ސޫރިޔާގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް ރަމަޟާންމަހާ ދިމާކޮށް އެހީވުމަށްޓަކައި ރާއްޖޭގެ އަމިއްލަ ޖަމްޢިއްޔާއެއްކަމަށްވާ "އިންޓަނޭޝަނަލް އެއިޑް ކެމްޕޭން" އައިއޭސީން އެއްކުރި ފައިސާއިން ސޫރިޔާގެ 400 އާއިލާއަކަށް ކާނާ ޕެކޭޖްތަކެއް ބަހައިފިއެވެ.
ސޫރިޔާއާއި ފަލަސްޠީނުގެ ޣައްޒާގައި ހާލުގައި ޖެހިފައިވާ މުސްލިމުންނަށް ރަމަޟާންމަހަށް ޚާއްސަކޮށްގެން ވެދޭ އެހީގެ ކަންކަން ކުރިއަށްގެންދަނީ "ލޯތްބާއިއެކު" މިނަމުގައި ކުރިއަށްގެންދާ ކެމްޕޭނުގެ ދަށުންނެވެ.
ރަމަޟާންމަހަކީ އެމަހަކަށްޓަކައި މުޅި މުސްލިމް އުންމަތް ތައްޔާރުވާ މައްސަރެކެވެ. ދުނިޔޭގައި 2 ބިލިއަނެއްހައި މުސްލިމުން އުޅޭއިރު މީގެތެރެއިން އެތަށް ހާސް ބަޔަކުވަނީ ހަނގުރާމައިގެ ސަބަބުން ދަތި ޙާލުގައެވެ. އެއްވެސް ރައްކާތެރިކަމެއް ކެއިންބުއިމާއި ޒަރޫރީކަންކަން ފުރިހަމަކުރާނެ ފަދައެއްނެތި ހިތްދަތިކަމުގައި ދިރިއުޅެން މަޖުބޫރުވެފައިވާ އެތައް ހާސް މުސްލިމުންނެއް ވެއެވެ.
ހާލުގައި ޖެހިފައިވާ މުސްލިމުންނާއި އެނޫންވެސް މީހުންނަށް އެހީވާ ދިވެހި ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން މިފަހަރުގެ ރަމަޟާންމަހަށްވެސް ވަނީ ޚާއްސަ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން އެ ޖަމްޢިއްޔާގެ "ލޯތްބާއިއެކު" ކެމްޕޭންގެ ދަށުން މިއަހަރުގެ ރޯދަމަހު ސޫރިޔާއާއި ފަލަސްޠީނުގެ ޣާއްޒާގެ ރައްޔިތުންނަށް އެހީވުމަށް ޚާއްސަ ފަންޑެއްވަނީ ހުޅުވާފައެވެ.
"ލޯތްބާއިއެކު" ކެމްޕޭންގެ މަޢުލޫމާތު ޕީއެސްއެމް ނިއުސްއާއި ޙިއްސާކުރައްވަމުން، އިންޓަނޭޝަނަލް އެއިޑް ކެމްޕޭންގެ ވައިސް ޗެއަރމަން އާދަމް ނާއިފް ވިދާޅުވީ މިކެމްޕޭންގެ ދަށުން ސޫރިޔާއާއި ޣައްޒާގެ 800 އާއިލާއަކަށް އެހީ ފޯރުކޮށްދިނުމަށް ނިންމާފައިވާކަމަށެވެ.
ޕާނާއި މަސްދަޅުފަދަ ކެއުމުގެ ޕެކޭޖްތަށް މިހާތަނަށް އައިއެރު، ސޫރިޔާގެ 400 އާއިލާއަކަށް ބެހުމުގެ މަސައްކަތް ފަށާފައިވާކަމަށް ނާއިފް ވިދާޅުވިއެވެ. މި ޕެކޭޖްތަކުގައި ކައްކާތެލާއި، ހަނޑޫ ހަކުރު ފުށްވެސް ހިމެނޭކަމަށް ނާއިފް ވިދާޅުވިއެވެ.
މި ޕެކޭޖްތަށް ބަހާފައިވާއިރު، މިހަރަކާތުން ވަނީ ސޫރިޔާގެ ރެފިއުޖީ ކޭމްޕްގެ މަންޒަރުތަށް ދައްކުވައިދޭ ވީޑިއޯތަށްވެސް ޢާންމުކޮށްފައެވެ. މިވީޑިއޯތަކުން ސޫރިޔާގެ ކުށެއްނެތް މުސްލިމު ރައްޔިތުން ބިކަޙާލުގައި އުޅެމުންދާ ހިތްދަތި މަންޒަރު ދައްކުވައިދެއެވެ. އެތަނުގައި ދިރިއުޅެމުންދާ މުސްލިމު އަޚުންނާއި އުޚުތުންވަނީ ދިވެހިން ފޯރުކޮށްދޭ އެހީއަށްޓަކައި ހިނިތުންވުމާއެކު ޝުކުރުއަދާކޮށްފައެވެ.
އިންޓަނޭޝަނަލް އެއިޑް ކެމްޕެއިނަކީ ރާއްޖޭގައި އިންސާނިއްޔަތަށްޓަކައި މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކެއް އެކުވެގެން ދުނިޔޭގެ އެކިހިސާބުތަކުގައި ޙާލުގައި ޖެހިފައިވާ މުސްލިމުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 2016ވަނަ އަހަރު ފެށި ހަރަކާތެކެވެ. މި ހަރަކާތުގެ ދަށުން ސޫރިޔާގެ އެކި ސަރަހައްދުތަކާއި ރޮހިންޔާ މުސްލިމުންނާއި ޔަމަނުގެ ރައްޔިތުންނަށް އެހީ ފޯރުކޮށްދިނުމަށް ކެމްޕެއިންތައް ކުރިއަށް ގެންގޮސްފައިވެއެވެ.