ޚަބަރު

މޭ ޑޭ - މަސައްކަތްތެރިންގެ ހައްޤުގައި ފެށި ބައިނަލްއަޤްވާމީ ހަރަކާތް


މަސައްކަތްތެރިންގެ ދުވަސް ނުވަތަ މޭޑޭ އަކީ މުޅި ދުނިޔޭގައިވެސް ކޮންމެ އަހަރެއްގެ މޭ މަހުގެ 1 ވަނަ ދުވަހު, މަސައްކަތްތެރިންގެ ހައްޤުތައް ހޯދުމަށް އަޑު އުފުލައި ފާހަގަ ކުރާ ދުވަހެކެވެ.

ރާއްޖޭގައި މޭ ޑޭގެ ހަރަކާތްތައް ރަސްމީކޮށް ފަށާފައިވަނީ 2011ވަނަ އަހަރު ސަރުކާރުން އެދުވަސް ފާހަގަކުރަން ނިންމުމާ ގުޅިގެންނެވެ.

މޭޑޭ ނުވަތަ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަހަކީ ދުނިޔޭގައި މަސައްކަތްތެރިންގެ ހައްޤުތަށް ރައްކާތެރިކުރުމަށް 1886 ވަނަ އަހަރުގެ މޭމަހުގެ 4 ވަނަ ދުވަހު ލަންޑަންގައި ކުރިއަށްގެންދިޔަ އަމާން މުޒާހަރާއަށް ދިން އުދުވާނީ ހަމަލާއާއި ދިމާކޮށް މަސައްކަތްތެރިންގެ ހައްޤުގައި ފާހަގަކުރަން ފެށި ދުވަހެކެވެ. އެގޮތުން ލަންޑަންގެ ހޭ މާކެޓްގައި ހިންގި މި އުދުވާނީ ހަމަލާގައި 7 ފުލުހަކާއި 4 އާންމުން މަރުވެފައިވާއިރު މި ލޭ އޮހޮރުވުމުގެ ސަބަބުން މި ހަރަކާތް ފުޅާވެ މިއަދު މިވަނީ މަސައްކްތްތެރިންގެ ހައްޤުގައި ފާހަގަކުރާ ބައިނަލްއަޤްވާމީ ދުވަހެއްގެ ގޮތުހައި މޭމަހުގެ 1 ވަނަ ދުވަސްވެފައެވެ.

މި ދުވަސް ފާހަގަކުރުމަށް 1980ގެ ފަހުކޮޅު ހިންގަން ފެށި މިހަރަކާތްތަކުގެ ނަތީޖާއަކަށްވެގެންދިޔައީ، މަސައްކަތްކުރަންޖެހޭ ވަކި ވަގުތުތަކެއް ކަނޑައަޅާދީ މަސައްކަތުގައި ސަލާމަތީ ފިޔަވަޅުތަށް ވަރުގަދަކުރުމަށް ގިނަ ފިޔަވަޅުތަކެއް ގިނަ ޤައުމުތަކަކުން އަޅަން ފެށުމެވެ. އެގޮތުން އަމާން މުޒާހަރާތަކަކުން ފެށި މިހަރަކާތްތައް މިއަދު ފުޅާވެ ބައިނަލްއަޤްވާމީގޮތުން ފާހަގަކުރާ ހަރަކާތަކަށް މިވަނީ ވެފައެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ މޭ ޑޭ ނުވަތަ ބައިނަލްއަޤްވާމީ މަސައްކަތްތެރިންގެ ދުވަސް ފާހަގަކުރަން ފަށާފައިވަނީ 2006 ވަނަ އަހަރު އޭރުގެ އިދިކޮޅު ސިޔާސީ ޕާޓީ އެމްޑީޕީ އާއި ގިނަ އަދަދެއްގެ މައްސަކަތްތެރިން ގުޅިގެން ކުރިއަށްގެންދިއަ ހަރަކާތެއްގެ ތެރެއިންނެވެ. އެގޮތުން މި ހަރަކާތުގެ ބައިބެރިން ވަނީ ރާއްޖޭގެ މަސައްކަތްތެރިންގެ ހައްޤުތައް ހިމާޔަތްކޮށް ދިނުމަށް ގޮވާލާ އަޑު އުފުލާފައެވެ.
މަސައްކަތްތެރިންގެ ދުވަސް، ނުވަތަ ލޭބަރ ޑޭ ރާއްޖޭގައި ރަސްމީކޮށް ފާހަގަކުރުމަށް ނިންމަވާފައިވަނީ 2011 ވަނަ އަހަރު އޭރުގެ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދެވެ. މިއާއެކު ލޭބާރ ޑޭއެއް ގޮތުގައި މޭ މަހުގެ 1 ހަމަޖައްސަވާ އެއީ ރާއްޖޭގައިވެސް ރަސްމީ ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެހިގެންދިޔައެވެ. އަދި މިއާއެކު ޤާނޫނަކާއި ލޭބަރ ރިލޭޝަންސް އޮތޯރިޓީއެއްގެ އިތުރުން ލޭބަރ ޓްރައިބިއުނަލް އެއްވެސް ޤާއިމުކުރެވުނެވެ.

ވަޒީފާއާބެހޭ ޓްރައިބިއުނަލާއި ލޭބަރ ރިލޭޝަން އޮތޯރިޓީއާއެކު މަސައްކަތްތެރިންގެ ހައްޤުތަކުގައި ވަކާލާތުކުރުމަށް އައު ބާރެއް ލިބުނުނަމަމަވެސް، މިއަދާހަމައަށް އައިއެރުވެސް މިނިމަމް ވޭޖެއް ނުވަތަ އެންމެ ކުޑަ މުސާރައެއް ރާއްޖޭގައި ކަނޑައެޅިފައެއް ނުވެއެވެ.
ވަޒީފާ އަދާކުރާ މީހުންނަށް އުޖޫރައިގެ ގޮތުގައި ދެވޭނެ އެންމެ ކުޑަ މިންވަރެއް ކަނޑައެޅުމަކީ ރައީސް ޞާލިޙުގެ ރިޔާސީ ވައުދުފުޅުތަކުގެ ތެރޭގައި ހިމެނޭ މުހިއްމު ވަޢުދެކެވެ.

މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ރައީސް ޞާލިހް ދެއްވި ޚިޠާބުގައިވެސް ވަނީ ވަޒީފާގެ ބާޒާރަށް ވީހާވެސް ގިނަ ދިވެހީން ނެރުމަށްޓަކައި، މިހާރުން މިހާރަށް ކުރަންޖެހިފައިވާ އެންމެ މުހިންމު އެއް ކަމަކީ، ވަޒީފާ އަދާކުރާ މީހުންނަށް އެންމެ ކުޑަމިނުން ދެވޭނެ އުޖޫރަ ކަނޑައެޅުންކަމަށް ވިދާޅުވެފައެވެ. އަދި ރައީސް ސާލިޙް މިއަދު ވަނީ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ދެވޭ އެންމެ ކުޑަ މިންވަރު ކަނޑައެޅުމަށްޓަކައި އިކޮނޮމިކް ޑިވެލޮޕްމަންޓް މިނިސްޓަރަށް ލަފާދިނުމަށް ބޯޑެއްވެސް އުފައްދަވާފައެވެ.