ޚަބަރު

ނޫސްވެރިކަމުގެ މިނިވަންކަން ގިންތިކުރާ ލިސްޓުގައި ރާއްޖެ 22 ދަރަޖަ ކުރިއަށް ޖެހިލައިފި


އައު ސަރުކާރު ވެރިކަމާއި ހަވާލުވެ އެޅުއްވި ފިޔަވަޅުތަކާއެކު ނޫސްވެރިކަމުގެ މިނިވަންކަމުގައި ރާއްޖެ 22 ދަރަޖަ ކުރިއަށް ޖެހިލައިފިއެވެ. މިއީ ވޭތުވެދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި މިދާއިރާއިން އެންމެ ބޮޑު ކުރިއެރުމެއް ރާއްޖެެ ހޯދި ފުރަތަމަ ފަހަރެވެ.

ރިޕޯޓަރސް ވިތައުޓް ބޯޑަރސް އިން އެކުލަވާލި މިއަހަރު ދުނިޔޭގެ ނޫސްވެރިިކަމުގެ މިނިވަންކަން އެންމެ ފުރިހަމަ ޤައުމުތަކުގެ ލިސްޓުގައި ޖުމްލަ 180 ޤައުމުގެ މައުލޫމާތު ހިމަނާފައިވާއިު، މި ލިސްޓުގައި މިހާރު ރާއްޖެ ހިމެނެނީ 98 ވަނައިގައެވެ. ނިމިދިޔަ 2018 ވަނަ އަހަރު ރާއްޖެ އޮތީ މިލިސްޓުގެ 120 ވަނައިގައެވެ. އެހެން ކަމުން މަދު ދުވަސްކޮޅެއްގެ ތެރޭގައި ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން 22 ދަރަޖައިގެ ކުރިއެރުމެއް ރާއްޖެ މިވަނީ ހާސިލުކޮށްފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހާމަކުރުމާ ގުޅޭގޮތުން ބައިނަލް އަޤްވާމީ ފެންވަރުގައި ވަކާލާތުކުރާ ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވާ ގޮތުން 2013 ވަނަ އަހަރު ޕްރެސް ފްރީޑަމް އިންޑެކްސްގެ 103 ވަނާގައި ރާއްޖެ އޮތުމަށްފަހު، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ވެރިކަމުގެ ފަސްއަހަރުގެ ދައުރުގައި 17 ދަރަޖަ ފަހަތަށްގޮސް، ޕްރެސް ފްރީޑަމް ލިސްޓުގެ 120 ވަނައަށް ވެއްޓިފައިވަކަމަށެވެ.

އެފަރާތުން ފާހަގަކޮށްފައިވަނީ ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމަށް އައު އުންމީދުތަކެއް އައިސްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ނޫސްވެރިމުގެ މިިނިވަންކަމަށް މުހިއްމު ވަޢުދުތަކެއް ވެވަޑައިގެންފައިވާތީކަމަށެވެ. އެގޮތުން ނޫސްވެރިންނަށް މައުލޫމާތު ފެތުރުމުގައި ގޮންޖެހުންތަކެއް ކުރިމަތިކުރުވައި 2016 ވަނަ އަހަރު އަމަލުކުރަންފެށި އަބުރުރައްކާތެރިކުރުމާއި ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމުގެ ޤާނޫނު، ރައީސް ޞާލިޙް ވެރިކަމަށް އިންތިޚާބުވިތާ ދެ މަސްފަހުން އުވާލާފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

އަދި އެޤާނޫނުގެ ދަށުން މިނިވަން ނޫސްވެރިކަމަށް ހުރަސްއެޅޭފަދަ ގޮތަކަށް ކުރީގެ ސަރުކާރުން އެތައް މިލިޔަނުން ޖޫރިމަނާކޮށްފައިވާކަން ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ފާހަގަކޮށްފައިވެއެވެ. ޚާއްސަގޮތެއްގައި އަމިއްލަ ޓީވީ ޗެނަލެއްކަމުގައިވާ ރާއްޖެޓީވީ 3 މިލިޔަނަށްވުރެ ގިނަ ރުފިޔާއިން ޖޫރިމަނާކޮށްފައިވާކަންވެސް މި ރިޕޯޓުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެއިތުރުން ނޫސްވެރިންގެ މަސައްކަތްތަކަށް ފުލުހުން ހުރަސްއެޅުން ފަދަ ކަންކަން 2018 ވަނަ އަހަރުގެ ކުރީކޮޅާއި ހަމައަށްއިތުރުވަމުން ދިޔަނަމަވެސް، މިހާރު ރާއްޖެއިން އެކަންކަން ފެންނަމުން ނުދާކަންވެސް ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ވަނީ ފާހަގަކޮށަފައެވެ.

އެހެން ނަމަވެސް 2014 ވަނަ އަހަރު ވީނުވީއެއް ނޭންގި ގެއްލިފައިވާ ނޫސްވެރިޔާ އަޙްމަދު ރިޟްވާން އަބްދުﷲ އަށްވީގޮތެއް އަދިވެސް ފުލުހުންނަށް ހޯދިފައިނުވާކަމަށާއި، 2017 ވަނަ އަހަރު އަނިޔާވެރިގޮތަކަށް ދިން ހަމަލާތަކާއި ގުޅިގެން މަރުވި ބްލޮގަރ ޔާމީންގެ މައްސަލާގައިގައި ހިމެނޭ ފާރާތްތަކަށް އެކަމުގެ އަދަބު ދެވިފައި ނުވާކަން ރިޕޯޓަރސް ވިތައުޓް ބޯޑަރސްއިން ވަނީ ފާހަގަކޮށްފައެވެ.

ނޫސްވެރިކަމުގެ މިނިވަންކަމުގެ އިންޑެކްސްގައި ރާއްޖެ 22 ދަރަޖަ ކުރިއަށް ޖެހިލާފައިވާއިރު، ސަރުކާރުންވަނީ މިކަން ފާހަގަކުރައްވާފައެވެ. އެގޮތުން މިކަމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އާމިނަތު ޝައުނާ ކުރެއްވި ޓުވީޓެއްގައިވަނީ ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 22 ދަރަޖަ ކުރިއަށް ޖެހިލާފައިކަމަށާއި، މިއީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާއިން ވޭތުވެދިޔަ 6 އަހަރުތެރޭގައި ރާއްޖެއަށް ކުރިއެރުން ލިބުނު ފުރަތަމަ ފަހަރުކަން ފާހަގަކުރައްވާފައެވެ. އަދި ނޫސްވެރިކަމުގެ މިނިވަންކަމަކީ ޑިމޮކްރަސީގެ މުހިއްމު އަސާސެއްކަމަށްވާއިރު ނޫސްވެރިކަމުގެ މިނިވަންކަމަކީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ މައިގަނޑު އެއްވައުދުކަންވެސް ޝައުނާ ފާހަގަކުރައްވާފައިވެއެވެ.

ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެ 22 ދަރަޖައިގެ ކުރިއެރުމަކާއެކު، 98 ވަނާގައި އޮތްއިރު، މިލިސްޓްގައި އަވައްޓެރި އިންޑިއާ ދެ ދަރަޖައިގެ ދަށްވުމަކާއެކު، މިއަހަރު އޮތީ 140 ވަނާގައެވެ. ނަމަވެސް އަވައްޓެރި ސްރީލަންކާ ވަނީ ނިއުސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ފަސް ދަރަޖަކުރިއަށް ޖެހިލާފައެވެ. އެޤައުމު އޮތީ 126 ވަނާގައެވެ.
މިލިސްޓުގެ އެއްވަނާގައި މިއަހަރު އޮތީ ނޯވޭ. ދެވަނާގައި ފިންލޭންޑް އޮތް އިރު ތިންވަނާގައި އޮތީ ސްވިޑަންއެވެ.