖިލިސް އިންތިޚާބު ލިބުނު ދާއިރާއެކެވެ.

ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ފ. އަތޮޅުން ޕީޕީއެމްއަށް މެޖޯރިޓީ ލިބުނު ނަމަވެސް ފ. އަތޮޅުގެ ވަކިވަކި ރަށްތަކުން އެންމެ ގިނަ ވޯޓު ހޯދާފައި ވަނީ ރައީސް ޞާލިހެވެ. އެގޮތުން ފ. އަތޮޅު ބިލެތްދޫއާ ފީއައްޔާއި ދަރަނބޫދޫގެ އިތުރުން މަގޫދޫއިންވެސް ރިޔާސީ އިންތިޚާބުގައި ކުރި ހޯދާފައި ވަނީ ރައީސް ޞާލިޙެވެ. ޕީޕީއެމްއަށް ނުވަތަ ކުރީގެ ރައީސް ޔާމީނަށް ރިޔާސީ އިންތިޚާބުގައި ހަމައެކަނި ކުރި ލިބުނީ ފ. އަތޮޅު ނިލަންދޫއިންނެވެ. ނަމަވެސް ފ. އަތޮޅުގެ ހުރިހާ ރަށެއް އެއްކޮށްލައިގެން ރައީސް ޔާމީނަށް އޭރު 1368 ވޯޓު ލިބިވަޑައިގަތެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 1359 ވޯޓެވެ. އެންމެ 9 ވޯޓުގެ ތަފާތެވެ.

މ. އަތޮޅަށް ބަލާއިރު އެ އަތޮޅުގެ މުއްޔާއި ވޭވަށާއި މުލަކުގެ އިތުރުން ނާލާފުށްޓާއި ކޮޅުފުށިން ރިޔާސީ އިންތިޚާބުގައި ކުރި ހޯއްދެވީ ކުރީގެ ރައީސް ޔާމީނެވެ. ރައީސް ޞާލިޙަށް މެޖޯރިޓީ ލިބިވަޑައިގަތީ މަޑުއްވަރިއާ ދިއްގަރުންނެވެ. މުޅި މ.އަތޮޅުން ކުރީގެ ރައީސް ޔާމީނަށް 1714 ވޯޓު ލިބިވަޑައިގެންއިރު ރައީސް ޞާލިޙަށް ލިބިވަޑައިގަތީ 1531 ވޯޓެވެ. 186 ވޯޓުގެ ތަފާތު އެބަހުއްޓެވެ.

އިއްޔެ ނިމިގެންދިޔަ ރައްޔިތުން މަޖިލިސް އިންތިޚާބުން މި ދެ އަތޮޅުންވެސް ފެނިގެންދިޔައީ މުޅިން ތަފާތު މަންޒަރެކެވެ. މުޅި ފ. އަތޮޅުގެ މެޖޯރިޓީ ޕީޕީއެމްގެ އަތުން ގެއްލިއްޖެއެވެ. އެގޮތުން ފ. އަތޮޅުގެ ބިލެތްދޫ ދާއިރާގެ މެޖޯރިޓީ އެމްޑީޕީ ހޯދިއިރު އެންމެ ރަށަކުންވެސް ކުރީގެ ރައީސް ޔާމީން ތާޢީދު ކުރެއްވި މިހާރުގެ ބިލެތްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީނަކަށް މެޖޯރިޓީ ވޯޓެއް ލިބިފައެއްނުވެއެވެ. މިހާތަނަށް ލިބިފައިވާ ނަތީޖާތަކަށް ބަލާއިރު އެންމެ ފޮއްޓަކުން ނޫނިއްޔާ ނިލަންދޫ ދާއިރާގެ ޕީޕީއެމްގެ ކެންޑިޑޭޓު އަދި މިހާރުވެސް ނިލަންދޫ ދާއިރާގެ ގޮނޑު ފުރުއްވަމުން ގެންދަވާ ޑރ. ޢަބްދުﷲ ޚަލީލަށް މެޖޯރިޓީ ލިބިފައެއްނުވެއެވެ. މި ދާއިރާއަކީ މަޖިލިސް އިންތިޚާބުގައި އެމްޑީޕީން ހަމައެކަނި ކުރިމަތިނުލާ ދާއިރާއެވެ.

ދެން އޮތީ މ. އަތޮޅެވެ. އެ އަތޮޅުގެ ދިއްގަރު ދާއިރާއަކީ މީގެކުރިން ބޭއްވި މަޖިލިސް އިންތިޚާބުގައި އެމްޑީޕީއަށް ހޯދަން އުނދަގުވި ގޮނޑިއެކެވެ. ނަމަވެސް މިފަހަރުގެ އިންތިޚާބުގައި ފަސޭހަކަމާއި އެކު އެމްޑީޕީން ވަނީ މި ގޮނޑި ކާމިޔާބު ކުރައްވާފައެވެ. މި ދާއިރާއަށް ތިން ކެންޑިޑޭޓަކު ވާދަކުރެއްވިއިރު ތިން ފޮއްޓަކުން ނޫނިއްޔާ ދެން ތިބި ބާކީ ފޮށިތަކުން މެޖޯރިޓީ ވޯޓު ހޯދާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެވެ. މުލަކު ދާއިރާއަކީ ކުރިންވެސް ދެންނެވި ފަދައިން ކުރީގެ ރައީސް ޔާމީން ފުރުއްވި ގޮނޑިއެކެވެ. ނަމަވެސް މި ގޮނޑި މިފަހަރުވެސް ގެންގޮސްފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެވެ. ފަސް ވޯޓު ފޮށީގެ ތެރެއިން ތިން ވޯޓު ފޮށިން ކުރި ހޯދާފައިވަނީ އެމްޑީޕީގެ ކެންޑިޑޭޓެވެ.

އެހެންކަމުން ޕީޕީއެމްއަށް ރިޔާސީ އިންތިޚާބުގައި ކުރި ހޯދުނު ހަމައެކަނި ދެ އަތޮޅުންވެސް މިވަނީ މެޖޯރިޓީ ތާޢީދު ގެއްލިފައެވެ. މުޅި ރާއްޖޭގެ މެޖޯރިޓީ އެމްޑީޕީން ނެގިއިރު އެޕާޓީއަކީ ވަކި ޕާޓީއަކުން އެކަނި އިންތިޚާބެއްގައި ނިކުމެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ނެގި ޕާޓީއެވެ.