ޢާއްމު ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށާއި އިޖުތިމާޢީ ހަމަޖެހުން ޤާއިމުކުރުމަށް އެތައް ޤާނޫނުތަކާއި ޤަވާއިދުތައް ހަދާފައި ހުރެއެވެ. މިޤާނޫނުތަކާއި ގަވާއިދުތަކާއި ޚިލާފުވާ ފަރާތްތަކާމެދު ޢަމަލުކުރަން ޖެހޭގޮތުގެ ފުރިހަމަ ތަފްސީލުވެސް މިޤާނޫނުތަކާއި ގަވާއިދުތަކުގައިވަނީ ލިޔެ ބަޔާންކޮށްފައިއެވެ.
އެހެންނަމަވެސް މިފަދަ ބައެއް ޤާނޫނުތަކާއި ޤަވާޢިދުތަކަށް ބައެއްމީހުންގެ ހޭލުންތެރިކަން ކުޑަކަމުގެ ވާހަކައަކީ އަބަދުވެސް ދެކެވެމުންދާ ވާހަކައެކެވެ. އޭގެސަބަބުން ބައެއް ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުނުކުރެވޭ ވާހަކައަކީވެސް ވަރަށް ޢާއްމު ވާހަކައެކެވެ.
މިފަހަރު ދަންނަވަނ މިއުޅެނީ އަދި އެހެން ވާހަކައެކެވެ. ސައިކަލް ދުއްވާއިރު ބޮލުގައި އަޅާ ހެލްމެޓަކީ ދިވެހިންގެ ތެރޭގައި ޢާއްމު އެއްޗެއްނޫނެވެ. ދާދިފަހަކާ ޖެހެންދެން ރާއްޖޭގެ އެއްވެސް ހިސާބަކުން ޢާއްމުކޮށް ހެލްމެޓު އަޅައިގެން މީހުން ސައިކަލް ދުއްވައެއް ނޫޅެއެވެ. އެހެންނަމަވެސް ރާއްޖޭގެ އެކިސާބުތަކުގައި ތާރުއަޅާއިގެން ބޮޑެތި ދިގު މަގުތައް ތަރައްޤީކުރުމާއި، އެއްދުވަހުން އަނެއްދުވަހަށް މަގުތަކުގައި ދުއްވާ އުޅަނދުތައް ގިނަވެ ކާރުބާރޫ ބޮޑުވުމާއެކު، ދިމާވާ މައްސަލަތައް ގިނަވެއްޖެއެވެ. ނުރައްކާތެރި އެކްސިޑެންޓްތަކުގައި މަރުވާ މީހުންނާއި ބޮޑެތި ހާނީއްކަތަކުގައި އުމުރަށް ނުކުޅެދޭ މީހުންނަށް ވެގެންދަ މީހުންވެސް ދަނީ އިތުރުވަމުންނެވެ.
މިބޮޑު މައްސަލައަށް ޙައްލެއް ހޯދުމަށް ސަރުކާރުން އަޅުއްވަމުންދާ ފިޔަވަޅުތަކުގެ ތެރެއިން އެންމެ ފަހުން އެޅުއްވި ބޮޑު ފިޔަވަޅަކީ ބާއްރަށް ދުއްވާ ބޮޑެތި މަގުތަކުގައި ސައިކަލް ދުއްވާނަމަ ހެލްމެޓު އެޅުން މަޖުބޫރުކުރުވުމެވެ.
30 ކިލޯމީޓަރަށްވުރެ ބާރަށް ދަތުރުކުރުމުގެ ހުއްދަ އޮންނަ ކޮންމެ ސަރަޙައްދެއްގައި ހެލްމެޓު އެޅުން ޤާނޫނީގޮތުން މިހާރު މަޖުބޫރެވެ. މިޤާނޫނު ވުޖޫދަށް އައިއިރު ރާއްޖޭގައި އެސްޕީޑަށް ދުއްވޭ ސަރަޙައްދުތަކަކީ އައްޑޫ ސިޓީ ލިންކު ރޯޑާއި ލ.ގަމު ލިންކު ރޯޑެވެ. މިގަވާއިދަށް އެންމެ ފުރަތަމަ ޢަމަލުކުރަން ފެށީ އައްޑޫ ސިޓީގައިއެވެ.
ހެލްމެޓު ނާޅައި ޤަވާއިދާޚިލާފަށް ދުއްވާ މީހުންނާ ދެކޮޅަށް އެސިޓީގައިއަންނަނީ ފިޔަވަޅުތައްވެސް އަލަމުންނެވެ. އެސިޓީގެ ރައްޔިތުންވަނީ ހެލްމެޓު ބަލައިގެންފިއެވެ. އެޤާނޫނަށް ބޯލަނބައެވެ.
މިފަހުން ހެލްމެޓުގެ އަޑު އަނެއްކާވެސް ގަދަވެ އޭގެ ޑިމާންޑް ބޮޑުވީ ސިނަމާލޭ ބުރިޖާއެކު އިތުރުވާންފެށި އެކްސިޑެންޓުތަކުގެ ސަބަބުންނެވެ. ރާއްޖޭގެ އެއް ސަރަޙައްދެއްގައި އެންމެ ގިނަ މީހުން ދިރިއުޅޭ، އަދި އެނެމް ގިނަ އެއްގަމު އުޅަނދުތައް ދުއްވާ ސަރަހައްދަކީ މާލެއެވެ. ސިނަމާލެ ބްރިޖާއެކު ކުރިމަތިވެގެންދިޔަ ނުރައްކަލަކީ ބާރު ސްޕީޑުގައި މާލެއިން ހުޅުމާލެއަށް ދުއްވާ އުޅަނދުދަތެކެވެ. ނުރައްކާތެރި އެތައް އެކްސިޑެންޓެއް ހިނގަމުންދިޔައެވެ.
މިކަމަށް ޙައްލެއް ގެނައުމުގެ ގޮތުން އެއްގަމުގައި ދުއްވާ އުޅަނދުތަކާ ބެހޭ ޤާނޫނު އަލުން އިސްލާޙުކޮށް އައު ގަވާއިދެއް އެކުލަވާލަވާލައި، ސައިކަލުގައި ސިނަމާލެ ބްރިޖު ހުރަސްކުރެވޭނީ ހެލްމެޓު އަޅައިކަމަށް ކަނޑައެޅިއެވެ.
މިއާއެކު ބައެއް މީހުން އުފެއްދި ސުވާލަކީ ހެލްމެޓު ބޭނުންކުރުމުގެ ގަވާއިދު ތަންފީޒު ކުރެވިދާނެތޯ އުފެއްދި ސުވާލެވެ. މިފަދަ ބައެއް ޢާއްމު ޤާނޫނުތަކާއި ޤަވާއިދުތައް ތަންފީޒުނުކުރެވި އެތައް އަހަރެއް ވެފައިވުމަކީ އެމީހުންގެ ދައްކާ ހުއްޖަތެކެވެ. އެހެންކަމުން މާލޭގައި އަދި ވަކި މަގެއްގައިވިޔަސް ހެލްމެޓު މަޖުބޫރު ކުރުވުމަކީ އުނދަގޫކަމެއްގެ ގޮތުގައި ބައެއްމީހުން ސިފަކުރިއެވެ.
ކަނޑައެޅިފައިވާ ސުންގަޑިއާއެކު ފެނިގެން ދިޔައީ މި އުސޫލަށް ގިނަބަޔަކު ތަރުޙީބު ދިންތަނެވެ. މިކަން ތަންފީޒުކުރެވުމުގެ އެންމެބޮޑު ސަބަބަކީ ޤާނޫނު ތަންފިޒުކުރާ ފަރާތްތަކުގެ މަސައްކަތެވެ. ސިނަމާލެ ބްރިޖާއި، އެބްރިޖާ ގުޅިފައިވާ ހައިވޭގެ ސަލަމަތީ ކަންކަން ބެލެހެއްޓުމަށް ފުލުހުން ޚާއްސަ ލަމާލުކަމެއް ދެއެވެ.
މިއާއެކު ހާމަވާ އެނެމް މުހިންމު ކަމަކީ ޤާނޫނާއި ޤަވާއިދު ތަންފީޒުކުރުމަށް އެންމެން ގުޅިގެން މަސައްކަތްކޮށްފިނަމަ އެކްނަ ކުރެވޭނެކަމެވެ. ހެލްމެޓު ނާޅާ މީހުނަށް ބުރިޖު ހުރަސްނުކުރެވޭހެން ތަންފީޒުނުކުރެވި ހުރި އެހެން ޤާނޫނުތަކާއި ޤަވާޢިދުތައްވެސް ތަންފީޒުކުރަަން ފަށަމާތޯއެވެ.