ތިމާވެށި

އިޔާދަކުރަނިވި ހަކަތަ އުފައްދާ ވިއްކޭނެ ގޮތްތަކެއް ތައާރަފްކޮށްފި


މާލެއާ ހުޅުމާލެ ހިމެނޭ ސަރަހައްދުގައި އިޔާދަކުރަނިވި ހަކަތަ އުފައްދާ ސަރުކާރަށް އެ ހަކަތަ ވިއްކުމުގެ ފުރުޞަތު  ޕްރައިވެޓް އިންވެސްޓަރުންނަށް ލިބިދޭ މަޝްރޫއެއް އެންވަޔަރަމެންޓް މިނިސްޓްރީން އިއުލާންކުރައްވައިފިއެވެ.މިއަދު ނަސަންދުރަ ޕެލަސް ހޮޓެލްގައި ބޭއްވި ރަސްމިއްޔާތެއްގައި އެންވަޔަރަމެންޓް މިނިސްޓަރ ޠާރިގް އިބްރާހިމް ވިދާޅުވީ ވޯލްޑްބޭންކުގެ އެހީތެރިކަމާއެކު ސަރުކާރުން މިއަދު ތައާރަފްކުރި ޕްރޮޖެކްޓްގެ ދަށުން މާލޭގައި ދޭއްޕޮއިންޓް ފަހެއް މެގަވޯޓްގެ ސޯލާޕެނަލް ބޭނުންކޮށްގެން ކަރަންޓް އުފެއްދުމުގެ ފުރުސަތު އަމިއްލަ ފަރާތްތަކަށް ހުޅުވާލެވޭނެކަމަށެވެ. އަދި ހުޅުމާލޭގައި ސޯލާޕެނަލް ބޭނުންކޮށްގެން އެކެއްޕޮއިންޓް ފަހެއް މެގަވޯޓްގެ ކަރަންޓް އުފެއްދުމަށް ހުޅުވާލެވޭނެކަމަށް މިނިސްޓަރ ޠާރިޤް ވިދާޅުވިއެވެ.މިނިސްޓަރ ވިދާޅުވީ މިފިޔަވަޅުގެ ސަބަބުން ދާއިމީ ގޮތެއްގައި ކަރަންޓްލިބުމާއި ތެލަށް ކުރާ ހޭދަކުޑަކުރުމަށް އެހީވެދޭނެކަމަށެވެ.މިނިސްޓަރ ވިދާޅުވީ މިމަޝްރޫއުގެ ދަށުން އިންވެސްޓްކުރާ ފަރާތްތަކަށް އެބަޔަކު އުފައްދާ ކަރަންޓް ސްޓެލްކޯއަށް ވިހި އަހަރު ވަންދެން ގަންނާނެކަމުގެ ޔަޤީންކަން ލިބިދެވޭނެކަމަށެވެ. އަދި މިގޮތުން ވިއްކާ ހަކަތައަށް ދޭންވާ ފައިސާ ވޯލްޑްބޭންކް މެދުވެރިކޮށް ލިބޭނެ ކަމުގެ ޔަޤީންކަންވެސް ލިބިދެވޭނެކަމަށް މިނިސްޓަރ ފާހަގަކުރެއްވިއެވެ.މާލެ ސަރަހައްދަށް އަމާޒުކޮށްގެން މިހާރު މިފުރުޞަތު ހުޅުވާލި ނަމަވެސް ފަހުން މުޅި ރާއްޖެއަށްވެސް މި ޕްރޮޖެކްޓް ފުޅާކުރުމަށް ނިންމާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މިމަސައްކަތަކީ މުސްތަޤްބަލުގައި ރާއްޖެއިން ދުވާލުގަޑީގައި އުފައްދާ ކަރަންޓްގެ ތިރީސް އިންސައްތަ އިޔާދަކުރަނިވި ހަކަތައަށް ބަދަލުކުރުމަށް ކަނޑައަޅާފައިވާ އަމާޒަށް ވާޞިލްވުމަށް ކުރެވޭ މަސައްކަތެއްކަން މިނިސްޓަރ ޠާރިޤް ފާހަގަކުރެއްވިއެވެ.