ޚަބަރު

އެމްއެމްޕީއާރުސީގެ މާލީ ބަޔާންތަކުގެ ސައްޙަކަން ޔަޤީނެއް ނުކުރެވޭ- އޮޑިޓަރ ޖެނަރަލް


އެމްއެމްޕީއާރުސީ އޮޑިޓްކޮށް، ރަޢުޔެއް ދިނުމަށް ބޭނުންވާ ވަރަށް އެތަނުގައި ލިޔެކިޔުންތައް ފުރިހަމަވެފައިނުވާކަމަށް އޮޑިޓަރ ޖެނަރަލްގެ އޮފީހުން ވިދާޅުވެއްޖެއެވެ.

އެމްއެމްޕީއާރުސީގެ 2015 ވަނަ އަހަރުގެ މާލީ ބަޔާންތަކަށް ރިޔާޢަތްކޮށް ނެރެފައިވާ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، އެމްއެމްޕީއާރުސީގެ މާލީ ބަޔާންތަކުގައިވާ މަޢުލޫމާތުތަކަކީ ސައްޙަ މަޢުލޫމާތުތަކެއްކަން ޔަޤީންކުރެވޭކަށް ނެތްކަމަށެވެ. އެގޮތުން މާލީ ބަޔާންތަކުގައިވާ މަޢުލޫމާތުތައް ޔަޤީންކުރުމަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށް އޮޑިޓް ރިޕޯޓުގައިވެއެވެ.

އޮޑިޓަރ ޖެނަރަލްގެ ރިޕޯޓުގައި، އެމްއެމްޕީއާރުސީން އެކި ފަރާތްތަކަށް ފަޅުރަށް ކުއްޔަށް ދޫކޮށްގެން 2015 ވަނަ އަހަރުގެ ޑިސެމްބަރުމަހުގެ ނިޔަލަށް 1.3 ބިލިއަން ރުފިޔާ ލިބެންޖެހޭކަމަށް އެމްއެމްޕީއާރުސީގެ މާލީ ބަޔާންތަކުގައި ބުނެފައިވީނަމަވެސް، އެކަން ކަށަވަރުކުރުމަށް ބޭނުންވާ އެއްވެސް ލިޔެކިޔުމެއް ނެތްކަމަށް ފާހަގަކޮށްފައިވެއެވެ. މީގެ އިތުރުން 2015 ވަނަ އަހަރު އެމްއެމްޕީއާރުސީއަށް އާމްދަނީގެ ގޮތުގައި 96 މިލިއަން ރުފިޔާ ލިބުނުކަމަށް ބަޔާންކޮށްފައިވާއިރު، އެކަމާ ގުޅޭ ލިޔެކިޔުންތައްވެސް ފޯރުކޮށްދީފައި ނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި ބީއެމްއެލްގައި ހުޅުވާފައިވާ އެމްއެމްޕީއާރުސީގެ އެކައުންޓުގައި 57 މިލިއަން ރުފިޔާ ހުރިކަމަށް ބުނާއިރު، ބީއެމްއެލްގެ އަދަދުތަކާއި އެމްއެމްޕީއާރުސީގެ އަދަދުތަކުގައި 1.7 މިލިއަން ރުފިޔާގެ ފަރަޤެއް އުޅޭކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ. އަދި އެކުންފުނިން ދައުލަތަށް ޓެކްސްގެ ގޮތުގައި ދައްކަންޖެހޭ ފައިސާގެ އަދަދުވެސް ލިޔެކިޔުންތައް ނެތުމުން ސާފުނުވާކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

އެހެންކަމުން އެމްއެމްޕީއާރުސީގެ 2015 ވަނަ އަހަރުގެ މާލީ ބަޔާންތަކާމެދު ރަޢުޔެއް ދިނުމަށް ބޭނުންވާ މިންވަރަށް ލިޔެކިޔުންތައް ނެތުމުން، އެމްއެމްޕީއާރުސީގެ މާލީ ބަޔާންތަކާމެދު އެއްޗެއް ބުނެވެން ނެތްކަމަށް އޮޑިޓް ރިޕޯޓްގައިވެއެވެ.

ރާއްޖޭގެ ތާރީޚުގައި މިހާތަނަށް ހިންގި އެންމެ ބޮޑު ކޮރަޕްޝަން، އެމްއެމްޕީއާރުސީގެ ކޮރަޕްޝަންގެ މައްސަލައިގެ ތެރެއިން ދައުލަތަށް ލިބެންޖެހޭ 1.4 ބިލިއަން ރުފިޔާއަށް ކުރީގެ ސަރުކާރުގެ ބައެއް ވެރިން ހިމެނޭ ގޮތަށް ވަނީ ހިޔާނާތްތެރިވެފައެވެ. އެގޮތުން އޭރުގެ ނާއިބު ރައީސް އަހުމަދު އަދީބުއާ ގާތްގުޅުންތަކެއް އޮންނަ ފަރާތްތަކެއްގެ އެކައުންޓުތަކަށް އެމްއެމްޕީއާރުސީއަށް ލިބެންޖެހޭ ގިނަ އަދަދެއްގެ ފައިސާ ވަނީ ޖަމާކޮށްފައެވެ. އޭގެ ތެރެއިން އެންމެ ގިނަ އަދަދަކަށް ފައިސާ ޖަމާކުރި އެސްއޯއެފްގެ އެކައުންޓުން ވަނީ އެފައިސާ ބައެއް އަމިއްލަ ކުންފުނިތަކާއި މަޖިލީހުގެ ބައެއް މެމްބަރުންގެ އެކައުންޓްތަކަށް ވަނީ ޖަމާކޮށްފައެވެ.