ސިޔާސީ

ޝަރުއީ ދާއިރާ އިސްލާހުކުރުމުގެ މަގު ޗާޓެއް އެކުލަވާލައިފި


ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމާއެކު ފަނޑިޔާރުގެތައް މިނިވަން ކުރުމަށް ލަނޑުދަނޑިތަކެއް ކަނޑައަޅައި ހާސިލު ކުރަންޖެހޭ ވަކިކަންތައްތަކެއްގެ މައްޗަށް އެކުލެވޭ މަގުޗާޓެއް ސުޕްރީމް ކޯޓުން އެކުލަވާލައިފިއެވެ.

ޝަރުއީދާއިރާ އިސްލާހުކުރުމުގެ މަގު ޗާޓެއް ސުޕްރީމް ކޯޓުން އެކުލަވާލާފައި މިވަނީ މިދިޔަ ފެބްރުއަރީ މަހު ޖުޑީޝަލް ކޮންފަރެންސް އޮން ޖުޑީޝަލް އިންޑިޕެންޑެންސް އެންޑް ރިފޯމްގެ ނަމުގައި ބޭއްވި މަހާސިންތާއަށް ހުށަހެޅި ޚިޔާލުތަކަށް ރިއާޔަތް ކޮށްފައެވެ.

ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށާއި ފަނޑިޔާރުގެތައް މިނިވަން ކުރުމުގެ ގޮތުން ސުޕްރީމް ކޯޓުން އެކުލަވާލި މަގު ޗާޓް އަމާޒުކޮށްފައި ވަނީ ކުރިއަށް އޮތް 5 އަހަރުގެ ތެރޭގައި ޖުޑީޝަރީން ހާސިލުކުރަން ބޭނުންވާ ކަންކަމާއި އިސްލާހު ކުރަންޖެހޭ ކަންކަމުގެ މައްޗަށެވެ.

ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑީޖޭއޭއިން ވިދާޅުވީ އަލަށް އެކުލަވާލި މަގު ޗާޓް އިފްތިތާހު ކުރުމަށް ހާއްޞަ ރަސްމިއްޔާތެއް މިރޭ ބާއްވަން ނިންމަވާފައިވާ ކަމަށެވެ. އަދި އެ ހަފްލާގައި އުއްތަމަ ފަނޑިޔާރު ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވާހަކަފުޅު ދެއްކެވުމަށް ހަމަޖެހިފައިވާކަމަށްވެސް ޑީޖޭއޭއިން މަޢުލޫމާތުދެއްވައެވެ.

ޝަރުއީދާއިރާ އިސްލާހުކުރުމުގެ މަގު ޗާޓެއް ސުޕްރީމް ކޯޓުން އެކުލަވާލާފައި މިވަނީ ރާއްޖޭގެ ޖުޑިޝަރީގައި ގިނަ މައްސަލަތަކެއް ހުރިކަމަށްބުނެ އާންމުންނާއި ސިޔާސީ ފަރާތްތަކުގެ ފާޑުކިއުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. އެގޮތުން ބައެއް މައްސަލަތައް ކޯޓުތަކުން ބޭނުންވާގޮތަކަށް ނިންމަމުންދާކަމަށްބުނެވެސް ބައެއް ފަރާތްތަކުން ދަނީ ފާޑު ކިޔަމުންނެވެ. އަދި ކުރިއަށް އޮތް 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ޖުޑިޝަރީ އިސްލާހު ކުރުމަށް ގިނަ މަސައްކަތްތަކެއް ކުރަން ރާވާފައިވާކަން އަލަށް މަޖިލީހަށް އިންތިޚާބުވި މެންބަރުންވެސް ބުނަމުން ދަނިކޮށެވެ.

ޖުޑިޝަރީ އިސްލާހް ކުރުމަކީ ރައީސް ޞާލިހްގެ ރިޔާސީ ވައުދުފުޅެކެވެ. އަދި ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީން މަޖިލިސް އިންތިޚާބަށް ނެރުނު އެޖެންޑާ 19ގެ ސިޔާސަތުގައިވެސް ހިމެނޭ ކަމެކެވެ. މި ސިޔާސަތުގެ ދަށުން ޖުޑިޝަރީ އިސްލާހުކޮށް ފަނޑިޔާރުންގެ ނަޒާހަތްތެރިކަން ކަށަވަރު ކުރުމަށް ކުރަންޖެހޭ ކަންކަން ކުރުމަށް ވަނީ ހަމަޖެހިފައެވެ.