ޚަބަރު

ޔުނައިޓެޑަށް ކުޅެން ގިނަ ކުޅުންތެރިން ތައްޔާރެއް ނޫން: ކޯޗު



މެންޗެސްޓާ ޔުނައިޓެޑްގެ ފެންވަރުގައި އެ ޓީމަށް ކުޅެން ގިނަ ކުޅުންތެރިން ތައްޔާރަށްތިބި ކަމާމެދު ކޯޗު އޮލޭގަނާ ސޮލިޝަޔާ ސުވާލު އުފައްދައިފި އެވެ.

އޭނާ މިފަދަ މޭރުމަކުން ވާހަކަ ދެއްކީ ޕްރެމިއާ ލީގުގައި ރޭ އެވަޓަން އަތުން 4-0އިން ބަލިވި މެޗަށް ފަހު އެވެ. ސޮލިޝަޔާ ވަނީ މެޗަށް ފަހު ސަޕޯޓަރުންގެ ކިބައިން މައާފަށްވެސް އެދިފަ އެވެ.
އޭނާ ބުނީ މެޗު ފެށުނީއްސުރެ ނިމެންދެން ރަނގަޅު އެއްކަމެއްވެސް ކުޅުންތެރިން ކޮށްފައިނުވާ ކަމަށެވެ. މިހެންވެ މެޗަށް ފަހު އިސްއުފުލާލެވެން އޮތީ ސަޕޯޓަރުންނަށް އެކަނި ކަމަށާއި ސަބަބަކީ ސަޕޯޓަރުން ޓީމަށް ހިފެހެއްޓުމެއްނެތި ތައުރީފްކޮށްފައިވުމެވެ.

"އަހަރުމެން އެބަޖެހޭ މިއަށްވުރެ ރަނގަޅަށް މަސައްކަތް ކުރަން. އަހަރުމެން އެބަޖެހޭ އިދިކޮޅު ޓީމަށްވުރެ ގިނައިން ދުވަން. އެހެންނޫނީ މި ޓީމަކުންޖާގައެއް ނޯންނާނެ. އެއީ އަހަރުމެން ސާ އެލެކްސް ފާގަސަންގެ ކިބައިން ދަސްކުރި އެއްޗަކީވެސް. އެކަމަކު އަހަންނަށް އެންމެ ދުވަހަކުން މި ޓީމު ބަދަލެއް ނުކުރެވޭނެ. އަހަރުމެން ވަރަށް ފަރުވާތެރިކޮށް ޓީމު ބަދަލު ކުރަންޖެހޭނީ. މިވަގުތު އަހަންނަށް ޔަގީނެއްނޫން ކުޅުންތެރިން މޮޅުވިޔަސް ބަލިވިޔަސް ފަރުވާލެއްހުރިހެން،" އަންނަ ސީޒަނުގައި ޓީމަށް ބޮޑު ބަދަލުތަކެއް ގެންނާނެކަމުގެ އިޝާރާތްކުރަމުން ޔުނައިޓެޑްގެ ކުރީގެ ފޯވަޑް ބުންޏެވެ.

ރޭގެ ބައްޔާއެކު ޔުނައިޓެޑްގެ ކުރީގެ ބައެއް ކުޅުންތެރިންނާއި ފުޓްބޯޅައިގެ ބައެއް ތަޖުރިބާކާރުން ވަނީ ސޮލިޝަޔާގެ ކުރިމަގާމެދު ވެސް ސުވާލު އުފައްދައިފަ އެވެ. އެއްބަޔަކު ބުނަނީ ޔުނައިޓެޑަށް ކޯޗުކޮށްދެވޭހާ ގާބިލްކަން އޭނާގެ ކިބައިގައި ކުޑަކަމަށެވެ. އަދި ރޭގެ ނަތީޖާގެ ސަބަބުން އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ފުރުސަތު ހޯދުމަށް ޔުނައިޓެޑަށް ބާކީ އޮތް ހަތަރު މެޗުން މޮޅުވާން މަޖުބޫރެވެ. އެވަރުން ވެސް ގަދަ ހަތަރަކަށް އެރުމުގެ އަމިއްލަ ބާރެއްނެތެވެ. ސަބަބަކީ ހަތަރުވަނާގައިވާ އާސެނަލްއަށްވުރެ ދެ ޕޮއިންޓް ފަހަތުގައި އޮތުމެވެ. ނަމަވެސް ޔުނައިޓެޑަށް 66 ޕޮއިންޓް ލިބިފައިވާއިރު ހަތްވަނާގައި އެވަޓަން އޮތީ 49 ޕޮއިންޓާއެކުގަ އެވެ.

ރޭގެ ބައްޔަކީ ޔުނައިޓެޑް އެންމެ ފަހުން ކުޅުނު އަށް މެޗުގެ ތެރެއިން ބަލިވި ހަ ވަނަ މެޗެވެ. އަދި ރޭގެ މެޗުގައި ޔުނައިޓެޑަށް އެވަޓަންގެ ގޯލަށް ޝޮޓެއް ނެގުނީ ވެސް މެޗުގެ 86 މިނިޓް ކުޅެވުނު ފަހުންނެވެ. މިހެންވެ ގޯލްކީޕަރު ޑޭވިޑް ޑެހެޔާ ވެސް ވަނީ ކުޅުންތެރިން އިތުރަށް މަސައްކަތް ކުރަންޖެހޭ ކަމަށް ބުނެ ސަޕޯޓަރުންގެ ކިބައިން މައާފަށް އެދިފަ އެވެ.