ޚަބަރު

ރަށްރަށުގެ ސިއްޙީ ފަރުވާ ހަރުދަނާކުރުމަށް މިދަނީ މަސައްކަތްކުރަމުން - ހެލްތު މިނިސްޓަރު


ރަށްރަށުގައި ލިބެންހުރި ސިއްޙީ ޚިދުމަތްތައްހުރީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައިކަމަށް ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވެއްޖެއެވެ. މިނިސްޓަރ މިހެން ވިދާޅުވީ ދުނިޔޭގެ ސިއްޙަތު ދުވަހާއި ގުޅިގެން ބޭއްވި ޚާއްސަ ހަރަކާތަކަށްފަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުންނެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ބޭއްވި ހެލްތު ފެއަރ އަށްފަހު ނޫސްވެރިންނަށް މަޢުލޫމާތުދެއްވަމުން ހެލްތު މިނިސްޓަރ ޢަބްދުﷲ އަމީން ވިދާޅުވީ އޭނާ މަޤާމާ ޙަވާލުވެގެން މިވީ ދުވަސްތަކުގައި ރާއްޖޭގެ ވަރަށްގިނަ ރަށްރަށުގެ ސިއްޙީ ޙާލަތު އަމިއްލަފުޅަށް ބައްލަވައި ވަޒަންކުރައްވާފައިވާކަމަށާ އަތޮޅުތަކުގެ ސިއްޙީ ނިޒާމުގެ ޙާލަތުއޮތީ ކަންބޮޑުވާންޖެހޭ ދަރަޖައެއްގައިކަމަށެވެ.

ވަޞީލަތާއި މީހުންނާއި ޚިދުމަތް ދިނުމުގެ އިންތިޒާމަށް ބަލާއިރުވެސް ސިއްޙީ އަތޮޅުތަކުގެ ދާއިރާ އޮތީ ވަރަށް ބޮޑަށް ތަރައްޤީކުރަން ޖެހިފައިކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިހާރު އަތޮޅުތަކުގައި ދެމުންއަންނަ ސިއްޙީ ޚިދުމަތްތައް ހަރުދަނާކުރުމަށް ބޭނުންވާ އެކިއެކި ހޯދުންތައް ހޯދައި އެކަންކަމަށް ބޭނުންވާނެ ބަޖެޓު ހޯދުމުގެ މަސައްކަތްވެސް ކުރައްވަމުން އަންނަކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި އަތޮޅުތަކުގެ ސިއްޙީ ޚިދުމަތް އިތުރަށް ހަރުދަނާކުރުމަށް މިހާރުހުރި ބައެއް އުސޫލުތަކަށްވެސް ބަދަލުގެންނަން ޖެހޭކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.

ދުނިޔޭގެ ސިއްޙަތު ދުވަހާ ގުޅިގެން ބޭއްވި ހެލްތު ފެއަރ އަކީ ސިއްޙީ ޚިދުމަތްދޭ އެކިފަރާތްތައް ގުޅިގެން ބޭއްވި ޚާއްސަ ޙަރަކާތެކެވެ. މިފެއަރގެ ތެރެއިން ހިލޭ ހެލްތް ސްކްރީނިންގ ހެދުމާއި ނަފްސާނީ ދުޅަހެޔޮކަމާއި ގައިންގަޔަށް ނާރާ ބަލިތަކާއި ރައްކާތެރި ކާނާއާއި ރަނގަޅުގޮތުގައި ބޭސް ބޭނުންކުރުމާއި ދުންފަތުގެ އިސްތިޢުމާލުކުރުމާއި ކުއްލި ނުރައްކަލުގެ ޙާލަތުގައި އަވަސް ފަރުވާ ދިނުމާގުޅޭގޮތުންނާއި ޢާއްމުން ހޭލުންތެރިކުރުވުމުގެ އެކި ޙަރަކާތްތައްވަނީ ކުރިއަށް ގެންގޮސްފައެވެ.

މިއަހަރުގެ ސިއްޙީ ދުވަހުގެ ޝިޢާރަކީ "ސިއްޙަތުގެ ކައުނީ ހިޔާ - ކޮންމެ މީހަކަށް، ކޮންމެ ތާކުން އިބްތިދާއީ ސިއްޙީ ފަރުވާ" މިޝިޢާރެވެ. ހެލްތު މިނިސްޓްރީއާއި ޑަބްލިއުއެޗްއޯ ގުޅިގެންދަނީ ސިއްޙަތު ދުވަސް ފާހަގަކުރުމަށް އެކި ދުވަތަކުގެމަތިން ތަފާތު ޙަރަކާތްތައް ހިންގަމުންނެވެ.