ރަހިމުގެ ދޮރަށްޖެހޭ ކެންސަރާއި އުރަމަތީގެ ކެންސަރަށް ސްކްރީން ކުރުމުގެ ޕްރޮގްރާމެއް މިއަދު ކުޅުދުއްފުށީގައި ފަށައިފިއެވެ.
ދުނިޔޭގެ ސިއްޙަތު ޖަމްޢިއްޔާއާއި ހެލްތް ޕްރޮޓެކްޝަން އެޖެންސީ އާއި ހދ އަތޮޅު ހެލްތް ސަރވިސަސް ގުޅިގެން މިއަދާއި މާދަމާ ހިންގުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމުގައި އުރަމަތީ ކެންސަރަށް ސްކްރީން ކުރުމަށް ހަމަޖެހިފައިވަނީ އުމުރުން 20 އަހަރުން މަތީގެ އަންހެނުންނެވެ. އަދި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ދެ ވައްތަރެއްގެ ޓެސްޓް ހެދުމަށް ހަމަޖެހިފައިވާއިރު، ވިޝުއަލް އިންސްޕެކްޝަން ވިތް އެސެޓިކް އެސިޑް (ވީއައިއޭ) ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50-30 އަހަރާ ދެމެދު އަންހެނުންކަމަށް ހދ.އަތޮޅު ހެލްތް ސަރވިސަސް އިން މަޢުލޫމާތުދެއެވެ.
މީގެ އިތުރުން ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދެނެގަތުމަށް ޕެޕް ޓެސްޓް ހެދުމަށް ހަމަޖެހިފައިވަނީ އުމުރުން 50 އަހަރުން މަތީގެ އަންހެނުންނަށެވެ. މި ޕްރޮގްރާމުގައި 396 މީހުން ސްކްރީން ކުރުމަށް ނަން ނޯޓް ކޮއްފައިވާކަމަށް ހދ. ހެލްތް ސަރވިސަސް އިން މަޢުލޫމާތުދެއެވެ.
މި ސްކްރީނިންގ ކުރިއަށް ގެންދިއުމަށް އައިޖީއެމްއެޗާއި، ހުޅުމާލެ ހޮސްޕިޓަލާއި ކުޅުދުއްފުށީ ހޮސްޕިޓަލްގެ ނަރުހުންނާއި ޑޮކްޓަރުންގެ އިތުރުން ޕަބްލިކް ހެލްތު ޔުނިޓްގެ މުވައްޒަފުން ބައިވެރިވާނެކަމަށް ހދ. ހެލްތް ސަރވިސަސް އިން މަޢުލޫމާތުދެއެވެ.