ސިޔާސީ

އަލުން ގުނުމުން އާދަމް ޝަރީފަށް 9 ވޯޓު އިތުރުވެއްޖެ


މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރައްޔިތުން މަޖިލީހުގެ އިންޚާބުގައި މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓު އަލުން ގުނުމުންވެސް އެ ދާއިރާގެ ގޮނޑި މިހާރުވެސް ކާމިޔާބު ކުރައްވާފައިވާ ކުރީގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފު ޢުމަރަށް ވޯޓު އިތުރުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާއަކާއި ގުޅިގެން މަޑުއްވަރީ ދާއިރާގެ ބާތިލް ވޯޓު އަލުން މިއަދު ހަވީރު ވަނީ ގުނާފައެވެ. އެ ވޯޓުތައް އަލުން ގުނުމުންވެސް އާދަމް ޝަރީފަށް ވަނީ އިތުރު 9 ވޯޓު ލިބިވަޑައިގެންފައެވެ. އާދަމް ޝަރީފާއި އެންމެ ގާތުން ވާދަކުރެއްވީ އެމްޑީޕީގެ ކެންޑިޑޭޓު އަޙްމަދު ޝިހާމެވެ. ހޮނިހިރު ދުވަހު ބޭއްވި އިންތިޚާބުގައި އޭނާއަށް ލިބިވަޑައިގަތީ 851 ވޯޓެވެ. އާދަމް ޝަރީފަށް ލިބިވަޑައިގަތީ 868 ވޯޓެވެ. އޭރު މި ދެ ބޭފުޅުންގެ ދެމެދުގައި އޮތް ވޯޓުގެ ފަރަގަކީ 17 ވޯޓެވެ. ނަމަވެސް ބާތިލް ވޯޓު އަލުން ގުނުމުން އާދަމް ޝަރީފަށް އިތުރުވި ނުވަ ވޯޓާއި އެކު ދެބޭފުޅުންގެ ވޯޓުގެ ފަރަގު މިހާރުވަނީ 26 އަށް އިތުރުވެފައެވެ.

އިލެކްޝަންސް ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކާއި ގުޅިގެން އެ ކޮމިޝަނުން އަންނަނީ ބައެއް ދާއިރާތަކުގެ ބާތިލް ވޯޓުތައް އަލުން ގުނަމުންނެވެ. އެގޮތުން އިއްޔެވެސް ވަނީ އިސްދޫ ދާއިރާއާ މާމިގިލި ދާއިރާ އަދި މާވަށު ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނާފައެވެ. އަދި މިއަދުވެސް މާމިގިލި ދާއިރާއާ މާވަށު ދާއިރާގެ ބާތިލް ވޯޓުތައް އަލުން ގުނުމަށް އިލެކްޝަނުން ވަނީ މިއަދު ނިންމާފައެވެ.