ޚަބަރު

ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމަށް ކަމާބެހޭ އިދާރާތަކާއިއެކު މަޝްވަރާކޮށްފި


ރާއްޖޭގައި ހައްދުފަހަނައެޅުމުގެ ނުރައްކާ ހުއްޓުވުމަށް އެކުލަވާލާ ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލުމާ ގުޅޭ ބައްދަލުވުމެއް ބާއްވައިފިއެވެ.

މި ބައްދަލުވުން ބާއްވާފައިވަނީ ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީއާއި ނެޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރ، އެންސީއައިޓީ ގުޅިގެންނެވެ.

މި ބައްދަލުވުމުގައި ޝަރުޢީ ދާއިރާއާއި، ސަރުކާރުގެ ވުޒާރާތަކާއި، ޤާނޫނު ތަންފީޒުކުރާ އިދާރާތަކުގެ އިތުރުން އަމިއްލަ ޖަމިއްޔާ ޖަމާއަތްތައް ހިމެނޭހެން 22 އިދާރާއަކުން ޖުމުލަ 50 ފަރާތަކުންވަނީ ބައިވެރިވެފައެވެ. އެގޮތުން މި ބައްދަލުވުމުގެ ތެރެއިން، ނެޝަނަލް އެކްޝަން ޕްލޭނަށް ކަމާގުޅުންހުރި މުއައްސަސާތަކުންވަނީ ޚިޔާލު ހޯދާފައެވެ. އިސްލާމިކް މިނިސްޓްރީގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ކުރި މަޝްވަރާތަކުގެ އަލީގައި، ނެޝަނަލް އެކްޝަން ޕްލޭން އެކުލަވާލައި ޢަމަލުކުރުމަށް ކައިރި މުސްތަޤުބަލެއްގައި ފެށޭނެކަމަށް އެންސީއައިޓީއިން މަޢުލޫމާތުދެއްވައެވެ.

ނުރައްކާތެރި ހައްދުފަހަނަ އެޅުމާއި ދެކޮޅަށް ތައްޔާރުކުރެވޭ އެކްޝަން ޕްލޭނަކީ 2017 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ ތެރޭގައި ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރއިން ޝާޢިއުކޮށްފައިވާ "ނޭޝަނަލް ސްޓްރެޓެޖީ އޮން ޕްރިވެންޓިންގ އެންޑް ކައުންޓަރިންގ ވައިލަންޓް އެކްސްޓްރީމިޒަމް" ޢަމަލީގޮތުން ތަންފީޒުކުރުމަށްޓަކައި އެކުލަވާލެވޭ އެކްޝަން ޕްލޭނެކެވެ.