ޚަބަރު

ޣާޒީ ސްކޫލަށް ޗެމްޕިއަންކަން ލިބުނީ އެންމެ ފަހު ސިކުންތާ ޖެހެންދެން މަސައްކަތްކުރުމުން - ކޯޗު


އިންޓަރ ސްކޫލް 13 އަހަރުން ދަށުގެ ޗެމްޕިއަންކަން ޣާޒީ ސްކޫލަށް ލިބުނީ މެޗުގެ އެންމެ ފަހު ސިކުންތާ ހަމަޔައަށް ކުޅުންތެރިން ކުރި ބުރަ މަސައްކަތުގެ ސަބަބުން ކަމަށް ޣާޒީ ސްކޫލްގެ ކޯޗު އަބްދުﷲ ސުޖާއު ބުނެފިއެވެ.

ފައިނަލް މެޗަށްފަހު މީޑިއާއަށް މައުލޫމާތު ދެމުން ސުޖާއު ބުނީ ރޭގެ ފައިނަލް މެޗަކީ ބާލަހިތްވާކަހަލަ ފޯރިގަދަ ފައިނަލް މެޗެއް ކަމަށެޗެ. އަދި ކުޅުންތެރިންގެ ފަރާތުން މި މެޗުގައި ފެނުނު ކުޅުން ކޯޗު ފާހަގަކުރިއެވެ. ކޯޗު ސުޖާއު ބުނީ ޓީމު މިހާ ހިސާބަށް ދަތުރުކުރުމުގައި ޣާޒީ ސްކޫލް ޓީމުގެ ބެލެނިވެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަގަކުރާކަމަށެވެ.

"އަސްލު މި ފައިނަލް މެޗަކީ ވަރަށް ބަލާހިތްވާ ކަހަލަ ފައިނަލް މެޗެއް. ވަރަށް ފޯރިގަދަކޮށް މިއަދިޔާއީ. އެންމެ ފަހުވަގުތާ ޖެހެންދެން ކުޅުންތެރިން ކުރި މަސައްކަތް ވަރަށް ބޮޑަށް ފާހަނގަކުރަން. އަދި ބެލެނިވެރިންގެ ފަރާތުން ވަރަށް ބޮޑު އެއްބާރުލުމެއް ލިބުނު". ސުޖާއު ބުންޏެވެ.

ޅ.އަތޮޅު ތައުލީމީ މަރުކަޒުގެ ކޯޗު އަހުމަދު ޚަލީލް މެޗަށްފަހު ޕީއެސްއެމް ސްޕޯޓްސްއަށް މައުލޫމާތު ދެމުން ބުނީ މުބާރާތައް ޓީމު އައީ މަހެއްހާ ދުވަހު ފަރިތަކުރުމަށްފަހު ކަމަށާއި، ޅ.އަތޮޅު ތައުލީމީ މަރުކަޒު މިހާހިސާބަށް ދަތުރުކުރާނެކަމަކަށް ގިނަ ބަޔަކު ގަބޫލުވެސް ނުކުރާކަމަށެވެ. ނަމަވެސް ކުޅުންތެރިންގެ ބުރަ މަސައްކަތުން ފައިނަލާއި ހިސާބަށް ދަތުރުކުރެވުމަކީވެސް ކާމިޔާބެއްކަމަށް ޙަލީލް ބުންޏެވެ. ޙަލީލް ބުނީ މުޅިން އަލަށް މި މުބާރާތުގައި ބައިވެރިވެ ވިނަ ދަނޑެއްގައި މުބާރާތް ކުޅެ ނިންމާލުމުން ކުޅުންތެރިނަށްވެސް އިތުރު ތަޖުރިބާއެއް ލިބިފައިވާކަމަށެވެ. އަދި ޓީމު މިހާ ހިސާބަށް ދަތުރުކުރުމުގައި އެ ސްކޫލްގެ ބެލެނިވެރިންގެ ފަރާތުން ލިބުނު އެއްބާރުލުން ކޯޗު ފާހަގަކުރިއެވެ.

"މިހާ ހިސާބަށް އާދެވޭނެކަމަކަށް ގިނަ ބަޔަކު ގަބޫލްވެސް ނުކުރޭ. އަސްލު މި މުބާރާތުގައި އަޅުގަނޑުމެންގެ ސްކޫލަކީ ސަޕްރައިޒިން ޓީމެއް. ދެން ވަރަށް ބޮޑު ތަޖުރިބާއެއް ހަގީގަތުގައި ކުޅުންތެރިންނަށް ލިބިގެން މިދިޔައީ މި މުބާރާތުން'. ޙަލީލް ބުންޏެވެ.

އިންޓަރ ސްކޫލް ފުޓްބޯޅަ މުބާރާތުގެ 13 އަހަރުން ދަށުގެ ބައިގައި 18 ސްކޫލަކުން ވަނީ ބައިވެރިވެފައެވެ.