ޚަބަރު

އިންޓަރސްކޫލް ބާސްކެޓް މުބާރާތް ޖަމާލުއްދީނާ ގިޔާސުއްދީން ބޮޑު މޮޅަކުން ފެށުން


21 ވަނަ އިންޓަރސްކޫލް ބާސްކެޓް ބޯޅަ މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި ކުޅުނު ފުރަތަމަ މެޗް ބޮޑު ތަފާތަކުން ޖަމާލުއްދީން ސްކޫލާއި ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް ކާމިޔާބުކޮށްފިއެވެ.

އިއްޔެ ފެށި މުބާރާތުގައި ޖަމާލުއްދީން އެ ސްކޫލުގެ ފުރަތަމަ މެޗް ކާމިޔާބު ކުރީ ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލާ ވާދަކޮށެވެ. އެއީ 53 ޕޮއިންޓް 8 ޕޮއިންޓުންނެވެ. ގިޔާސުއްދީން އިންޓަނޭޝަނަލް އެމީހުންގެ ފުރަތަމަ މެޗް ކާމިޔާބުކުރީ ރެހެނދި ސްކޫލާ ވާދަކޮށް 50 ޕޮއިންޓް ދިހަ ޕޮއިންޓުންނެވެ.
އިމާދުއްދީނުން ހިރިޔާގެ މައްޗަށް 56 ޕޮއިންޓް 6 ޕޮއިންޓުން ކުރި ހޯދިއިރު ބިލަބޮންގް ހައި އިންޓަނޭޝަނަލް މެޗް ކާމިޔާބުކުރީ ކަލާފާނު ސްކޫލާ ވާދަކޮށް 25 ޕޮއިންޓް 18 ޕޮއިންޓުންނެވެ.
އަދި އިސްކަންދަރު ސްކޫލް މެޗް ކާމިޔާބުކުރީ އަހުމަދިއްޔާ ސްކޫލް 14 ޕޮއިންޓް އެގާރަ ޕޮއިންޓުން ބަލިކޮށެވެ.

މި މުބާރާތުގެ 16 އަހަރުން ދަށުގެ ބައިގަ ގާޒީ ސުކޫލާ މަޖީދިއްޔާ ވާދަކުރި މެޗް 64 ޕޮއިންޓް ސާޅީސް ދެ ޕޮއިންޓުން ކާމިޔާބުކުރީ ގާޒީ ސްކޫލެވެ. އަދި ތާޖުއްދީން މެޗް ކާމިޔާބުކުރީ 42 ޕޮއިންޓް 33 ޕޮއިންޓުން ރެހެނދި ސްކޫލް ބަލިކޮށެވެ. އިމާދުއްދީން ސްކޫލް 47 ޕޮއިންޓް 25 ޕޮއިންޓުން ދަރުމަވަންތަ ސްކޫލްގެ މައްޗަށް ކުރިހޯދިއިރު އިސްކަންދަރު ސްކޫލް މެޗް ކާމިޔާބުކުރީ 59 ޕޮއިންޓް 25 ޕޮއިންޓުން އަމީނިއްޔާ ސްކޫލް ބަލިކޮށެވެ.

މި މުބާރާތުގެ 14 އަހަރުން ދަށް އަދު 16 އަހަރުން ދަށުގެ އުމުރުފުރާގެ މެޗްތައް މިއަދުވެސް ކުޅޭނެއެވެ.