ޚަބަރު

ނޫރުގެ މަރާއި ގުޅިގެން ހޯދަމުންދިޔަ އިސްހާގު ހައްޔަރުކޮށްފި


އައި.ޖީ.އެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ
ސަބަބުން ޒުވާނަކު މަރުވި މައްސަލާގައި ހޯދަމުން ދިޔަ ކ.މާލެ، ދަފްތަރު ނަންބަރު
ދރ 1169، އިސްޙާޤް ނާދިރު (18އ) ހައްޔަރު ކޮށްފިއެވެ.



އިސްޙާޤް ނާދިރު ހައްޔަރު ކޮށްފައިވަނީ ގއ.ކޮނޑޭގައި އޭނާ
ދިރިއުޅެމުންދާކަމަށް ޕޮލިސް އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާއި ގުޅިގެން،
ގއ.ވިލިނގިލީގައި މަސައްކަތްކުރާ ފުލުހުން ކޮނޑޭއަށް ގޮސް މިއަދު މެންދުރު ފަހު
13:30 ހާއިރުކަމަށް ފުލުހުން ބުނެއެވެ.



އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ
ސަބަބުން ޒުވާނަކު މަރުވި މައްސަލައާއި ގުޅިގެން 03 މީހަކު ހޯދުމަށް ފުލުހުން
އިޢުލާން ކޮށްފައި ވާއިރު އޭގެ ތެރެއިން 02 މީހަކު ވަނީ އަމިއްލައަށް ފުލުހުންގެ
މައި މަރުކަޒު ޝަހީދު ހުސައިން އާދަމް ބިލްޑިންގްއަށް ޙާޟިރު ވެފައެވެ.



މި މައްސަލައާއި ގުޅިގެން ހޯދަމުން ދަނިކޮށް އަމިއްލައަށް ފުލުހުންގެ މައި
މަރުކަޒަށް ޙާޟިރު ވެފައިވަނީ ޏ.ފުވައްމުލައް ދަނޑިމަގު، ޝައިނީ، މުޙައްމަދު
ސަމީޙު (19އ) އާއި ޏ.ފުވައްމުލަށް ހޯދަޑު، ނޯވެލް، މުޙައްމަދު ޝަމްލު (18އ) އެވެ.



ނިމިދިޔަ މާރޗް މަހުގެ 28 ވަނަ ދުވަހުގެ ރޭ ދަންވަރު 01:30 ހާއިރު
އައި.ޖީ.އެމް ހޮސްޕިޓަލް ކުރިމަތިން ތޫނު އެއްޗަކުން ހަމަލާ ދިނުމުގެ ސަބަބުން
ލިބުނު އަނިޔާތަކަށް ފަރުވާ ދެމުން ދަނިކޮށް 29 އަހަރުގެ ޒުވާނާ މަރުވެފައި ވަނީ
އެރޭ ދަންވަރު 03:30 ހާއިރުއެވެ.