ކުޅިވަރު

ސ. އަތޮޅު ސްކޫލު ބޮޑު ތަފާތަކުން މޮޅުވެ، ދެވަނަ މެޗުގައި ޝަރަފުއްދީނާއި ހިތަދޫ ސްކޫލު އެއްވަރު ވެއްޖެ


މަމެން އައްޑޫ އިންޓަރ ސްކޫލް މުބާރާތުގެ 14 އަހަރުން ދަށުގެ ބައިގައި އިއްޔެ ސ. އަތޮޅު ސްކޫލު ފަސޭހަ މޮޅެއް ހޯދިއިރު، ޝަރަފުއްދީން ސްކޫލާއި ހިތަދޫ ސްކޫލް ކުޅުނު ދެވަނަ މެޗް އެއްވަރުވެއްޖެއެވެ.
އައްޑޫ ފުޓްބޯޅަ ސްޓޭޑިއަމުގައި ކުރިއަށް ގެންދާ މިމުބާރާތުގައި ފުރަތަމަ ކުޅުނީ ސ. އަތޮޅު ސްކޫލާއި މަރަދޫ ސްކޫލުގެ މެޗުއެވެ. މިމެޗް ސ. އަތޮޅު ސްކޫލުން ކާމިޔާބުކުރީ ހައެއް ސުމެއްގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސ.އަތޮޅު ސްކޫލުގެ މުހައްމަދު ރައްޔާން މައުސޫމް ހެޓްރިކް ހެދިއިރު، އެޓީމުގެ މުހައްމަދު އަޒްވާން ވަނީ ދެ ލަނޑު ޖަހާފައެވެ. އަނެއް ލަނޑު ޖަހައިދިނީ ހުޒައިމް އަލީއެވެ. އިއްޔެ ކުޅުނު ދެވަނަ މެޗުގައި ބައްދަލުކުރީ ޝަރަފުއްދީން ސްކޫލާއި ވާދަވެރި ހިތަދޫ ސްކޫލްއެވެ. މި މެޗުގައި ދެ ސްކޫލުން ކުރެ އެއްވެސް ސްކޫލަކަށް ލަނޑެއް ޖެހިފައެއް ނުވެއެވެ. ވާދަވެރި ކުޅުމެއް ފެނިގެން ދިޔަ މިމެޗުގައި ޝަރަފުއްދީން ސްކޫލުގެ ވަރުގަދަ ހަމަލާތަކެއް ފުރަތަމަ ހާފުގައި ފެނިގެން ދިޔައެވެ. ނަމަވެސް ޝަރަފުއްދީން ސްކޫލަށް ގޯލެއް ކާމިޔާބު ނުކުރެވި ފުރަތަމަ ހާފް ނިމިގެން ދިޔައެވެ. އެއާއި އެކު ދެވަނަ ހާފުގައި ހިތަދޫ ސްކޫލުވެސް ކުޅުން ރަނގަޅު ކޮށް ޝަރުފުއްދީން ސްކޫލުގެ ގޯލަށް ހަމަލާތަކެއް ފޮނުވާލިއެވެ.

މެޗަށް ފަހު ޕީއެސްއެމް އާއި ވާހަކަ ދައްކަމުން ޝަރަފުއްދީން ސްކޫލުގެ އެސިސްޓަންޓް ކޯޗު ރިޔާޒު އަލީ ބުނީ މެޗުގެކުޅުން ރަނގަޅު ނަމަވެސް ގިނަ ހަމަލާތަށް ބޭނުން ނުކުރެވި ގޮސްފައިވާ ކަމަށެއެވެ. އެހެން ކަމުން ކުރިއަށް އޮތް މެޗް ތަކުގައި މިސްޓޭކް ތަކުރާރު ނުކުރާނެ ކަމަށް ކޯޗް ވަނީ ބުނެފައެވެ.

މިމުބާރާތުގައި މިއަދު ކުޅޭނީ 12 އަހަރުން ދަށުގެ އުމުރު ފުރާގެ މެޗްތައް. ފުރަތަމަ މެޗުގައި ހުޅުދޫ ސްކޫލާއި މަރަދޫ ސްކޫލް ވާދަ ކުރާއިރު ދެވަނަ މެޗުގައި ވާދަކުރާނީ މަރަދޫ-ފޭދޫ ސްކޫލާއި ހިތަދޫ ސްކޫލް.