ރިޕޯޓް

ފާޑުކިއުން އަމާޒުވި، އުފެއްދުންތެރި މަޖިލިސް


އަށާރަވަނަ ރައްޔިތުންގެ މަޖިލީހަކީ ރާއްޖޭގެ ބަރުލަމާނީ ޙަޔާތުގައި އެންމެ ގިނަބައެއްގެ ފާޑުކިއުން އަމާޒުވި މަޖިލީހޭ ދެންނެވިޔަސް ދޮގަކަށް ނުވާނެއެވެ. މިއީ މަޖިލީހުގެ ޙަޔާތުގައިވެސް އޭގެކުރިން ދެކެފައިނުވާފަދަ އަޚްލާޤީގޮތުން ދަށުދަރަޖައިގެ އެތައްކަމެއް ފެނިގެން ދިޔަ މަޖިލީހެއްގެގޮތުގައި ސިޔާސީ ފަރާތްތަކުން ސިފަކުރެއެވެ. ނަމަވެސް މަޖިލިސް ނިމިގެންދިޔައީ އުފެއްދުންތެރި ބިނާކުރަނިވި ގިނަ މަސައްކަތްތަކެއް ކުރެވުނު މަޖިލީހެއްގެގޮތުގައިކަމަށް މަޖިލީހުގެ ރެކޯޑުތަކުން ދައްކައެވެ.

18ވަނަ ރައްޔިތުންގެ މަޖިލިސް ފަށާފައިވަނީ 28 މެއި 2014 ގައެވެ. މަޖިލިސް ފެށީ އޭރުގެ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޕީޕީއެމާއި، ޖުމްހޫރީ ޕާޓީއާއި، އެމްޑީއޭއާއި ޢަދާލަތު ޕާޓީ ހިމެނޭހެން ސުޕަ މެޖޯރިޓީއާއިއެކުއެވެ. މަޖިލިސް ފެށި އަހަރެއްހާ ދުވަހު މަޖިލީހުގެ ތަޅުން ފެނުންނީ ވަރަށް އަމާން އަދި އެހާމެ އުފެއްދުންތެރި މަޖިލީހެއްގެ ގޮތުގައެވެ. ނަމަވެސް އެއުފެއްދުންތެރިކަމާއި ހަމަޖެހުން ދެމިއޮތީ ކުޑަ ދުވަސްކޮޅަކަށެވެ. މަޖިލީހުގައި މެންބަރުންގެ "ހައިޖާނު"އުފެދި ދެބަސްވުންތައް އެއަހަރު ނިމެންދަނިކޮށް ފެންނަންފެށިއެވެ.

2014

މިމަޖިލީހުން ފާސްކުރި ޤާނޫނުތަކުގެ ތެރެއިން އެންމެ ކުރީކޮޅު ފާސްކުރި އެއް އިޞްލާހަކީ ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ ޢާއިލާ ދިރިއުޅެނީ ދައުލަތުން ފޯރުކޮށްދީފައިވާ ރަސްމީގެ ފިޔަވައި އެހެންތަނެއްގައިނަމަ އެތަނަކަށް މުވައްޒަފުންނާއި ހިނގާނެ ޚަރަދު ރަސްމީގެއަށް ކަނޑައަޅާފައިވާ ބަޖެޓްގެތެރެއިން ކުރެވޭނެގޮތަށް ގެނައި އިޞްލާހެވެ. މިއިޞްލަޙު ހުށައެޅުއްވީ ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދެވެ. ކުރީގެ ރައީސް ޔާމިން ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު އެމަނިކުފާނު ވަނީ ދައުލަތަށް ޚަރަދު ކުޑަކުރުމަށްކަމަށް ވިދާޅުވެ އެމަނިކުފާނުގެ އަމިއްލަ ގެކޮޅު ގ.ދޫވެހީގައި ދިރިއުޅުއްވާފައެވެ. އަދި ގިނަ މަރާމާތުތަކެއްވެސް ދައުލަތުގެ ޚަރަދުގައި ގެންނަވާފައިވާކަމަށް ތުހުމަތުކުރެއެވެ.

2014 ވަނަ އަހަރު ނިމެންދަނިކޮށް ޑިސެމްބަރު މަހު ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޢަދަދު 7 އިން 5 އަށް މަދުކޮށް ދެފަނޑިޔާރެއްގެ މަޤާމު ގެއްލުވާލާފައެވެ. މަރަދޫ ދާއިރާގެ އެމްޑީޕީ މެންބަރު އިބްރާހީމް ޝަރީފް ހުށައެޅުއްވި އެއިޞްލާޙު ފާސްވުމާއެކު އުއްތަމަ ފަނޑިޔާރު އަހުމަދު ފާއިޒު ހުސައިނާއި އެކޯޓުގެ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާން ފަނޑިޔާރުކަމުގެ މަޤާމު ގެއްލުނެވެ. މިއިޞްލާހަށް ދެކޮޅު ހެދީވެސް އެމްޑީޕީގެ މެންބަރުންނެވެ.

2015

2015ވަނަ އަހަރުން ފެށިގެން މަޖިލީހުގެ ތަޅުން ފެނިގެންދިޔައީ ޒުވާބާއި ހަޅޭކުގެ ތެރޭގައެވެ. ރިޔާސަތަށް ހުރަސްއެޅުމާއި މަޖިލީހަށް ދުންމާރިއާއި ތާޅަފިލި ފަދަ ތަކެތި ތަޅުމަށް ވައްދައި މަޖިލީހުގެ ރިޔާސަތުގެ އިތުރުން އިދާރީ މޭޒު ކައިރިއަށް އެއްވެ ހުރަސްއަޅައިގެން އެތައް ޖަލްސާއެއް ކުރިއަށް ނުގެންދެވި ހުއްޓަލަންޖެހިފައިވެއެވެ.

ޖަލްސާތައް ކުރިއަށް ނުގެންދެވުމާއެކު، އަޑުގަދަކުރަން ބޭނުންކުރާ ތާޅަފިއްޔާއި، ރިޔާސަތަށް ހުރަސް އެޅޭފަދަ އެހެނިހެންވެސް ތަކެތި ޖަލްސާއަށް ވެއްދުން މަނާކުރާގޮތަށްވަނީ މަޖިލީހުގެ ޤަވާއިދަށް އިޞްލާހު ގެނެސްފައެވެ.

އެޤަވާއިދުގައި ބުނާގޮތުން ގަވާއިދާޚިލާފަށް ރައްޔިތުންގެ މަޖިލީހަށް އަޑުގަދަކުރާފަދަ، ތަކެތި ވައްދައި އެފަރާތްތަކާމެދު ސުލޫކީ ފިޔަވަޅުތަކެއް އެޅޭނެކަމަށެވެ. އަދި ތަކުރާރުކޮށް އެފަދަ ޢަމަލުތައް ހިންގާ މެމްބަރުންގެ ކޮމިޓީ، ހާޒިރީން %50 އުނިކޮށް ރާއްޖެއިން ބޭރަށްކުރާ ދަތުރުތައް 6 މަސް ދުވަހަށް ނުކުރެވޭ ގޮތަށްވެސް އެޤަވާޢިދުގައި ބުނެފައިވެއެވެ.

2015ވަނަ އަހަރުގެ އޭޕްރީމް މަހުގެ 27ވަނަ ދުވަހު ވަނީ ޤައުމީ މީޑިއާ ހިންގަމުން އައި އެމްބީސީ އުވާލައި ޕަބްލިކް ސާވިސް މީޑިއާގެނަމުގައި އައު ކުންފުންޏެއް އުފެއްދުމަށް ފާސްކޮށްފައެވެ. މިބިލް މަޖިލީހަށް ހުށައެޅުއްވީ ހޯރަފުށީ ދާއިރާގެ އެމްޑީއޭ މެންބަރު މުޙައްމަދު އިސްމާޢީލެވެ.

ހަމަ އެ އަހަރުގެ އޭޕްރީލް މަހުގެ 29ވަނަ ދުވަހު ވަނީ ދިވެހިރާއްޖޭގައި ފުރަތަމަ ފަހަރަށް އިސްލާމިކް ޔުނިވާސިޓީއެއް ޤާއިމްކުރުމަށް ފާސްކޮށްފައެވެ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަހީމް އަބްދުﷲ ހުށަހެޅުއްވި އެބިލް ފާސްވެ ގާނޫނަކަށްވުމާއެކު އޭރުގެ ކުއްލިޔަތުއް ދިރާސަތުލް އިސްލާމިއްޔާ "ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަސިޓީ"އަށް ބަދަލުވެގެންދިޔައެވެ.

2015 ޖޫން 15ވަނަ ދުވަހު ވަނީ މާލޭ ސިޓީ ކައުންސިލުން ދޭނެ ޚިދުމަތްތަކާއެކު ކައުންސިލްގެ ބާރުތައް ރައީސް ކަނޑައަޅުއްވަން ޖެހޭ ގޮތަށް ހަމަޖައްސައި ކައުންސިލްތަކުގެ ބާރުތައް ނަންގަވާ އިޞްލާޙު ފާސްކުރައްވާފައެވެ. ސަރުކާރުގެ ފަރާތުން ތުލުސްދޫ ދާއިރާގެ މެންބަރު މުޙައްމަދު ވަޙީދު އިބްރާހީމް ހުށައެޅުއްވި އެއިސްލާހުގައިވާގޮތުން މާލޭ ސިޓީ ކައުންސިލަށް ލާމަރުކަޒީ ގާނޫނުން ލިބިދެވޭނެ ބާރުތަކާއި އެކައުންސިލުން ދޭނެ ޚިދުމަތްތައް ކަނޑައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާނީ ވަޒީރުންގެ މަޖިލީހުގެ ލަފާގެމަތިންނެވެ. ނަމަވެސް މިއިޞްލާޙު ބާޠިލްކޮށް އަލުން ކައުންސިލަށް ބާރުތައް ދިނީވެސް ހަމަ މި 18ވަނަ މަޖިލީހުންނެވެ.

18ވަނަ ރައްޔިތުންގެ މަޖިލީހުން ވަނީ ޤާނޫނު އަސާސީއަށް ތިން ފަހަރެއްގެ މަތިން އިޞްލާޙު ގެންނަވާފައެވެ. އެގޮތުން ޤާނޫނު އަސާސީއަށް ގެނައި ފުރަތަމަ އިޞްލާޙުވެސް ގެނައީ 2015ވަނަ އަހަރުގެ ޖޫން މަހުގެ 24ވަނަ ދުވަހުއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތި ލެވޭނެ އުމުރަކީ 30 އަހަރާއި 65 އަހަރާ ދެމެދުކަމުގައި ކަނޑައެޅުމަށް ގާނޫނު އަސާސީއަށް އިސްލާހް ހުށަހެޅުއްވީ ހޯރަފުށި ދާއިރާގެ މެންބަރު މުޙައްމަދު އިސްމާއީލެވެ.

އަދީބު ނާއިބު ރައީސްކަމަށް ޢައްޔަނުކުރަން ފާސްކުރި، އެއިޞްލާހު ފާސްވީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 80 މެންބަރުންގެ ތެރެއިން 78 މެންބަރުންގެ ވޯޓާއެކުއެވެ. ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމަށް ކުރިމަތިލެވޭ އެންމެމަތީ އުމުރަކީ 65 އަހަރު ކަމުގައި އޮންނައޮތުން އިސްލާހުކޮށް 65 އަހަރުން މަތީގެ މީހުންނަށް ވެސް ވެރިކަމަށް ކުރިމަތިލެވޭ ގޮތަށް އަނެއްކާވެސް ވަނީ ބަދަލުކޮށްފައި ވަނީވެސް ހަމަ މިމަޖިލީހުންނެވެ.

ދިހަހާސް މެމްބަރުން ހަމަނުވާ ސިޔާސީ ޕާޓީތަކަށް ދަޢުލަތުގެ ބަޖެޓުން ފައިސާ ނުދޭގޮތަށް، ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 17 އޯގަސްޓް 2015 އަހަރުއެވެ. މާވަށު ދާއިރާގެ މެމްބަރު އަޙްމަދު އަޒްހާން ފަހުމީ ހުށައެޅުއްވި މިއިސްލާހުގައި ވާގޮތުން ސިޔާސީ ޕާޓީއެއް އުފެއްދޭނީ ތިން ހާސް މީހުންގެ ސޮއި ހަމަކުރުމުންނެވެ.

2016

2016ވަނަ އަހަރު މަޖިލިސް ފެށިގެން އައީވެސް އަޚްލާގީ ގޮތުން ދަށުދަރަޖައިގެ ޢަމަލުތަކާއެކުއެވެ. ފެބުރުއަރީ 24ގައި އޮތް ޖަލްސާގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެންބަރު އަހްމަދު ނިހާން ޙުސައިން މަނިކު އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމްގެ މޫނަށް ވަނީ ކުޅުޖައްސަވައިފައެވެ.

މިއާއެކު އެތައް ބައެއްގެ ފާޑުކިއުން ނިހާނަށް އަމާޒުވެގެންދިޔައެވެ. ރޮޒައިނާގެ މޫނަށް ނިހާން ކުޅުޖެއްސެވީ ޕްރޮސެކިއުޓާ ޖެނަރަލްގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ނިހާން ވާހަކަ ދައްކަވަމުން ގެންދަވަނިކޮށް އޭނާ ހުންނެވި މޭޒުކޮޅުގެ ކުރިމައްޗަށް ވަޑައިގެން ނިހާންގެ ވާހަކައަށް ހުރަސް އެޅުއްވުމުންނެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ ކޮންމެ މީހަކަށްވެސް އެކަން ކުރެވޭގޮތަށް ދިވެހިރާއްޖޭގެ ސިޓިޒެންޝިޕްގެ ޤާނޫނަށް އިޞްލާޙު ގެނައީވެސް 2016ވަނަ އަހަރުގެ އޭޕްރީލް މަހުގެ 20ވަނަ ދުވަހުއެވެ. އުމުރުން 18 އަހަރުވެފައިވާ ކޮންމެ މީހަކަށް ދިވެހި ރައްޔިތުކަން ދޫކޮށްލެވިދާނެ ގޮތަށް އިޞްލާޙު ހުށައެޅުއްވީ ބިލެއްދޫ ދާއިރާގެ މެންބަރު އަޙްމަދު މުބީނެވެ.

ޖިނާޢީ ކުށްތައް ތަޙުޤީޤު ކުރުމާއި، އެފަދަ ކުށްތަކުގައި ދަޢުވާ އުފުލުމާއި، ޝަރީއަތް ހިންގުމުގައި ޢަމަލުކުރާނެ ގޮތުގެ އުޞޫލުތައް ބަޔާންކޮށްފައިވާ ޖިނާއީ އިޖްރާއަތުގެ ބިލް ފާސްކުރީވެސް މި މަޖިލީހުންނެވެ. 18 އޭޕްރީލް 2016 ގައި ފާސްކުރި ޖިނާއީ އިޖުރާއަތުގެ ބިލު މަޖިލީހަށް ހުށަހެޅުއްވީ ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމެވެ.

ޖޫންމަހުގެ 10ވަނަ ދުވަހު ވަނީ ރޯދަ ޢިނާޔަތުގެ ގޮތުގައި ތިންހާސް ރުފިޔާ ދިނުމަށްވެސް ފާސްކޮށްފައެވެ. ވަޒީފާއާއި ބެހޭ ޤާނޫނަށް މިއިޞްލާޙު ހުށަހަޅުއްވާފައިވަނީ ދުވާފަރު ދާއިރާގެ މެމްބަރު މުޙައްމަދު އަލީއެވެ.

ފުލުހުންގެ ހުއްދަ ނެތި އެއްވެސް ބާވަތެއްގެ އެއްވުމެއް ނުވަތަ ހިނގާލުމެއް، އުޅަނދު ބުރެއް މާލޭގައި ނުބޭވޭ ގޮތަށް ސުލްހަވެރިކަމާއެކު އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނަށް މާފަންނު ދެކުނު ދާއިރާގެ މެމްބަރު އަބްދުﷲ ރިފާއު ހުށަހެޅުއްވި އިޞްލާހު ފާސްކުރީ 17 އޯގަސްޓް 2016 ގައެވެ.

ހަމަ އެދުވަހު ވަނީ ޢާންމުކޮށް ޢިއުލާނު ކުރުމަކާނުލައި ފަތުރުވެރިކަމާގުޅޭ ކަންކަމަށް ރަށް، ނުވަތަ ބިން ނުވަތަ ފަޅު ކުއްޔަށް ދެވޭ ގޮތަށް ޓޫރިޒަމާބެހޭ ޤާނޫނަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަދި ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ހުށަހެޅުއްވި އިޞްލާޙުވެސް ފާސްކުރައްވާފައެވެ.

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަން ހަނިކޮށް އަބުރު ރައްކާތެރިކުރުމާއި ޚިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ބިލް ނަމުގައި ބިލެއް ފާސްކުރީ 9 އޯގަސްޓް 2016 ގައެވެ. ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ މެންބަރު ޖައުފަރު ދާއޫދު ހުށައެޅުއްވި މިބިލް ފާސްވީ 47 މެންބަރުންގެ ވޯޓުންނެވެ.

ކޮމަންވެލްތުގެ މެމްބަރު ކަމުގައި ރާއްޖެ އޮންނަތާ 34 އަހަރު ފަހުން އެ ޖަމިއްޔާ އިން ވަކިވާން ރައްޔިތުންގެ މަޖިލީހުން ފާސްކުރީ 19 އޮކްޓޫބަރ 2016 ގައެވެ. މިގޮތަށް ފާސްވީ 39 މެންބަރުންގެ ވޯޓުންނެވެ.

އެއަރޕޯޓުން ފުރާ ކޮންމެ ފަސިންޖަރެއްގެ އަތުން 25 ޑޮލަރު ނަގާގޮތަށް ދިވެހިރާއްޖޭގެ އެއަރޕޯޓަކުން ބޭރަށް ފުރާ ކޮންމެ ފަސިންޖަރުންގެ އަތުން ޓެކްސްއާއި ފީ ނެގުމުގެ ނަމުގައި ބިލެއް ހުށަހަޅުއްވާފައިވަނީ ގައްދޫ ދާއިރާގެ މެންބަރު އަޙްމަދު ރަޝީދެވެ. މި ބިލް ފާސްވީ 27 ނޮވެމްބަރު 2016 ގައެވެ.

2017

2017ވަނަ އަހަރަކީ މިމަޖިލީހުގެ އެންމެ އުފެއްދުންޔެރިކަން ދަށް އަހަރެވެ. އެގޮތުން އެ އަހަރުގެ ފުރަތަމަ ދައުރުގައި 3 ބިލެއް ފާސްކޮށްފައިވާއިރު ދެވަނަ ދައުރުގައި ފާސްކުރީ 2 ބިލެވެ. އަދި ތިންވަނަ ދައުރުގައި އެއްވެސް ބިލެއް ފާސްކޮށްފައެއްނުވެއެވެ. އެއަހަރުގެ ޖޫން މަހުގެ 14ގައި ވަނީ ހައިކޯޓްގެ ފަނޑިޔާރުންގެ ޢަދަދު 9 އިން 11 އަށް އިތުރުކުރުމަށް ފާސްކޮށްފައެވެ. ސަރުކާރުގެ ފަރާތުން އެ އިޞްލާޙު ފަނޑިޔާރުންގެ ޤާނޫނަށް ހުށައެޅުއްވީ އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހެވެ.

2018

2018ވަނަ އަހަރުގެ ފުރަތަމަ ދައުރުގައި ފާސްކުރީ 2 ބިލެކެވެ. އެއަހަރުގެ މާޗް މަހުގެ 13ވަނަ ދުވަހު ވަނީ އެމެންބަރަކު އިންތިޚާބުވެވަޑައިގެންނެވި ޕާޓީ ނޫން އެހެން ޕާޓީއަކަށް ބަދަލުވެއްޖެނަމަ މަޖިލީހުގެ ގޮނޑި ގެއްލޭގޮތަށް އެންޓި-ޑިފެކްޝަންގެ ޤާނޫނު ފާސްކޮށްފައެވެ. ވިލުފުށީ ދާއިރާގެ މެންބަރު ރިޔާޒް ރަޝީދު ހުށައެޅުއްވި އެބިލް ފާސްވީ 37 މެންބަރުންގެ އަޣްލަބިއްޔަތުންނެވެ.

ހަމަ އެދުވަހު ވަނީ ފަނޑިޔާރެއްގެ މައްޗަށް ތުހުމަތު ކުރެވޭ ޖިނާއީ ކުށެއް ސާބިތުވާ ކަމަށް ޝަރުއީ ކޯޓަކުން ކަނޑައަޅާ ހިސާބުން ފަނޑިޔާރުގެ މަގާމު ގެއްލޭ ގޮތަށް ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކޮށްފައެވެ. ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއްރަޙީމް އަބްދުﷲ ފަނޑިޔާރުންގެ ގާނޫނަށް ހުށަހެޅި އިސްލާހު ފާސްކުރީ 38 މެންބަރުންގެ ވޯޓުންނެވެ.

ބޭރު ޤައުމަކުން ޙިމާޔަތާއި ރަށްވެހިކަން ހޯދައިގެން އުޅޭ މީހުން، އެޤައުމެއްގެ ޙިމާޔަތާއި ރަށްވެހިކަން ދޫކޮށްލާތާ 10 އަހަރު ފަހުން ނޫނީ ރިޔާސީ އިންތިޚާބަށް ކުރިމަތިނުލެވޭ ގޮތަށް، ރިޔާސީ އިންތިޚާބުގެ ގާނޫނަށް ހުށަހަޅައި ފާސްކުރީ 5 ޖުލައި 2018 ގައެވެ. ވިލިމާލެ ދާއިރާގެ މެންބަރު އަހުމަދު ނިހާން ހުށަހެޅުއްވި މިއިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވި 34 މެމްބަރުންގެ އިއްތިފާގުންނެވެ.

މަޞީޙުގެ ބަދަލުގައި ޤާސިމް ރިޔާސަތަށް!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމަށް ފާސްކުރުމަށްފަހު މަޖިލީހުގެ ރައީސްކަމަށް ޖުމްހޫރީ ޕާޓީގެކުރީގެ ލީޑަރު އަދި މާމިނގިލީ ދާއިރާގެ މެމްބަރު ޤާސިމް އިބްރާހީމް ގެނައުމަށް އިދިކޮޅު ކޯލިޝަންގެ ޖޮއިންޓް ޕާލިމެންޓްރީ ގުރޫޕުން ފާސްކުރީ 24 އޮކްޓޫބަރު 2018 ގައެވެ.

އަންހެނުން ބޭނުންކުރަން ޖެހޭ ޒަރޫރީ ބާވަތްތަކުން ޓެކްސް އުވާލަން ރައްޔިތުންގެ މަޖިލީހުގެ 68 މެމްބަރުންގެ އިއްތިފާގުން ފާސްކުރީ 29 ނޮވެމްބަރު 2018 ގައެވެ. "ސެނިޓަރީ ނެޕްކިން" ނުވަތަ ޕެޑުން ޓެކްސް ނެގުން އުވާލަން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސްނެގުމުގެ ޤާނޫނަށް އިސްލާޙު ގެނައުމުގެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ސަރުކާރުގެ ފަރާތުން ކުރެންދޫ ދާއިރާގެ މެމްބަރު ޢަބްދުލްބާރީ އަބްދުﷲއެވެ.

ދަނޑުވެރިކަން ކުރުމަށް ރާއްޖެއިން ބޭރުން އެތެރެކުރާ ތަކެތިން ޑިއުޓީ ކަނޑާލުމަށް އެކްސްޕޯޓް، އިމްޕޯޓް ގާނޫނަށް އިސްލާޙު ގެނައުމުގެ ބިލް ފާސްކުރީ 2018ވަނަ އަހަރު ނިމެނިކޮށެވެ. ސަރުކާރުގެ ފަރާތުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް މަޖިލީހަށް ހުށަހެޅުއްވި އެ އިސްލާހު ފާސްވީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 56 މެމްބަރުންގެ އިއްތިފާގުންނެވެ. އަދި ޖެހިގެން އައިދުވަހު ވަނީ ކަރަންޓުގެ އަގު ހެޔޮކުރުމަށް ޑީސަލް ތެލުން ނަގާ އިމްޕޯޓް ޑިއުޓީ ކަނޑާލުމަށް ފާސްކޮށްފައެވެ. އެއިޞްލާހު ހުށައެޅުއްވީ ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތުގެ ގޮތުގައި ތިރީސް ފަސް ހާސް ރުފިޔާއާއި ރައްކާތެރިކަން ދޭގޮތަށް މަޖިލީހުން ފާސްކުރީ 18 އޭޕްރީލް 2019 ގައެވެ. ރައިސުލްޖުމްހޫރިއްޔާގެ ނާއިބުކަން ކުރައްވާފައިވާ ބޭފުޅަކަށް އިނާޔަތާއި ރައްކާތެރިކަން ދިނުމުގެ ބިލް ހުށައެޅުއްވީ އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމެވެ.

2019

މިނޫނަސް އެތައް ބިލެއް މަޖިލީހުން ފާސްކުރައްވާފައިވެއެވެ. 18ވަނަ ރައްޔިތުންގެ މަޖިލީހުގެ އެންމެ ފަހު ޖަލްސާ ބާއްވާފައިވަނީ 29 އޭޕްރީލް 2019 ގައެެވެ. އެންމެ ފަހު ޖަލްސާގައި ވަނީ އައު ޤާނޫނު އަސާސީއާއެކު މަޤާމު ނިމުމަކަށް ގެނެވުނު އުއްތަމަ ފަނޑިޔާރަށް ޚާއްޞަ ޢިނާޔަތްތަކާއި އިމްތިޔާޒުތައް ލިބިދޭގޮތަށް ފަނޑިޔާރުންގެ ޤާނުނަށް ހުށައެޅި އިސްލާޙުގެ ބިލް ފާސްކުރައްވާފައެވެ.

18ވަނަ ރައްޔިތުންގެ މަޖިލީހުގެ ދައުރު ހަމަވާނީ މެއި މަހުގެ 27ވަނަ ދުވަހަށެވެ. އަދި 19ވަނަ ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގެންނެވި މެންބަރުން ހުވާކުރައްވާނީ މެއި 28ވަނަ ދުވަހުއެވެ. 19ވަނަ މަޖިލީހުގައި 87 މެންބަރުން ތިއްބަވާނެއެވެ.