ސްވިމިންގ ޓްރެކް ހިމެނޭ ސަރަހައްދު ހިޔާ ކުރުމުގެ މަސައްކަތް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ޔޫތް މިނިސްޓަރ އަޙުމަދު މަޚުލޫފް ވިދާޅުވެއްޖެއެވެ.
މަޚުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓްރެކުގެ މަސައްކަތް އަވަސްކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހު އެދިވަޑައިގެންފައިވާ ކަމަށެވެ. އެއާއެކު މަޚުލޫފް ވަނީ ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސް އާއި އެމްޓީސީސީގެ އިސްވެރިންނާ ބައްދަލުކުރައްވާފަ ސްވިމިންގް ޓްރެކްގެ މަސައްކަތް ބާރު ސްޕީޑެއްގައި ކުރިޔަށްގެންދިޔުމާއި ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ.
ޕީއެސްއެމް ސްޕޯޓްސްއަށް މަޢުލޫމާތު ދެއްވަމުން މިނިސްޓަރ އަހުމަދު މަޚޫލޫފް ވިދާޅުވީ، ސްވިމިންގ ޓްރެކް ހިމެނޭ ސަރަޙައްދު ހިޔާކުރުމަށް އެސަރަހައްދު ކުރަހާ ނިމިފައިވާކަމަށާއި، އަންނަ ހަފްތާގައި ކުރެހުން ފައިނަލް ވުމުން ސްވިމިންގ ޓްރެކް ހިމެނޭ ސަރަހައްދު ހިޔާ ކުރުމަށް ބޭނުންވާތީ އެމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޢިއުލާން ކުރުމަށް ހަމަޖެހިފައިވާކަމަށް މަޚުލޫފް ވިދާޅުވިއެވެ.
"ކުރެހުން މިހާރު އެއްކޮށް ކަހަލަ ގޮތަކަށް ނިމިފައި ވަނީ. އަޅުގަނޑަށް ވަރަށް ބޮޑަށް ޔަގީންކަން ލިބިފައި އޮތީ އަންނަ ހަފްތާ ޑީޓެއިލް ކުރެހުންނިމި މިނިސްޓްރީ އާއި ސްވިމިންގ އެސޯސިއޭޝަން ގުޅިގެން މިކަން ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކުރެވިގެންދާނެ." ޔޫތް މިނިސްޓަރ މަޚުލޫފް ވިދާޅުވިއެވެ.
ސްވިމިންގ ޓްރެކްގައި ރޭގަނޑު ފެތޭނެ އިންތިޒާމް ހަމަޖެއްސުމުގެ ގޮތުން މިހާރުވަނީ ޓްރެކްގައި ލައިޓްވެސް ހަރުކޮށްފައެވެ. އަދި ޓްރެކަށް ފަސް ޖަމާވުމުގެ ސަބަބުން ޓްރެކް ތިލަވުމުގެ ސަބަބުން އެ ސަރަހައްދު ފުން ކުރުމުގެ މަސައްކަތްވެސް އެމްޓީސީސީ އާއި ގުޅިގެން މާދަމާ ހެނދުނު ފެށިގެންދާނެކަމަށާއި، މި މަސައްކަތް ނިމެންދެން އެ ސަރަހައްދަށް މޫދަށް އެރުން މަނާވާނެކަމަށް ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން މައުލޫމާތުދެއެވެ.