ޚަބަރު

ޗެމްޕިއަންސް ލީގުގެ ސެމީގެ ޖާގަ ހޯދާނަން - ގާޑިއޯލާ



މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް މެންޗެސްޓަރ ސިޓީ ދަތުރުކުރާނެ ކަމަށް ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާ ބުނެފިއެވެ.

ގާޑިއޯލާ ބުނީ ޗެމްޕިއަންސް ލީގަކީ ވަރަށް އުނދަގޫ މުބާރާތެއް ކަމަށެވެ. އަދި ކުއާޓަރ ފައިނަލްގެ ފުރަތަމަ ލެގްގައި އެކެއް ސުމަކުން ޓޮޓްނަމް އަތުން ބަލިވެފައިއޮތުމަކީ އެންމެ އެދެވޭ ނަތީޖާ ނޫންނަމަވެސް އެއީ އެހާ ގޯސް ނަތީޖާއެއްވެސް ނޫން ކަމަށެވެ. ކޮންމެ މެޗަކުން މޮޅު ނުވެވޭނެ ކަމަށާއި ޓޮޓްނަމްގެ އާ ސްޓޭޑިއަމްގައި ދެއްކި ކުޅުމާ މެދު ހިތްހަމަ ޖެހޭކަމަށްވެސް ގާޑިއޯލާ ފާހަގަކުރިއެވެ.

މިދިޔަ އަހަރުގެ ޗެމްޕިއަންސް ލީގުގައިވެސް މެންޗެސްޓަރ ކަޓާފައިވަނީ މުބާރާތުގެ ކުއާޓަރ ފައިނަލާ ހިސާބުންނެވެ. އެއީ ޕްރިމިއަރ ލީގުގެ ލިވާޕޫލް އާއި ވާދަކޮށްގެންނެވެ. ގާޑިއޯލާ މިފަހަރު މުބާރާތުގެ ސެމީފައިނަލާ ހިސާބަށް ދަތުރު ކުރުވޭނެ ކަމަށް ގަބޫލް ކުރާކަމަށެވެ. އެހެންނަމަވެސް ފަހަރުގައި އެކަން ނުވެވެސް ދާނެ ކަމަށެވެ.

ޓޮޓްނަމް ދަނޑުގައި ލަނޑެއް ކާމިޔާބުނުކުރެވުނަސް ސިޓީގެ ދަނޑުގައި އެޓީމަށް ލަނޑު ޖެހޭނެ ކަމަށްވެސް ގާޑިއޯލާ ބުންނެވެ. ޗެމްޕިއަންސް ލީގުގައި މެންޗެސްޓަރ ސިޓީ އާއި ޓޮޓްނަމް ބައްދަލުކުރާ މުބާރާތުގެ ކުއާޓަރ ފައިނަލްގެ ދެވަނަ ލެގް ކުޅެވޭނީ މާދަމާ ރޭއެވެ.